އިހަވަންދޫގައި ގާއިމްކުރި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްދެއްވައިފި

އިހަވަންދޫ ނަރުދަމާ ނިޒާމު އިފްތިތާހު ކުރެއްވުން --- ފޮޓޯ: ޓްވިޓަ

ހއ. އިހަވަންދޫގައި ގާއިމްކުރި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ނަރުދަމާގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އެރަށަށް ވަޑައިގެންނެވެ.

އެމްޑަބްލިިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް 62,806,797.77 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 17 މެއި 2016 ގައެވެ. މަސައްކަތް ނިންމާފައިވަނީ 28 އެޕްރީލް 2017 ގައެވެ.

މި މަޝްރޫޢުއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދެވިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އެމް.ޑަބްލިއު.އެސް.ސީ އިން ވަނީ އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީ.އައި.އޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން އިހަވަންދޫގައި ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި 13.58 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ރަށުގެ 482 ގެއަށް ވަނީ މި ޚިދުމަތް ދީފައެވެ.ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 100 މީޓަރުގެ އައުޓް ފޯލް ހޮޅި އަޅާައިވާއިރު ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

comment ކޮމެންޓް