ބޭރަށް ހިންގުމާއި ހޮޑުލުން އާންމުވެފައި ވާތީ ސަމާލުވާން އަންގައިފި!

އޭޑީކޭ ހޮސްޕިޓަލް -- ފޮޓޯ: ސަން

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި، ހާއްސަކޮށް މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އާންމުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި، އެހެން އަހަރުތަކުގައި ވެސް މި ދުވަސްވަރު ބޭރަށް ހިިންގުން އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބޭރަށް ހިންގުމާއި ހޮޑުލުުމުން ދުރުވުމަށް ރައްކާތެރި ބޯފެން ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކްލޮރިިނޭޓެޑް ނުވަތަ ކެއްކި ފެން ނުވަތަ ބަންދުކުރެވިފައިވާ ފެން ބޭނުން ކުރުމަސް އެ އެޖެންސީއިން ވަނީ އެދިފައެވެ. އަދި ވާރޭ ފެން ބޭނުންކުރާނަމަ ފުރާޅު ރަނގަޅަށް ސާފު ކުރުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ފާހާނާ ކުރުމަށް ފަހު ރަނގަޅަށް އަތް ދޮވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކެއްކުމަށް މާ ގިނަ ވަގުތު ނުވަނީސް ކާބޯތަކެތި ބޭނުންކުރުމަށާއި، ބާކީ ވާ ތަކެތި ފިނި ކުރުމަށް ވަނީ އެދިފައެވެ.

ބޭރަށް ހިންގައި ހޮޑުލެވެން ފަށައިފި ނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ކާތަކެތި ކެވޭނަމަ މަދު މަދުން އަވަސް އަވަހަށް ކާންދީ، ހަވާދުލީ އަދި ތެޔޮ ހުންނަ ކާބޯތަކެތި ކާން ނުދިނުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭރަށް ހިންގައި ހޮޑުލާން ފަށައިފި ނަމަ ކާބޯތަކެތި ތައްޔާރު ކުރުމުގައި ބައިވެރި ނުވުމަށް އެދިފައި ވެއެވެ.

ހޮޑުލައި ބޭރަށް ހިންގަން އުޅޭ ކަމުގެ އަލާމާތްތައް:

  • އާދަޔާ ހިލާފަށް އަނގަތެރެ ހިކި ކަރު ހިއްކުން
  • ކުޑަކަމުދާ މިންވަރު މަދުވުން
  • މާ ބޮޑަށް ވަރުދެރަވެ، ދިޔާތަކެތި ބޭނުން ނުކުރެވުން
  • އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
  • ތުއްތު ކުދިން ހުއްޓާ ނުލާ ރުއިން ނުވަތަ އާދައާ ހިލާފަށް ހަރަކާތް މަދުވުން
  • ހޮޑުލެވޭއިރު ނުވަތަ ބޮޑުކަމުދާއިރު ލޭ ހުރުން

ބޭރަށް ހިންގުމާއި ހޮޑުލެވުން އާންމުކޮށް ފެތުރެނީ ކާބޯތަކެތިންނާއި ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ.

comment ކޮމެންޓް