ހަޒާޑް ހުރީ ރެއާލަށް ދާން ތައްޔާރަށް، ގޮތް ނިންމުން ޗެލްސީއަށް!

ބެލްޖިއަމްއާއި ޓިއުނީޝިއާ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރަޝިއާގެ ވޯލްޑް ކަޕުން އެންމެ ވިދާލި ކުޅުންތެރިއަކީ ޗެލްސީގެ އެޑެން ހަޒާޑެވެ. ވޯލްޑް ކަޕްގެ ތިންވަނަ ހޮވުމަށް ރޭ ކުޅުނު މެޗުގައި ބެލްޖިއަމްއިން އިންގްލެންޑް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދީ ހަޒާޑެވެ.

ވޯލްޑް ކަޕްގައި ބެލްޖިއަމް ކުޅުނު ހުރިހާ މެޗެއްގައިވެސް އެންމެ ވިދާލި އެއް ކުޅުންތެރިއަކީވެސް ކެޕްޓަން ހަޒާޑެވެ. އޭނާގެ މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑާއި ބާސެލޯނާ ފަދަ ވަރުގަދަ ކްލަބުތަކުގެ ރާޑަރަށް ހަޒާޑް ވަނީ އަރާފައެވެ.

ހަޒާޑް ޗެލްސީގައި ހަ ސީޒަން ހޭދަކޮށްފައިވާ އިރު، ރޭގެ މެޗަށްފަހު އޭނާ ބުނެފައި ވަނީ ކެރިއަރުގައި އިތުރު ވިސްނުމަކަށް ދާން ބޭނުންވާ ކަމަށެވެ.

"އެންމެނަށްވެސް އެނގޭނެ އަހަރެން ދާން ބޭނުންވާ ކްލަބު. ޗެލްސީގައި އަހަންނަށް ވަރަށް މުހިއްމު ތަޖުރިބާއެއް ކުރެވިއްޖެ. ވޭތުވެދިޔަ ހަ ސީޒަންގައި ޗެލްސީއާއެކު ހޭދަކުރެވުނީ ވަރަށް ކާމިޔާބު ދުވަސްތަކެއް. ޗެލްސީގެ އިތުރުން އެހެން ކްލަބަކަށް ކުޅުމުގެ ވިސްނުމެއް އެބަހުރި، އެކަމަކު ގޮތް ނިންމާނީ ޗެލްސީން،" އުމުރުން 27 އަހަރުގެ ހަޒާޑް ބުންޏެވެ.

މިދިޔަ އަހަރުވެސް ޖޫން މަހު ހަޒާޑް ބުނެފައި ވަނީ ރެއާލް މެޑްރިޑްގެ ހުށަހެޅުމަށް އޭނާ މަރުހަބާ ކިޔާނެ ކަމަށާއި، އެހެން ނަމަވެސް ޗެލްސީގައި ވަރަށް ގިނަ އަހަރުތަކަކަށް މަޑުކުރެވިދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވެފައިވާ އިރު، ރެއާލްއިން އަންނަނީ އޭނާގެ މަގާމު ފޫބެއްދުމަށް ގިނަ ކުޅުންތެރިންތަކަކަށް ލޯ އަޅަމުންނެވެ. އިއްޔެ ރެއާލްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރޮނާލްޑޯގެ ބަދަލުގައި ނޭމާ ގެންދިއުމަށް އެ ކްލަބުން މަސައްކަތް ނުކުރާ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ ހަޒާޑް ގެންދިއުމަށް ރެއާލްއިން ރެކޯޑު ބިޑެއް ތައްޔާރުކުރަމުން ދާ ކަމަށެވެ. ޗެލްސީއަށް މިދިޔަ ދެ އަހަރުވެސް ކޯޗުކޮށްދިން އެންޓޯނިއޯ ކޮންޓޭ ކްލަބުގެ ކޯޗުގެ މަގާމުން ހުކުރު ދުވަހު ވަކިކޮށްފައިވާ އިރު، އޭނާގެ ބަދަލުގައި މައުރީޒިއޯ ސާރީ ވަނީ އިއްޔެ ޗެލްސީއާ ހަވާލުވެފައެވެ.

comment ކޮމެންޓް