ހޮހޮޅައިގެ ތެރޭގައި ޑައިވަރު މަރުވި ކަމުގެ ހަބަރާއެކު ކުދިންނަށް ހިތާމަވެރިކަން!

ހޮހޮޅައިގައި ތާށިވި ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ޑައިވަރަކު މަރުވިކަން އެކުދިންނަށް އެންގީ ހޮނިހިރު ދުވަހު -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (ޖުލައި 16): ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިން ސަލާމަތް ކުރުމުގެ ތެރޭގައި ޑައިވަރަކު މަރުވި ހަބަރު އެކުދިންނަށް ލިބުމާއެކު، ހުރިހާ ކުދިންވެސް ހިތާމަ ފާޅުކޮށްފިއެވެ.

ތައިލޭންޑުގެ ކުރީގެ ނޭވީ ސީލްއެއް ކަމަށްވާ ސަމަން ގުނަން މަރުވީ ހޮހޮޅައިގެ ތެރޭގައި ތިބި ޑައިވަރުންނަށް އޮކްސިޖެން ޓޭންކުތަކެއް ދިނުމަށް ފަހު، އެނބުރި ދިޔަ މަގުމަތީގައެވެ.

ނަމަވެސް ގުނަން މަރުވިކަން އެކުދިންނާއި އެކުދިންގެ ކޯޗަށް އެންގީ ހޮނިހިރު ދުވަހުގައެވެ. އެއީ އެފަދަ ހަބަރެއް އެކުދިންނަށް ދޭން އެންމެ ރަނގަޅު ވަގުތަކީ އެއީ ކަމަށް ޑޮކްޓަރުން ނިންމުމުންނެވެ.

"އެންމެންވެސް ރުއި އަދި ލެފްޓެނެންޓް ކޮމާންޑާ ސަމަންގެ ކުރެހުމެއްގައި ތައުޒިޔާގެ މެސެޖުތައް ލިޔެ، އެއް މިނިޓުގެ ސުކޫތެއް ގެނައި،" ތައި ހެލްތު މިނިސްޓްރީން ބުންޏެވެ.

ތައިލޭންޑުގެ ހޮހޮޅައިން ކުދިން ސަލާމަތް ކުރުމަށް އެހީތެރިވުމުގެ ތެރޭގައި މަރުވި ރިޓަޔާޑް ނޭވީ ޑައިވަރު ސަމަން ގުނާން -- ފޮޓޯ: ފޭސްބުކް

ޗިއަންގް ރައިގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ އެކުދިން، ސަމަންގެ ކުރެހުމެއް ވަށާލައިގެން ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާއްމުކޮށްފައެވެ.

"ހުރިހާ ކުދިން ސަމަންއަށް ޝުކުރު އަދާކޮށް، ރަނގަޅު ކުދިންނަށް ވާނެ ކަމުގެ ޔަގީންކަން ދިން،" ހެލްތު މިނިސްޓްރީން ބުންޏެވެ.

އުމުރުން 11 އަހަރާ 16 އަހަރާ ދެމެދުގެ އެކުދިން ހޮހޮޅާގައި ތާށިވީ މިދިޔަ މަހުގެ 23ގައެވެ. އަދި ބައިނަލްއަގުވާމީ ޑައިވަރުން ހިމެނޭ ޓީމަކުން އެކުދިން ހޮހޮޅައިން ނެރުނީ ތިން ދުވަހުގެ މަސައްކަތުން މިދިޔަ ހަފްތާ ތެރޭގައެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އަންނަ ބުރާސްފަތި ދުވަހު އެކުދިން ހޮސްޕިޓަލުން ދޫކޮށްލާނެއެވެ.

ނަމަވެސް އެކުދިންގެ ފަރާތުން ނަފްސާނީ މައްސަލަތަކުގެ އަލާމަތްތައް ފެނޭތޯ ބަލަމުންދާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ހުރިހާ ކުދިންނާއި ކޯޗުވެސް މީޑިއާ އިންޓަވިއުތައް ނުދިނުމަށާއި، ހޮސްޕިޓަލުން ދޫކޮށްލުމުން ވީހާވެސް ގިނަ ވަގުތު އާއިލާއާއި ރައްޓެހިންނާއެކު ހޭދަ ކުރުމަށް ޑޮކްޓަރުން ލަފާ ދިނެވެ. (ބީބީސީ)

comment ކޮމެންޓް