ކްރޮއޭޝިއާއިން ހުވަފެނީ ފައިނަލަކަށް، ތާރީހު ފްރާންސް އަތުގައި

ފްރާންސާއި ކްރޮއޭޝިއާ ސްޕްޓަރުން ރަޝިއާގެ މަގުތަކުގައި --- ފޮޓޯ/ އޭޕީ

ރަޝިއާ ވޯލްޑް ކަޕް 2018ގެ ފައިނަލްގައި ކްރޮއޭޝިއާއާއި ފްރާންސް ވާދަކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކޮށްފައެއް ނުވާނެއެވެ.

ހާއްސަކޮށް ކްރޮއޭޝިއާއަކީ މުބާރާތަށް ނުކުތް އިރު، އެންމެ ގިނަ ބައެއްގެ ފެވަރިޓުންގެ ލިސްޓްގައި ހިމެނޭނެ ޓީމެއް ނޫނެވެ. އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ފައިނަލަށް ނުކުންނަ އިރު، އިދިކޮޅަށް ނުކުންނަ ފްރާންސަށް މިއީ ތިން ވަނަ ފައިނަލެވެ. މީގެ ކުރިން 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، 2006 ވަނަ އަހަރުގެ ފައިނަލްގައި އެގައުމު ރޮއްވާލީ އިޓަލީއެވެ.

ރަޝިއާގެ ލުޒްނީކީ ސްޓޭޑިއަމްގައި މިރޭ އޮންނަ ފައިނަލަށް ފްރާންސް ގޮވައިގެން ނުކުންނާނީ 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ތަށި އުފުލާލި އިރު، ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޑިޑިއޭ ޑިޝޯމްއެވެ. މިރޭ ފްރާންސުން ތަށި އުފުލާލައިފި ނަމަ އޭނާ ވެގެންދާނީ ކުޅުންތެރިއެއްގެ ގޮތުގައި، އަދި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕްގެ ތަށި އުފުލާލި ތިން ވަނަ މީހާއަށެވެ.

ފައިނަލްގެ ކުރިން ފްރާންސް ޓީމުން ތައްޔާރުވަނީ --- ފޮޓޯ/ އޭޕީ

އިދިކޮޅަށް ނުކުންނަ ކްރޮއޭޝިއާގެ ކޯޗު، ލަޓްކޯ ޑާލިޗަކީ މިހާރުވެސް އެގައުމުގެ ފުޓުބޯޅައިގައި ރަން ކޯޗެކެވެ. ލެޖެންޑެކެވެ. ކްރޮއޭޝިއާގެ ކޯޗުކަމާ ޑާލިޗް ހަވާލުވިތާ އަދި ވީ އެންމެ ނުވަ މަހެވެ. އެހެން ނަމަވެސް މިރޭ ޓީމު ނުކުންނާނީ ދުނިޔޭގެ އެންމެ ޝަރަފުވެރި، ގަދަރުވެރި ފުޓުބޯޅަ މުބާރާތުގެ ފައިނަލަށެވެ.

ކްރޮއޭޝިއާ - އާބާދީ މަދު، ދެކެނީ ހުވަފެންތަކެއް!

ފްރާންސާއި ކްރޮއޭޝިއާ ސްޕްޓަރުން ރަޝިއާގެ މަގުތަކުގައި --- ފޮޓޯ/ އޭޕީ

ކްރޮއޭޝިއާގެ އާބާދީއަކީ 4.17 މިލިއަނެވެ. މިހާތަނަށް ވޯލްޑް ކަޕެއްގެ ފައިނަލް ކުޅެފައިވާ ގައުމު ތެރެއިން ދެވަނައަކަށް އެންމެ އާބާދީ މަދު ގައުމެވެ. އެންމެ އާބާދީ މަދު ގައުމަކަށް ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ގައުމަކީ އުރުގުއޭއެވެ. އެގައުމުން 1930 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލް ކުޅެ ޗެމްޕިއަންކަން ހޯދި އިރު، އާބާދީ އަކީ ގާތް ގަނޑަކަށް 1.7 މިލިއަން މީހުނެވެ.

މިފަހަރުގެ މުބާރާތަށް ނުކުތް އިރު، ކްރޮއޭޝިއާގެ ފީފާ ރޭންކިން އަކީ 20 ވަނައެވެ. އެ ގައުމު ވެފަވަނީ ފީފާ ރޭންކިން އެންމެ ދަށްކޮށް އޮވެ ވޯލްޑް ކަޕްގެ ފައިނަލެއް ކުޅޭ ޓީމަށެވެ.

ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ފައިނަލަށް ކްރޮއޭޝިއާ ނުކުންނަ އިރު، އެ ގައުމަށް މީގެ ކުރިން އެންމެ ދުރަށް ދެވިފައި ވަނީ ފްރާންސުން ކާމިޔާބުކުރި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ކްރޮއޭޝިއާއަކީ އެ ވޯލްޑް ކަޕްގެ ތިން ވަނައެވެ.

ތާރީހީ ފައިނަލަށް ކްރޮއޭޝިއާ ދިއުމާއެކު، މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތް އެ ގައުމުގެ ކޮންމެ ކުޅުންތެރިއަކީ ބަތަލެއް ކަމަށް ކްރޮއޭޝިއާގެ މީޑިއާގައި ވަނީ ސިފަކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސީންނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

"ހުވަފެނެއް، ހުވަފެނެއް، އެކަމަކު ކުލަ ޖެހިފައިވާ ހުވަފެނެއް، ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި. ޑާލިޗާއި ކުޅުންތެރިންނަކީ ބަތަލުންތަކެއް،" ކްރޮއޭޝިއާގެ ސްޕޯޓްސްކީ ނޮވޮސްތީ ނޫހުގައި ބުނެފައިވެއެވެ.

ފްރާންސް - ތާރީހު ބުރަވާ ފަޅި، 2016 ހަނދާން ނައްތާލުމަށް

ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. ދުނިޔެ ދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ގައުމެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލުމަށްފަހު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ނުކުތް ފްރާންސް ބަލިވީ އިޓަލީ އަތުން ޕެނެލްޓީ ޖަހައިގެންނެވެ.

އިޓަލީން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ނެގި ނަމަވެސް، އެ މެޗުގެ އުސްއައްޔަކަށް ވީ ފްރާންސްގެ ކެޕްޓަން ޒައިނުއްދީން ޒިދާނެވެ. އިޓަލީގެ މާކޯ މަޓަރޭޒީގެ މޭ މަތީގައި ޒިދާން ބޮލުން ޖެހުމުން، ރެފްރީ ވަނީ މެޗު ތެރެއިން ޒިދާނަށް ރަތް ކާޑު ދައްކައިފައެވެ. ފްރާންސްގެ ތަރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ޒިދާން ގައުމީ ޖާޒީގައި ހޭދަކުރި އެންމެ ފަހު ވަގުތަކީވެސް އެއީއެވެ.

ވޯލްޑް ކަޕް 1998 ކާމިޔާބުކުރުމަށްފަހު ފްރާންސް ލެޖެންޑް ޒައިނުއްދީން ޒިދާން، ފީފާ ވޯލްޑް ކަޕް ޓްރޮފީ އުފުލާލަނީ ---

ޒިދާންގެ ޖީލު ނިމި، ފްރާންސުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ރަން ޖީލަކާ އެކުގައެވެ. ހާއްސަކޮށް ތަޖުރިބާ މަދު ނަމަވެސް، ހުނަރުގެ ގޮތުން ދުނިިޔޭގެ އެންމެ ތަފާތު ބޮޑު އެއް ޓީމަކީވެސް ފްރާންސެވެ. ފްރާންސުން މިފަހަރުގެ ވޯލްޑް ކަޕަށް ނެރުނު ޒުވާން ޓީމުގެ ފުރަތަމަ ޓެސްޓުން އެޓީމު ވަނީ ފެއިލް ވެފައެވެ.

އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލަށް ފްރާންސުން ދަތުރުކުރި ނަމަވެސް އެޓީމު ފައިނަލްގައި ބަލިވީ ޕޯޗުގަލް އަތުންނެވެ. އިތުރު ވަގުތު ޕޯޗުގަލްއިން މެޗުގެ ހަމައެކަނި ގޯލް ޖެހި އިރު، މެޗު ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ. ފްރާންސްގެ ތަޖުރިބާ މަދު ޓީމަށް އެ ހަނދާންތައް އަދިވެސް އާވާނެކަން ޔަގީނެވެ. މިރޭގެ ފައިނަލް ވެގެންދާނީ އެކަން ހަނދާން ނައްތާލަން އެންމެ ރަނގަޅު ސްޓޭޖަށެވެ.

comment ކޮމެންޓް