ޔަންގްސްޓާސް އިން ފިޔަވަތީގައި ތިބޭ ކުދިންނަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ޔަންސްޓާސް އިން ފިޔަވަތީގައި ކުރިއަށް ގެންދިޔަ ހަވީރު --- ފޮޓޯ: ޔަންގްސްޓާސް

ކުޑަކުދިން ޝައުގުވެރިވާ ފަދަ ކުޅޭ ސާމާނާއި ކުޑަކުދިންގެ ޕާޓީތަކުގައި ބޭނުންކުރާ ތަފާތު އެކްސަސަރީޒް ކުއްޔަށް ދޫކުރުމުގެ ވިޔަފާރި ކުރާ ޔަންގްސްޓާސް އިން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ޚާޢްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ޔަންގްސްޓާސްގެ ވެރިޔާ، ނާދިޔާ މުހައްމަދު ބުނީ ފިޔަވަތީގައި ތިބޭ ކުދިންނަށް ޚާއްސަ ކޮށްގެން ކުޑަކުދިންގެ ހަވީރެއް ބޭއްވީ އެކުދިންނަށް ވެސް އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

https://sun.mv/104739

އިއްޔެ ފިޔަވަތީގައި ބޭއްވި މި ހަވީރުގައި ޔަންގްސްޓާސް އިން ކުއްޔަށް ދޫކުރާ ޖަމްޕިން ކާސްލްސް ވަނީ ބަހައްޓައިފަ އެވެ. މީގެ އިތުރުން ޔަންގްސްޓާސް އިން ވަނީ ފިޔަވަތީގައި އުޅޭ ކުދިންނަށް ހަވީރުގެ ސަޔެއް ވެސް ދީފަ އެވެ.

"މިއީ ފެށުމެއް. އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ ކުދިންނަށް ވެސް މުޖުތަމައުގައި އުޅޭ އެހެން ކުދިންނަށް ލިބޭ ފަދަ މަޖާ، އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުން. އަމާޒަކީ މިފަދަ ކުދިންނަށް އަމާޒުކޮށްގެން މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ވެސް ގެންދިއުން،" ނާދިޔާ ބުނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުގައި މަސައްކަތްކުރާ އެންޖީއޯތަކާ ގުޅިގެން އެފަދަ ކުދިންނަށް ޚާޢްސަ ހަވީރުތައް ވެސް ބާއްވާނެ ކަމަށެވެ.

"މި ބަލަނީ ކޮންމެ ބަޔަކަށް ވެސް ވަކިން މިފަދަ ހަވީރެއް ބޭއްވޭތޯ. އެންޖީއޯތަކަށް ބުނެލަން ބޭނުމީ އަޅުގަނޑުމެން މިތިބީ ތައްޔާރަށޭ އެފަދަ ކުދިންނަށް [ޚާއްސަ އެހީއަށް ބޭނުންވާ] ޚާއްސަ ކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދަން،"

ޔަންގްސްޓާސްގެ ޓީމު ---- ފޮޓޯ: ނާދިޔާ

ޔަންގްސް ސްޓާސް އަކީ އަބަދު ވެސް އެންޖީއޯތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިވެންޓުތަކުގައި އެއްވެސް އަގަކާ ނުލައި ހިދުމަތް ދެމުން އަންނަ ބައެކެވެ. ނާދިޔާ ވަނީ މި ވިޔަފާރީގައި ކުރިއަށް ދިއުމަށް އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބޭ އެހީ ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

"އަމަލީ ގޮތުންނާއި މާލީ ގޮތުން އަޅުގަނޑަށްއެހީވާ އާއިލާގެ މީހުންނަށާއި ރައްޓެހިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވެނީ އެމީހުންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބިގެން،" ނާދިޔާ ބުނީ އަމާޒަކީ ކޮންމެ މަހަކު އެއްފަހަރު ގޮތަކަށް ކޮންމެވެސް ޖަމްއިއްޔާ އަކާ ގުޅިގެން މުޖުތަމައުގައި ތިބޭ "ޚާއްސަ" ކުދިންނަށް ހަރަކާތެއް ބާއްވައިދިނުން ކަމަށެވެ.

comment ކޮމެންޓް