ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 149އަށް އަރައިފި

ބަލޮޗިސްތާނުގައި ދިން ހަމަލާއާ ދެކޮޅަށް ކަރާޗީގައި މުޒާހަރާ ކުރަނީ. އެ ހަމަލާގައި 149 މީހަކު މަރުވި. --- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (ޖުލައި 16): ޕާކިސްތާނުގެ އާއްމު އިންތިހާބަށް ކެމްޕެއިން ކުރަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު 149އަށް އަރައިފިއެވެ.

ސީނިއާ ޕޮލިސް އޮފިޝަލް ގައިމް ލަޝާރީ ވިދާޅުވި ގޮތުގައި ބަލޮޗިސްތާނުގެ މަސްތަންގުގައި ދިން އެ ހަމަލާގައި 189 މީހަކު ޒަހަމްވިއެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ބަލޮޗިސްތާން އަވާމީ ޕާޓީ (ބީއޭޕީ)ގެ ރެލީއަކަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ 2014 ވަނަ އަހަރު ޕިޝާވަރުގެ ސްކޫލަކަށް ތާލިބާނުން ދިން ހަމަލާއަށް ފަހު އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. ހަތިޔާރު އަޅައިގެން ތިބި ހަ މީހަކު ސްކޫލަށް ދިން އެހަމަލާގައި ވެސް 149 މީހަކު މަރުވިއެވެ.

ހުކުރު ދުވަހު ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ތާލިބާނުންވެސް ނަގާފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ބީއޭޕީގެ ލީޑަރު އަދި މަޖިލީހަށް ވާދަ ކުރައްވަމުން ގެންދެވި ސިރާޖް ރައިސާނީ ހިމެނެއެވެ. އަދި އެއީ މިމަހުގެ 25ގައި ބާއްވާ އާއްމު އިންތިހާބާ ގުޅިގެން ފާއިތުވި ހަފްތާ ތެރޭ ދިން ހަތަރު ވަނަ ހަމަލާއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް