ދަފުތަރު ކެޓަގަރީއިން ފްލެޓު ފޯމު ހުށަހަޅާ މީހުންނަށް އަނެއްކާވެސް ލުޔެއް

ހައުސން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ----

ހިޔާ މަޝްރޫއުގެ ދަށުން ދަފުތަރު ކެޓަގަރީއަށް ފޯމު ހުށަހަޅާ މީހުންނަށް އަނެއްކާވެސް ލުޔެއް ދީފިއެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ފްލެޓް ފޯމުގެ މާކްސް ދޭ ގޮތަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

"ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް" ގެނައި މި އިސްލާހާއެކު މި ކެޓަގަރީއިން ފްލެޓަށް ކުރިމަތިލާ މީހުންނަށް ދެ އޮޕްޝަނެއް ދެއެވެ. އެއީ ދަފުތަރުގައި ޖެހުނު މުއްދަތު އަދި މާލޭގައި ދިރިއުޅޭ މުއްދަތެވެ. ދަފްތަރު ކެޓަގަރީއިން ފޯމު ހުށަހަޅާއިރު މި ދެ އޮޕްޝަން ކުރެ ހިޔާރު ކުރަން ޖެހޭނީ އެ މީހަކަށް އެންމެ ގިނަ މާކްސް ލިބޭ އޮޕްޝަން ކަމަށް ނަޒީމް ވިދާޅުވިއެވެ.

"އެބޭފުޅަކަށް އެންމެ މަތިން ސްކޯކުރެވެނީ ދަފްތަރުގައި ޖެހުނު މުއްދަތުން ކަމަށް ވާނަމަ އެ ގޮތަށް އެ މާކްސް ސްކޯކުރުމުގެ ފުރުސަތު މިހާރު އޮންނާނެ، ދެވަނަ ގޮތަކީ އެ ބޭފުޅަކު މާލޭގައި އުޅުނު މުއްދަތުންތޯ ގިނަ މާކްސް ސްކޯ ކުރެވެނީ. އެހެން ކަމަށް ވާނަމަ ގިނަ އެ ގޮތުން މާކްސް ހޯދުމުގެ ފުރުސަތު އޮންނާނެ،"

މާލޭގައި އުޅުނު ކަމަސް ބަލާނީ މެދު ނުކެނޑި ހަ މަސް ވަންދެން މާލޭގައި ދިރިއުޅެފައިވާނަމަ ކަމަށާއި، ނަމަވެސް ދިގު މުއްދަތަކަށް ބޭސްކުރަންޖެހިގެން ނޫނީ ވަޒީފާގެ ސަބަބުން ނުވަތަ ކިޔެވުމަށް ރާއްޖެއިން ބޭރުގައި އެއަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާނަމަ އެއީ މާލޭގައި އުޅުން މެދު ކެނޑުނީކަމަށް ނުބަލާނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.

https://sun.mv/107893

ދަފްތަރު ކެޓަގަރީއިން މާކްސްދޭ އުސޫލަށް ބަލާއިރު، ދަފްތަރުގައި ރަޖިސްޓްރީވިތާ ފަސް އަހަރު ނުވާނަމަ ލިބޭނީ ފަސް ޕޮއިންޓެވެ. ދަފްތަރުގައި ރަޖިސްޓްރީވިތާ ފަސް އަހަރުވެ، 10 އަހަރު ނުވާ ނަމަ 10 ލިބޭނީ 10 ޕޮއިންޓެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވިތާ 10 އަހަރުވެ، 15 އަހަރު ނުވާ ނަމަ ލިބޭނީ 15 ޕޮއިންޓެވެ. 15 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ ނަމަ 20 ޕޮއިންޓު ލިބޭނެ އެވެ.

މާލޭގައި މެދުނުކެނޑި ދިރިއުޅުން މުއްދަތަށް ޕޮއިންޓްދޭ ގޮތަށް ބަލާއިރު މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ ފަސް އަހަރުވެ، 10 އަހަރު ނުވާ ނަމަ ލިބޭނީ ފަސް ޕޮއިންޓެވެ. މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެ، 15 އަހަރު ނުވާ ނަމަ ލިބޭނީ 10 ޕޮއިންޓެވެ. އަދި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެ، 20 އަހަރު ނުވާނަމަ ލިބޭނީ 15 ޕޮއިންޓެވެ. މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 20 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާނަމަ 20 ޕޮއިންޓު ލިބޭނެ އެވެ.

ދަފުތަރުގައި ޖެހުމުގެ ފުރުސަތު މިހާރު ހައުސިން މިނިސްޓްރީ އިން ވަނީ ހުޅުވާލައިފައެވެ. މި ކެޓަގަރީ އިން ފްލެޓަށް އެދޭ ފަރާތްތަކުން ފްލެޓަށް އެދުމުގެ މުއްދަތު ކަމަށްވާ އަންނަ މަހުގެ 31 ގެ ކުރިން ދަފްތަރުގައި ޖެހުމަށް އެދި ފޯމު ހުށަހަޅަން ޖެހޭނެ އެވެ. ދަފްތަރު ކެޓަގަރީ އިން 1،044 ފްލެޓު ދޫކުރާނެއެވެ.

comment ކޮމެންޓް