ރަޝިއާ ދިފާއުކޮށް ދެއްކެވި ވާހަކަ ޓްރަމްޕް އަނބުރާ ގެންދަވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިއާ ދިފާއުކޮށް ދެއްކެވި ވާހަކަ އަނބުރާ ގެންދަވާފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 18): ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އެގައުމު ދިފާއު ކުރައްވާ ދެއްކެވި ވާހަކަ ރައީސް ޑޮނަލްޑް ޓްރަމްޕް އަނބުރާ ގެންދަވައިފި އެވެ.

ހޯމަ ދުވަހު ފިންލޭންޑުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ޓްރަމްޕް ވިދާޅުވި ގޮތުގައި، ރައީސް ޕޫޓިން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައި އެވެ. އަދި އެމައްސަލާގައި ކުށްވެރިވާންވީ ރަޝިއާ ކަމަށް ވާންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް ޕޫޓިން ވިދާޅުވީ [ނުފޫޒު ފޯރުވީ] ރަޝިއާއިން ނޫން ކަމަށް. އަޅުގަނޑަކަށް ނުވިސްނޭ [އެއީ ރަޝިއާއަށް] ވާންވީ ސަބަބެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އޭގެ ސަބަބުން ޑިމޮކްރެޓިކް ޕާޓީ އާއި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީން ވެސް ވަނީ ރައީސަށް ފާޑު ކިޔައިފަ އެވެ.

ނަމަވެސް އިއްޔެ ޓްރަމްޕް ވަނީ ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅުގައި، މާނަ އޮޅުން އަރާ ފަދަ ޖުމްލައެއް ވަނީ ވިދާޅުވެފަ އެވެ.

"އެޖުމްލައިގެ ރަނގަޅު ގޮތަކީ: 'އަޅުގަނޑަކަށް ނުވިސްނޭ އެއީ ރަޝިއާއަށް ނުވާންވީ ސަބަބެއް'،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އިތުބާރު ކުރައްވާ ކަމަށާއި ރަޝިއާ އިން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް އެ އިދާރާތަކުން ނިންމުމުން އެކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ދެހާސްސޯޅަ ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ރަޝިއާ އިން ރައީސް ޓްރަމްޕް ވެރިކަމަށް ގެނައުމަށް ޓަކައި އެއަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ނިންމައިފަ އެވެ. އަދި އެމައްސަލާގައި މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ރަޝިއާގެ 12 އިންޓެލިޖެންސް އޮފިސަރުންގެ މައްޗަށް ދައުވާކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް