ދައުލަތަށް މިލްކުވާ ބިންތައް ވިއްކުމުގައި އެ ބިމުގެ ބެހެނިވެރިންނަށް އިސްކަން ދެނީ

މާލެ ސިޓީ---ފޮޓޯ/ މުހައްމަދު އަފްރާޙް

"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވާ ބިންތައް ވިއްކުމުގައި އެ ބިމުގެ ބެހެނިވެރިންނަށް އިސްކަން ދޭ ގޮތައް އުސޫލު ބަދަލުކޮށްފިއެވެ.

ބެހެނިވެރިންނަށް އިސްކަން ދޭ ގޮތަށް އިސްލާހު ގެނެސްފައި ވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ 8 ވަނަ މާއްދާގެ (ހ)އަށެވެ.

ކުރިން އެ ގަވާއިދު އޮތްގޮތުން އެފަދަ ބިންތައް ވިއްކުމުގައި އެންމެ އިސްކަން ދޭނީ ވިއްކާ ބިމަކާ ޖެހިގެން އޮންނަ ބިމެއްގެ ބެހެނިވެރިންނަށެވެ. ވިއްކަން އިއުލާން ކޮށްފައިވާ ބިމުގެ ބެހެނިވެރިންނަށް އިސްކަން ދެވުނީ އެއަށް ފަހުއެވެ.

މި އިސްލާހާއެކު ބިން ވިއްކުމުގައި އިސްކަންދެވޭނީ ވިއްކުމަށް އިޢުލާންކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި، ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، ގަންނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ޙައްޤު ފަރާތަކަށެވެ. އެއަށް ފަހު އިސްކަން ދެވޭނީ ވިއްކުމަށް އިޢުލާންކޮށްފައިވާ ބިމާއި އިންވެގެން އޮތް ބިމުގެ ބެހެނިވެރިޔާ ނުވަތަ ބެހެނިވެރިންނަށެވެ.

ވެށިފަހި ޕްރޮގްރާމުގެ ދަށުން ސަރުކާރުން ފްލެޓު ދެނީ ކުޑަ ބިންތައް ހުންނަ ފަރާތްތަކުން އެ ބިންތައް ދައުލަތަށް މިލްކު ކުރުމަށް އެއްބަސްވުމުންނެވެ.

comment ކޮމެންޓް