ޗައިނާގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރަން އެޕަލްއިން ބޮޑު ހޭދައެއް!

ޗައިނާގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމަށް އެޕަލްއިން ބޮޑު އިންވެސްޓްމެންޓެއް ކުރަން ނިންމައިފިއެވެ.

އެޕަލްއިން އިއުލާނުކޮށްފައިވާ ގޮތުގައި އިތުރު 10 ކުންފުންޏަކާ ގުޅިގެން އެޕަލްއިން ޗައިނާގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށް 300 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެ އެވެ.

މިއީ ޗައިނާގައި ދިރިއުޅޭ އެއް މިލިއަން މީހުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް "ދަ ޗައިނާ ކްލީން އެނާޖީ ފަންޑު" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

ޗައިނާގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގަން އެޕަލްއިން ނިންމާފައިމިވަނީ އެގައުމުގައި އިގްތިސާދީ އަދި އުމްރާނީ މަސައްކަތްތައް ކުރި އަރާ ގޮސްފައިވާ މިންވަރަށް ބަލާއިރު ވައި ނުސާފު ވުމުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ސިއްހަތަށް އޭގެ ނުރަނގަޅު އަސަރު ފޯރާފައި ވަނިކޮށެވެ.

އެޕަލްގެ އަމާޒަކީ 2020 އަންނަންވާއިރަށް ޗައިނާގައި ހަތަރު ގިގަވޯޓްގެ ސާފު ހަކަތަ އުފެއްދުމެވެ.

އެޕަލްއިން މިހާރުވެސް ދަނީ ސާފު ހަކަތަ ބޭނުން ކުރުމާއި އުފެއްދުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. އެޕަލް އިން މިއަހަރުގެ ކުރީކޮޅު ބުނެފައިވަނީ އެކުންފުނީގެ ރީޓެއިލް ފިހާރަތަކާއި ޑާޓާ ސެންޓަރުތައް އަދި ކޯޕަރޭޓް އޮފީސްތައް ހިންގަނީ 100 ޕަސެންޓު ސާފު ހަކަތަ ބޭނުން ކޮށްގެން ކަމަށެވެ.

comment ކޮމެންޓް