ދިވެހި ގާލްގައިޑުން ބާރުވެރިކުރުމަށް އިނގިރޭސިވިލާތުގެ ގާލްގައިޑުންނާ ގުޅިގެން ހަރަކާތްތަކެއް!

ރާއްޖޭގެ ގާލްގައިޑްގެ ދަރިވަރުން ބާރުވެރިކުރުމަށް އިނގިރޭސިވިލާތުގެ ގާލްގައިޑާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން--ފޮޓޯ: ގާލްގައިޑް އެސޯސިއޭޝަން މޯލްޑިވްސް

ދިވެހިރާއްޖޭގެ ގާލް ގައިޑުން ބާރުވެރިކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ގާލްގައިޑިންގ އާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

ގައިޑިން އޯވަސީސް ލިންކްޑް ވިތު ޑިވޮލޮޕްމަންޓް (ގޯލްޑް) ޕްރޮގްރާމަކީ އިނގިރޭސިވިލާތުގެ ގާލްގައިޑުން ދުނިޔޭގެ އެކި ގައުމުތަކުގެ ގާލްގައިޑުންނާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ގޯލްޑާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ރާއްޖޭގެ ގާލްގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު ނިއުމަތު ޝަފީގް ވިދާޅުވީ އެ ޕްރޮގްރާމް މިމަހު އެކަކުން ފެށިގެން 21 ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

އެ ޕްރޮގްރާމްގައި ގްރޭޓާ މާލޭގެ ހުރިހާ ސްކޫލުތަކުގެ އިިތުރުން އައްޑޫސިޓީއާއި ކުޅުދުއްފުށީ ސްކޫލުތަކުގައި ގާލްގައިޑުގައި ހަރަކާތްތެރިވާ 1000 އެއްހާ ކުދިން ބައިވެރިވެއެވެ.

މިއީ އެ ޕްރޮގްރާމް ރާއްޖޭގައި ޖައްސަޖައްސައިގެން ހިންގާ ތިން ވަނަ އަހަރެވެ. އެ ޕްރޮގްރާމްގެ ދަށުން ގާލްގައިޑް އެސޯސިއޭޝަންގެ ދަރިވަރުން އައްޑޫ އަދި ކުޅުދުއްފުށްޓަށްވެސް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮގްރާމްގެ ދަށުން އަންހެން ކުދިން ބާރުވެރިކުމުގެ ގޮތުން ހިންގާ ސެޝަންތަކުގައި ލީޑާޝިޕާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނިއުމަތު ޝަފީގް ވިދާޅުވިއެވެ.

އަދި އެ ޕްރޮގްރާމްގެ ދަށުން އަންހެން އާ ލީޑަރުން އުފައްދައި އަދި މިހާރުގެ ލީޑަރުން ކުރިއަށް އޮތް ތަނުގައިވެސް އެމީހުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުމުގެ ގޮތުން އެކި ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނިއުމަތު ވިދާޅުވިއެވެ.

comment ކޮމެންޓް