ބިލް ގޭޓްސް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ މުއްސަނދި މީހަކަށް ޖެފް ބޭޒޯސް

ބިލް ގޭޓްސް ފަހަތަށް ޖައްސާލުމަށް ފަހު ޖެފް ބޭޒޯސް ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދާފައި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖުލައި 18): ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި އެންމެ ކުރީގައި އޮތް ބިލް ގޭޓްސްގެ ނަން ފަހަތަށް ޖައްސާލުމަށް ފަހުން އެޖާގަ އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް ހޯދައިފި އެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހު ބޭޒޯސްގެ މިލްކިއްޔާތުގެ އަގު ވަނީ 150 ބިލިއަން ޑޮލަރަށް އަރާފައި އެވެ. އެއީ މައިކްރޯސޮފްޓުގެ ކޯ-ފައުންޑާ ބިލް ގޭޓްސްއަށް ވުރެ 55 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބޭޒޯސްގެ މިލްކިއްޔާތުގެ އަގު ވަނީ ފާއިތުވީ 12 މަސް ތެރޭ 60 ބިލިއަން ޑޮލަރު އިތުރުވެފަ އެވެ.

މިހާރު ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ގޭޓްސްގެ މިލްކިއްޔާތުގެ އަގަކީ 95 ބިލިއަން ޑޮލަރެވެ. އޭނާ ވަނީ 1996ގެ ފަހުން، މައިކްރޯސޮފްޓުގެ 700 މިލިއަން ހިއްސާ އާއި 2.9 ބިލިއަން ޑޮލަރުގެ ކޭޝް ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނަށް ހަދިޔާކޮށްފަ އެވެ.

އަދި ބޭޒޯސް ވަނީ އެމެޒޯންގެ އެއް ބިލިއަން ޑޮލަރުގެ ހިއްސާ ކޮންމެ އަހަރަކު 'ބްލޫ އޮރިޖިން'އަށް ފަންޑު ކުރުމަށްޓަކައި ވިއްކާލާ ކަމަށް ބުނެފައި އެވެ. އެއީ ކޮމާޝާލް ސްޕޭސް ޓްރެވެލް ތަރައްގީ ކުރުމުގެ ގޮތުން ހަދާފައިވާ ޕްރޮޖެކްޓެކެވެ.

މީގެ ކުރިން ޖުލައި 2017އިގައިވެސް އެމެޒޯންގެ ހިއްސާގެ އަގު އުފުލުމުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ބޭޒޯސްއަށް ލިބުނެވެ. ނަމަވެސް ހިއްސާގެ އަގު އަނެއްކާ ވެސް ދަށަށް ދިޔުމުން ލިސްޓުގެ ދެވަނަ އަށް ބޭޒޯސްގެ ނަން ވެއްޓުނެވެ. (ބީބީސީ)

comment ކޮމެންޓް