ރަޝިއާ އާ އެކު ގުޅުން ހީނަރުވެފައި ވަނީ އެމެރިކާގެ ސަބަބުން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިއާގެ ރައިސް ވްލެޑްމިއާ ޕޫޓިން

އެމެރިކާ އާއި ރަޝިއާގެ ދެމެދުގައި ގުޅުން އެހާ ބޮޑަށް ހީނަރުވެފައި ވަނީ އެމެރިކާގެ ސަބަބުން ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ ރަޝިއާއި އެމެރިކާގެ ދެމެދުގައި އޮތް ގުޅުން ދުވަހަކު ވެސް ހީނަރުވެފައި ނުވާ ވަރަށް މިއަދު ހީނަރުވެފައިވާ ކަމަށެވެ. އަދި އެއީ އެމެރިކާގެ "މޮޔަކަމުން" ކުރިމަތިވެފައިވާ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ ފިންލެންޑުގެ ވެރިރަށް ހެލްސިންކީގައި، ރަޝިއާގެ ރައީސް ވްލެޑްމިއާ ޕޫޓިންއާ ބައްދަލު ކުރުމަށް މަދު ގަޑިއުރުތަކަކަށް ވެފައި ވަނިކޮށެވެ. މި ބައްދަލުކުރެއްވުން ވެގެންދާނީ މި ދެ ލީޑަރުން ވަކިން މަޝްވަރާ ކުރެއްވުމަށް ބާއްވާ ފުރަތަަމަ ބައްދަލުކުރެއްވުމަށެވެ.

ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިއާ އިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް، ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވަނީ އެމެރިކާގެ ސަބަބުން ކަމަށް ވިދާޅުވުމުން އަނެއްކާ ވެސް ޓްރަމްޕް އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ރަޝިއާ އާއެކު ޓްރަމްޕް ގާތް ގުޅުމެއް ގެންގުޅޭ ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވިފައިވެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ހެކް ކުރިކަމުގެ ތުހުމަތުގައި ރަޝިއާގެ 12 މީހެއްގެ މައްޗަށް މިހާރު ވަނީ ހުުކުމް ވެސް ކޮށްފަ އެވެ.

ހެލްސިންކީގައި މިއަދު ބާއްވާ ބައްދަލުވުމުގައި އެކަމާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އޮތް ނޭޓޯ ސަމިޓަށް ފަހު ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން ސްކޮޓްލޭންޑުގައި ހުންނަވައިގެން މިދިޔަ ހޮނިހިރު ދުވަހު "ސީބީއެސް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި، އޫރަޕިއަން ޔުނިއަން އަކީ އަދުއްވެއް ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދެއްކެވުމުން ވެސް އޭނާއަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

comment ކޮމެންޓް