އިސްރާއީލުން ޣައްޒާއަށް ދަތިކުރުުމުގެ ފިޔަވަޅުތަކެއް އަަޅައިފި

ކަރެމް ޝަލޮމް މަގުން މުދާ އެތެރެ ކުރަނީ / ފޮޓޯ: ރޮއިޓާސް

ޣައްޒާއަށް ތެލާއި ގޭސް އެތެރެ ކުރުން ހުއްޓުވުމަށް އިސްރާއީލުގެ ޑިފެންސް މިިނިސްޓްރީން ނިންމައިފިއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު އިސްރާއީލުން ވަނީ ޣައްޒާއަށް މުދާ އެތެރެކުރުމަށް އޮންނަ ހަމައެކަނި މަގު ކަމަށްވާ ކަރަމް އަބޫ ސަލަމް މަގު ބަންދު ކޮށްފައެވެ. އެ މަގުން އެތެރެކުރަން ހުއްދަ ދީފައި ވަނީ ހަމައެކަނި އިންސާނީ ހައްގެއްގެ ގޮތުގައި ހިމެނޭ ތަކެއްޗެވެ. އޭގެ ތެރޭގައި ތެޔޮ ވެސް ހިމެނެއެވެ.

އެހެން ނަމަވެސް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ހޯމަ ދުވަހު އިއުލާނުކޮށްފައި ވަނީ އެ މަގުން ތެލާއި ގޭސް ޣައްޒާއަށް އެތެރެކުރުން މަނާ ކޮށްފައިވާ ކަމަށެވެ. އަދި އެ މަގުން އެތެރެކުރެވޭނީ ހަމަ އެކަނި ކާބޯތަކެއްޗާއި ބޭސް ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކަރެމް ޝަލޮމް މަގު ބަންދުކުރަން ޑިފެންސް މިނިސްޓަރު އަވިގްޑޯ ލެއިބާމަން ނިންމާފައި ވަނީ ހަމާސްގެ ފަރާތުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. އަދި ޗީފް އޮފް ސްޓާފް އާއި މަޝްވަރާ ކުރުމަށް ފަހު ތެލާއި ގޭސް އެ މަގުން އެތެރެކުރުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މަނާކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޣައްޒާގެ ރައްޔިތުން މަސްވެރިކަން ކުރަން ކަނޑައަޅާފައިވާ ސަރަހައްދު ވެސް އިސްރާއީލުން ވަނީ ކުޑަކޮށްފައެވެ. މަސްވެރިކަން ކުރާ ސަރަހައްދު ކުޑަކޮށްފައި ވަނީ ޣައްޒާގެ ބޭރުން ހަ ނޯޓިކަލް މޭލުން، ތިން ނޯޓިކަލް މޭލަށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން 12 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރުމުގެ ހުއްދަ ޣައްޒާގެ ރައްޔިތުންނަށް އޮތެވެ.

އދ. އާއި އިސްރާއީލުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ގީޝާއިން މި ނިންމުން ސިފަކޮށްފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ދިން އަދަބެއްގެ ގޮތުގައެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސް އިން ބުނެފައި ވަނީ އިސްރާއީލުގެ ނިންމުމަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް ކަމަށެވެ.

comment ކޮމެންޓް