މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި އޮތް ބައި ބާތިލް ކުރުމަށް ދައުލަތުން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން ބުރާސްތި ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

އެ މައްސަލަ ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އަށެވެ.

އެކެއް ފެބްރުއަރީގެ އަމުރުގައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް ބާތިލްކުރާ ކަމަށެވެ.

ދައުލަތުން ހުށަހެޅި މައްސަލަ ބަލައި ނިމެންދެން އެކެއް ފެބްރުއަރީގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުރިން ތިން ފަނޑިޔާރުންގެ ބެންޗުން ބަލަމުން އައި އެ މައްސަލަ މިހާރު ބައްލަވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ބަދަލުގައި ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ އާއި އަބްދުލް ޣަނީ މުހައްމަދު ދާދިފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ. އަދި އުއްތަމަ ފަނޑިޔާރު ކަމަށް ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އައްޔަން ކުރައްވާފައެވެ.

އެފަދަ މައްސަލައެއް ދައުލަތުން ހުށަހަޅާފައިވާއިރު، އެ 12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ދާދިފަހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ވަނީ މާއްދާއެއް ހިމަނާފައެވެ.