ފޯކައިދޫ ކައިރިން ނިއުއަށް އުނދަގޫ މޮޅެއް

ނިއުއާއި ފޯކައިދޫ މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ށ. ފޯކައިދޫ ކައިރިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައިވެސް ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑެލާ ފެނިފައެއް ނުވެއެވެ. މާލޭ ލީގުގެ ފަހު ކޮޅުގައި އަނިޔާވިފަހުން އޭނާއަށް އަދި ކުޅެވިފައެއް ނުވެއެވެ. މިރޭގެ މެޗުގައި ކަންޑެލާގެ ބަދަލުގައި ފުރަތަމަ 11އިން ފެނުނީ އިމްރާން ނަޝީދު (އިންމަ)އެވެ.

މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ފޯކައިދޫންވެސް ވަރަށް ބޮޑަށް އެޓޭކް ކުރުމަށް ކުރިއަށް ޖެހުނު އިރު، އެޓީމު ފަރާތުން ނިއުގެ ޑިފެންސަށް ނުރައްކާ ކުރިކަންވެސް ފާހަގަކޮށްލެވުނެވެ. މެދުތެރެއިން ޕާސް ޖަހައިގެން ފޯކައިދޫންވެސް ކުޅެން މަސައްކަތް ކޮށްފައިވާ އިރު، މެޗުގެ ފުރަތަމަ ކޮޅު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީވެސް ފޯކައިދޫންނެވެ.

ނިއުއާއި ފޯކައިދޫ މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފުރަތަމަ 20 މިނެޓުގައި ފޯކައިދޫން ނިއުގެ އެޓޭކް ހިފެހެއްޓުމުގައި ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް 24 ވަނަ މިނެޓުގައި ނިއުއިން ލީޑު ނެގިއެވެ. ފޯކައިދޫ ހާފްގެ މެދެއްހާ ހިސާބުން އަލީ ފާސިރް (ސެންޓޭ) ބޯޅައާއެކު ކުރިއަށް ގޮސް، ދެ ޑިފެންޑަރުންވެސް ނައްޓާލުމަށްފަހު ބޯޅަ ގޯލައް ވައްދާލީ ފޯކައިދޫ ކީޕަރު ސާގިބް ހަނީފްގެ ބޯ މަތިން ޗިޕެއް އެއްލައިގެންނެވެ.

ފުރަތަމަ ހާފްގައި އިތުރު ހަމަލާތަކެއް ފެނިފައި ނުވި ނަމަވެސް ދެޓީމުގެ ފަރާތުންވެސް ފޯރި ގަދަ ކުޅުމެއް ފެނިފައިވެއެވެ. ހާއްސަކޮށް މެޗުގައި ފިޒިކަލް ކުޅުމެއް ފެނުނުކަން ފާހަގަކޮށްލަން ޖެހެއެވެ. ހާފް ނިމެންދަނިކޮށް ނިއުގެ ނުރައްކާތެރި ކޯނަރެއް ފެނިގެންދިޔައެވެ. ސެންޓޭ ނެގި ކޯނަރު ގޯލަށް ވަންނަން ދިޔަ ނަމަވެސް ފޯކައިދޫ ގޯލްކީޕަރު ސާގިބް ހަނީފް ވަނީ އެއް އަތުން ބޯޅަ ޕަންޗުކޮށް، ބޭރުކޮށްލައިފައެވެ.

އޭގެ ދެ މިނެޓްފަހުންވެސް ނިއުގެ އިތުރު ހަމަލާއެއް ފެނިގެން ދިޔައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ތުރޫ ބޯޅައަށް ސެންޓޭ ކުރިއަށް ވަދެ، އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާވެސް ދިފާއުކުރީ ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ސާގިބް ހަނީފެވެ.

ނިއުއާއި ފޯކައިދޫ މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފްގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިފައިވެއެވެ. ނިއުގެ ސެންޓޭގެ ބާރު ހަމަލާ ފޯކައިދޫގެ ކީޕަރު ސާގިބް ހަނީފް ދިފާއުކުރި އިރު، ނިއުގެ އޭރިއާ ތެރެއިން ފޯކައިދޫގެ ހަލީލް ގަމާލްއަށް ލިބުނު ފަހި ދެ ފުރުސަތުގެވެސް އޭނާއަށް ބޭނުންކުރެވިފައެއް ނުވެއެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ފޯކައިދޫން ނަތީޖާ ހަމަހަމަ ނުކުރީ ކިރިޔާއެވެ. އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ހަލީލް ހުރަސް ކުރި ބޯޅަ އަހުމަދު އުޝާމް (ކަޅޫ)އަށް ހުސްކޮށް ލިިބުނު ނަމަވެސް، ބޯޅަ ބޭރަށް ދިޔައީ އޭނާގެ ބޮލާ ރަނގަޅަށް ލައްވާ ނުލައެވެ.

ފޯކައިދޫގެ ފުރުސަތަށް ތިން މިނެޓް ފަހުން އަނެއްކާވެސް ފޯކައިދޫ ގޯލްކީޕަރު ސާގިބް ހަނީފްގެ ވަރުގަދަ ސޭވްއެއް ފެނިގެންދިޔައެވެ. ނިއުގެ ރުވާންޑާ ފޯވަޑް އަތޫރޭ ކިޕްސަން ފޮނުވާލި ބާރު ހަމަލާ ސާގިބް ދިފާއުކުރީ ހުށިހާރު ކަމާއެކުގައެވެ.

މެޗުގެ 77 ވަނަ މިނެޓުގައިވެސް ނިއުއަށް ލީޑު ފުޅާކުރުމަށް ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ގޯލްކީޕަރު ސާގިބް ހަނީފެވެ. އޭރިއާ ތެރޭގައި ހުސްކޮށް އޮވެ މުހައްމަދު އުމެއިރު ފޮނުވާލި ހަމަލާ ފައިގައި ޖައްސާ ސާގިބް ހަނީފް ދުއްވާލި އިރު، އެ ބޯޅައިގެ ރީބައުސް ބޯޅަ އިބްރާހީމް އަތީގު ފޮނުވާލި ގޯލްގެ މަތިންނެވެ. އަތީގު މެޗަށް ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ނިއުއާއި ފޯކައިދޫ މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފަހު ދިހަ މިނެޓް ފޯރިގަދަކޮށް ފެނުނު އިރު، ދެޓީމުގެ ކުޅުންތެރިންގެ މެދުގައިވެސް ދެބަސވުންތައް ހިނގާފައިވެއެވެ. މެޗުގެ އިތުރު ވަގުތުގައިވެސް ނިއުއަށް ވަނީ ލީޑު ފުޅާކުރާނެ ފުރުސަތެއް ލިބިފައެވެ. ސެންޓޭއަށް ލިބުނު އެ ފުރުސަތުވެސް މަތަކުރީ ފޯކައިދޫގެ ގޯލް ކީޕަރު ސާގިބް ހަނީފެވެ.

މިރޭގެ މެޗުން މޮޅުވެ ނިއުއަށް ވަނީ މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ. އެޓީމު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. ކުޅުނު ހަތަރު މެޗުން ފޯކައިދުއަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

comment ކޮމެންޓް