އަތޮޅު ތެރެއިން ފުޓުބޯޅަ ކުޅެން އައި ހަމައެކަނި ޓީމަކީ ނިލަންދޫ: ސުޒޭން

ގްރީންގެ ކޯޗު، އަލީ ސުޒޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަތޮޅު ތެރެއިން ދިވެހި ޕްރިމިއާ ލީގަށް އައި ޓީމުތަކުން، ރީތި ފުޓުބޯޅައެއް ކުޅުމަށް އައީ ހަމައެކަނި ފ. ނިލަންދޫ ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އަތޮޅު ތެރޭގެ ޓީމުތަކުން ޑިފެންސިވް ޓެކްޓިކްސްތައް ގެންގުޅޭތީ މީގެ ކުރިންވެސް ސުޒޭންގެ ފާޑުކިޔުންތައް އެޓީމުތަކަށް އަމާޒުކޮށްފައިވާ އިރު، އިއްޔެ ގްރީން ސްޓްރީޓްސްއާއި ނިލަންދޫގެ މެޗަށްފަހު ސުޒޭން ވަނީ ނިލަންދުއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

"ނިލަންދޫ ކޮޅަށް ހަ ގޯލް ޖެހުމަކީ ހިތްހަމަ ޖެހުމެއް. ނިލަންދޫން މާޔޫސްވާކަށް ނުޖެހޭ އެޓީމު ކޮޅަށް ހަ ގޯލް ވަނުމަކުން. އެއީ އަތޮޅު ތެރެއިން އައި ޓީމުތަކުން ފުޓުބޯޅަ ކުޅެން އުޅޭ ހަމައެކަނި ޓީމަކީ ނިލަންދޫ ކަން އެޓީމުން ސާބިތު ކޮށްދީފި. ބޮޑު ސްކޯއެއް އައުމަކީ މައްސަލައެއް ނޫން. އެކަމަކު ނިލަންދޫ އުޅުނީ ބޯޅަ ކުޅެން. އެއަކުން ލިބޭނެ ގެއްލުމެއް ނޯންނާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ނިލަންދޫން މިދިޔަ ހަފްތާގައި ވިކްޓަރީއާ ދެކޮޅަށްވެސް ވަރަށް ރަނގަޅަށް ކުޅެ ޕޮއިންޓެއް ހޯދި ކަމަށާއި، ނިލަންދޫން އިއްޔެގެ މެޗުގައި ގްރީންއަށްވެސް ނުރައްކާ ކުރި ކަމަށެވެ.

"ވިކްޓަރީއާ ދެކޮޅަށް ނިލަންދޫން ކުޅުނު މެޗުވެސް އެއްކޮށް ބެލިން ހަމަ. ވިކްޓަރީ ކައިރީގައި ވަރަށް ރަނގަޅަށް ކުޅުނު ނިލަންދޫން. ހުސް ފުރުސަތުތަކެއްވެސް ހޯދި. އެހެންވީމާ އަތޮޅުތަކުން އަންނަ ޓީމުތަކަށް ނިލަންދޫ މި ކުޅޭ ކުޅުން މިސާލަކަށް ވާން ޖެހޭ ކަންނޭނގެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިންވެސް ފެންނާނީ ރަނގަޅު ފުޓުބޯޅައެއް ކުޅެން މަސައްކަތް ކޮށްގެން ކަމަށާއި، އިއްޔެގެ މެޗުންވެސް ނިލަންދޫގެ ބައެއް ކުޅުންތެރިން ފާހަގަވި ކަމަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ބުންޏެވެ.

އިއްޔެ ކުުޅުނު މެޗު 6-0ގެ ނަތީޖާއަކުން ގްރީން ކާމިޔާބުކޮށްފައިވާ އިރު، މެޗަށްފަހު ނިލަންދޫގެ މެނޭޖަރު އަބްދުﷲ ހަލީމް ބުނެފައި ވަނީ ޓީމަށް ދިމާވި މައްސަލައަކީ ތަޖުރިބާ މަދު ޑިފެންޑަރުންނަށް ގޯސްތަކެއް ހެދުން ކަމަށެވެ.

އިއްޔެގެ މެޗުން މޮޅުވެ ގްރީން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން އެޓީމަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ހަތަރު މެޗުން ނިލަންދުއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެއީ މިދިޔަ ހަފްތާގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ނިލަންދޫން ހޯދި ޕޮއިންޓެކެވެ.

comment ކޮމެންޓް