ސައުދީ އޭވިއޭޝަން އެކެޑެމީއަކުން ފުރަތަމަ ފަހަރަށް އަންހެން ޕައިލެޓުން ތަމްރީނު ކުރަނީ

ސައުދީ އަރަބިއާގެ އޮކްސްފޯޑް އޭވިއޭޝަން އެކެޑެމީއަށް ވަނުމަށް މިހާރުވެސް ގިނަ އަދަދެއްގެ އަންހެނުން ވަނީ ފޯމް ލާފައި -- ފޮޓޯ: ރޮއިޓާސް

ދައްމާމް (ޖުލައި 17): ސައުދީ އަރަބިއާގެ އޮކްސްފޯޑް އޭވިއޭޝަން އެކެޑެމީން ފުރަތަމަ ފަހަރަށް އަންހެން ޕައިލެޓުން ތަމްރީނު ކުރަން ނިންމައިފި އެވެ.

ދައްމާމުގައި ހުންނަ އެއެކެޑެމީގެ ބްރާންޗުގައި އަންނަ ސެޕްޓެމްބަރު މަހު ތަމްރީނުތައް ފެށުމަށް މިހާރު ވެސް އެތައް ސަތޭކަ އަންހެނުން ފޯމު ލާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޮކްސްފޯޑް އޭވިއޭޝަންގެ ޑިރެކްޓަރު އޮތްމަން އަލް މުތައިރީ ވިދާޅުވި ގޮތުގައި އެއެކެޑެމީގެ ދަރިވަރުންނަށް ތިން އަހަރުގެ އެކެޑެމިކް އަދި ޕްރެކްޓިކަލް ޓްރެއިނިން ދޭނެ އެވެ.

ސައުދީ އަންހެނުންނަށް އެފުރުސަތު ހުޅުވާލީ މިދިޔަ މަހު އެގައުމުގެ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިން ފަހުންނެވެ. އެއީ އެގައުމުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަސައްވަރުގެ ދަށުން، ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން ގެންނަ އިޖުތިމާއީ އަދި އިގުތިސާދީ ބަދަލުތަކެކެވެ.

އަދި ސައުދީ އަރަބިއާއިން ވަނީ އެގައުމުގައި ޕައިލެޓުންނާއި އެއާކްރާފްޓް މެއިންޓެނެންސް ޓެކްނީޝަނުން ތަމްރީނު ކުރުމަށް ޓަކައި 300 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ވެސް ފަށާފައި އެވެ. (ރޮއިޓާސް)

comment ކޮމެންޓް