އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވި މައްސަލަ ޓްރަމްޕް ދިފާއު ކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އިއްޔެ ފިންލޭންޑުގައި ބައްދަލުކުރައްވާފައި -- ފޮޓޯ: ރޮއިޓާސް

ހެލްސިންކީ (ޖުލައި 17): އެމެރިކާއިން ރަޝިއާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނާ ތުހުމަތުތަކާ ގުޅިގެން، އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާ ދިފާއު ކުރައްވާ ވާހަކަ ދައްކަވައިފިއެވެ.

ފިންލޭންޑުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު ރައީސް ޓްރަމްޕް ވަނީ ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

"ރައީސް ޕޫޓިން ވިދާޅުވީ (ނުފޫޒު ފޯރުވީ) ރަޝިއާއިން ނޫން ކަމަށް. އަޅުގަނޑަކަށް ނުވިސްނޭ (އެއީ ރަޝިއާއަށް) ވާންވީ ސަބަބެއް،" ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް 2016 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ރަޝިއާއިން ރައީސް ޓްރަމްޕް ވެރިކަމަށް ގެނައުމަށްޓަކައި އެއަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ނިންމާފައެވެ.

އެހެންކަމުން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ އިތުރުން ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންވެސް ވަނީ ޓްރަމްޕް އިއްޔެ ދެއްކެވި ވާހަކަފުޅަކީ، އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ނިންމުން ދޮގުކުރައްވައި ދެއްކެވި ވާހަކަފުޅުތައް ކަމަށް ބުނެފައެވެ.

ނަމަވެސް ޓްރަމްޕް ވަނީ އޭނާގެ ވާހަކަފުޅު ދިފާއު ކުރައްވައި، އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި "ހަމައެކަނި މާޒީއާ ބެހޭ ގޮތުން ވިސްނައިގެން އުޖާލާ މުސްތަގުބަލެއް" ބިނާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ ހެލްސިންކީގައި ބޭއްވި ބައްދަލުވުމަށް ފަހު ރައީސް ޕޫޓިން ވަނީ ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުގެ އޮފިސަރުންނާ ސުވާލު ކުރުމަށް އެމެރިކާގެ އިންވެސްޓިގޭޓަރުންނަށް ރަޝިއާއަށް ވަޑައިގަތުމަށް ދައުވަތު އަރުވައިފައެވެ.

ނަމަވެސް އޭގެ ބަދަލެއްގެ ގޮތުން، އެމެރިކާގައި ތިބި ކުށްވެރިންނާ ސުވާލު ކުރުމުގެ ފުރުސަތު ރަޝިއާއަށްވެސް ދޭން ޖެހޭނެ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

އެބައްދަލުވުމުގެ ކުރިން ރައީސް ޓްރަމްޕް ވަނީ އެމެރިކާއާއި ރަޝިއާގެ ގުޅުން މީގެ ކުރިން ގޯސްނުވާ ވަރަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެބައްދަލުވުމަށް ފަހު އެކަން ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)

comment ކޮމެންޓް