ދުނިޔޭގެ ޝެފުންގެ ޖަމްއިއްޔާގެ 38 ވަނަ ކޮންގްރެސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ވެކްސްގެ 38 ވަނަ ކޮންގްރެސްގައި ރާއްޖެއިން ބައިވެރވި ޑެލިގޭޝަން --- ފޮޓޯ: ޑެފް ގިލްޑް އޮފް މޯލްޑިވްސް

ދުނިޔޭގެ ޝެފުންގެ ޖަމިއްޔާ "ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް" (ވެކްސް) ގެ 38 ވަނަ ކޮންގްރެސްގައި ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)އިން ބައިވެރިވެއްޖެއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ޝެފުންގެ އެންމެ ބޮޑު މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 4،000 ޝެފުން ބައިވެރިވެއެވެ. ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2018 ކުރިއަށް ދިޔައީ 11 ން 14 ޖުލައި އަށް މެލޭސިޔާގެ ކުއާލާލަމްޕޫރު ކޮންވެންޝަން ސެންޓަރު (ކޭއެލްސީސީ) ގައެވެ. މިއީ މި ސަރަޙައްދުގެ ގައުމެއްގައި ޝެފްސް ކޮންގްރެސް ބޭއްވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ޑެލިގޭޝަންގައި 21 ޝެފުން ބައިވެރިވި. އޭގެ ތެރޭގައި ޔަންގް ޝެފުންގެ ގޮތުގައި ބައިވެރިވި ފަސް ޝެފަކުވެސް ހިމެނެއެވެ.

ވޯލްޑް ޝެފްސް ކޮންގްރެސްގެ ހަރަކާތެއްގެ ގޮތުން ކުރިއަށް ދިޔަ ޕެރޭޑް -- ފޮޓޯ/ ސީޖީއެމް

މިއީ ދިވެހިރާއްޖެއިން ވެކްސް ކޮންގްރެސްގައި ބައިވެރިވާ 2 ވަނަ އަހަރެވެ. 2016 ވަނަ އަހަރު ގްރީސްގައި އޮތް 37 ވަނަ ކޮންގްރެސްގައި ސީޖީއެމްގެ ރައީސާ މަރްޔަމް ނޫރައްދީނާއި ނައިބު ރައީސް އިސްހާގު ސޯލިހު ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ ކޮންގްރެސްގެ ހަތަރު ދުވަސް ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ. އޭގެ ތެރޭގައި ޕްރެޒިޑެންޓްސް ފޯރަމް، ދުނިޔޭގެ ޝެފުންގެ އާންމު މަޖިލީސް، އިތުރު ގައުމުތަކަށް މެމްބަރުކަން ދިނުން، ވޯލްޑް ޝެފްސް އެވޯޑްސް ދިނުން އަދި ހުރިހާ ބައިވެރިންގެ ޕެރޭޑު ހިމެނެއެވެ.

މި ކޮންގްރެސްގައި ރާއްޖެއިން ބައިވެރިވަނީ ސީޖީއެމްގެ ކުޑައިގެ ދަށުންނެވެ. ސީޖީއެމްއަކީ ވެކްސްގެ ދިވެހިރާއްޖޭގެ ނޭޝަނަލް މެމްބަރ އެސޯސިއޭޝަންއެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޝެފުންނަށްވެސް ސީޖީއެމްގައި ބައިވެރިވުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެއެވެ. މިހާރުވެސް ސީޖީއެމްގެ މެމްބަރޝިޕް 300 އަށްވުރެ ގިނަ ފަރާތް ހަރަކާތްތެރިވެއެވެ

ކޮންގްރެސްގައި ކުރިއަށް ދިޔަ ޖަޖިން ސެމިނާގައި ބައިވެރިވެ، ދިވެހި ޝެފް އަހުމަދު ފަތީން ވަނީ ބައިނަލްއަގުވާމީ ޖަޖެއްގެ ގޮތުގައި ސެޓިފައި ކުރެވިފައެވެ. ޝެފް ފަތީނުގެ އިތުރުން މިހާރު ދިވެހިރާއްޖޭގެ އިންޓަނޭޝަނަލް ސެޓިފައިކުރެވިފައިވާ ތިން ޖަޖުން އެބަތިއްބެވެ.

ވޯލްޑް ޝެފްސް ކޮންގްރެސްގެ ހަވާސާގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ އެކްސްކޯ ބައްދަލުވުމެއް ބާއްވަނީ -- ފޮޓޯ/ ސީޖީއެމް

ކޮންގްރެސްގެ ހަވާސާގައި ސީޖީއެމްގެ އެގްޒެކެޓިވް ކޮމެޓީ (އެކްސްކޯ)ގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި، ސިޖީއެމްގެ ކުރިމަގަށް މުހިންމު ނިންމުންތަކެއް ނިންމާފައިވެއެވެ. އަދި މި އަހަރުގެ ދުނިޔޭގެ ޝެފުންގެ ދުވަސް ހުޅުމާލޭގައި ފާހަގަކުރުމަށް ނިންމާފައެވެ. ދުނިޔޭގެ ޝެފުންގެ ދުވަހަކީ އޮކްޓޫބަރު 20 ވަނަ ދުވަހެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސްގެ ރާއްޖޭގެ ނޭޝަނަލް މެމްބަރު އެސޯސިއޭޝަނެވެ. ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޝެފުންނަށްވެސް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ އިރު، މިހާރުވެސް އެ ޖަމިއްޔާގައި 300 އަށް ވުރެ ގިނަ މެމްބަރުން ތިބެއެވެ.

ވޯލްޑް ޝެފްސް ކޮންގްރެސް ދެން އޮންނާނީ 2020 ވަނަ އަހަރު، ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައެވެ.

comment ކޮމެންޓް