އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަށްވުރެ ނަޝީދު ސަރުކާރުގެ ކޮރަޕްޝަން ބޮޑު: އަދުރޭ

ނޮޅިވަރަމުގައި ބޭއްވި ޖަލްސާގައި އަބްދުރަހީމު ވާހަކަ ދައްކަވަނީ: ފޮޓޯ ޓްވިޓާ/އެމްޑަބްލިއުއެެސްސީ

ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އިދިކޮޅަށް ނެތް ކަމަށާއި މި ސަރުކާރުގައި ހިނގައިދިޔަ ކޮރަޕްޝަނުގެ އަމަލުތަކަށްވުރެ އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމު އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އިދިކޮޅުން އެމީހުންގެ ކެމްޕެއިނުގައި ބޭނުންކުރަނީ މަައިގަނޑު ތިން ލަފުޒެއް ކަމަށާއި އެއީ ކޮރަޕްޝަނާ އަނިޔާވެރިކަމާ ނާއިސްސާފު ކަމަށެވެ.

ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުގެ އެއްވެސް ފުރުސަތެއް އިދިކޮޅު ފަރާތްތަކަކަށް ނޯންނާނެކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ މި ސަރުކާރުގައިވެސް ކޮރަޕްޝަނުގެ ވަރަށް ބޮޑު އަމަލެއް ހިނގާފައިވާ ކަމަށެވެ.

"މިވާހަކަ ދައްކަން ފަށާއިރުވެސް އެއްބަސްވާނަން އަޅުގަނޑުމެންގެ ސަރުކާރުގައިވެސް ވަނީ ޚިޔާނާތުގެ ވަރަށް ބޮޑު މައްސަލައެއް ހިނގައިފަ. އެއީ އެމްއެމްޕީއާރުގެ ހިޔާނާތުގެ މައްސަލަ. އެކަމަށް އަޅުގަނޑު އެއްބަސްވަން. ހަމަ އެއާއެކީ ދަންނަވަން ބޭނުންވަނީ މިއަށްވުރެ ވަރުގަދަ ހިޔާނާތުގެ މައްސަލަ އެބަހުއްޓޭ ކުރީގެ ސަރުކާރުތަކުގައި ހިނގާފަ. ކީއްވެގެންތޯއޭ ފިޔަވަޅު ނޭޅީ؟ މިއަދު ކޮރަޕްޝަނުގެ ވާހަކަ ދައްކާ މިހާހިސާބަށް ކޮރަޕްޝަނުގެެ ކަންތައް ފުޅާވެގެން ދިޔައީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުރީގެ ސަރުކާރުތަކުން އެކަމާ ދޭތެރޭ ދޭންޖެހޭ ސަމާލުކަން ނުދިނުމުން،" އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު ފަޚުރުވެރިކަމާއެކީ ދަންނަވަން ކެރޭ ކޮރަޕްޝަނުގެ އަމަލެއް ހިންގީމާ އެކަމަށް ފިޔަވާޅު އެޅި ހަމައެކަނި ސަރުކާރަކީ އަޅުގަނޑުމެންގެ ސަރުކާރު،" އަދުރޭ ވަނީ މީގެ ކުރިން ސަރުކާރުތަކުގައި ހިނގި ކޮރަޕްޝަނުގެ މައްސަލަތަކާމެދު ފިޔަވަޅު ނޭޅީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

އެމްޑީޕީގެ ސަރުކާރުގައި ހިނގައި ދިޔަ ކޮރަޕްޝަންތަކަކީ މި ސަރުކާރުގައި ހިނގައިދިޔަ ކޮރަޕްޝަނުގެ އަދަދަށްވުރެ މާބޮޑު އަދަދެއް ކަމަށާއި އެކަން އޮޑިޓް ރިޕޯޓުތަކުން ފެންނަން އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ކޮރަޕްޝަނުގެ އަމަލުތައް އެމްޑީޕީން ގަބޫލު ކުރާ ކަމަށާއި ނަމަވެސް އެކަމަށް ފިޔަވަޅު ނޭޅީ ކީއްވެތޯ އަދުރޭ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު އޮތް ޔަގީން ކަމަކީ ރައީސް ޔާމީނުގެ ކިތަންމެ އަރިސް ބޭފުޅެއް ނަމަވެސް، ކޮރަޕްޝަނާ ފަސާދައިގެ އަމަލެއް ސާބިތުވެއްޖެއްޔާ އެމީހަކާ ދޭތެރޭ ފިޔަވާޅު އެޅުމުގައި ރައީސް ޔާމީން ފަސްޖެހި ވަޑައިނުގަންނަވާނެ ކަން،"

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅުގައި ތިބި ފަރާތްތަކަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ އަނިޔާވެރި އަމަލުުގައި ބައިވެރިވި މީހުން ކަމަށެވެ. އެގޮތުން 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާގެ ބައިވެރިން އިދިކޮޅުގައި އެބަތިބި ކަމަށާއި އެ އަމަލު ހިންގީ އަމިއްލަ އެދުން އިސްކޮށްގެން ވެރިކަމުގެ ބޭނުމުގައި ކަން ޔަގީންވާން އޮތް ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންފަދަ ގައުމަށް ވަފާތެރި ދީނަށް ތެދުވެރި ވެރިޔެއް ދިވެހި ގަައުމު އަދި ނުދެކޭ ކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުގެ މިވީހާތަނުގައި އެމަނިކުފާނަށް ކުރިމަތިވިފަދަ ގޮންޖެހުންތައް ކުރިމަތިވި އިތުރު ވެރިޔަކު ނުހުންނާނެ ކަމަށާއި އެ ގޮންޖެހުންތަކާ ކުރިމަތިލެއްވީ ގައުމިއްޔަތާއި ދީން އިސްކުރައްވައިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ބިތްޖެހިފައި ތިބޭ ޒުވާނުން ނުތިބޭ ކަމަށާއި ވަޒީފާގެ ބާޒާރު ތަރައްގީވެ އިގްތިސާދީ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ޒުވާނުންނަށް ފަހިވެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ގައުމުގައި ހަރުދަނާ ނިޒާމެއް ގާއިމްވެ ބައެއްގެ އަތްތަދަށް ނުގޮސް އޮތުމަށާއި ރާއްޖޭގައި ސައްތައިން ސައްތަ އިސްލާމީ ވެރިކަމެއް ބޭއްވުމަށްވެސް އިދިކޮޅަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވިއިރު މުސާރަ ދޭނެ ލާރިއެއް ނެތުމުން އޭރުގެ ސަރުކާރަށް ޖެހުނީ ގައުމުގެ މުއްސަނދިން އަތުން ލޯނު ނަގައިގެން މުސާރަ ދޭން ކަމަށެވެ.

comment ކޮމެންޓް