ހަނދާނުން ފޮހެލަން ދަތި ވޯލްޑް ކަޕްގެ ފައިނަލްތައް!

1988 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ގޯލް ޖެހުމަށްފަހު ޒިދާން އުފާފާޅުކުރަނީ ---

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތެވެ. އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރުގެ އިވެންޓެވެ. މުޅި ދުނިޔެ އެކަމަށް އިންތިޒާރު ކުރާ ކުޅިވަރުގެ މަހާސަމާއެވެ. ފީފާ ވޯލްޑް ކަޕެވެ.

މިހާތަނަަށް ވޯލްޑް ކަޕެއްގެ ފައިނަލް ކުޅުމުގެ ޝަރަފު ލިބިފައިވަނީ 12 ގައުމަކަށެވެ. އޭގެ ތެރެއިން މުބާރާތުގެ ތަށި އުފުލާލެވިފައިވަނީ އަށް ގައުމަކަށެވެ. އެންމެ ގިނައިން ވޯލްޑް ކަޕްގެ ތަށި އުފުލާލާފައިވަނީ ބްރެޒިލެވެ. އެއީ ފަސް ފަހަރަށެވެ. އިޓަލީއާއި ޖަރުމަނުން ހަތަރު ފަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލާފައިވާ އިރު، އުރުގުއޭއާއި އާޖެންޓީނާ ވަނީ ދެ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ. އިންގްލެންޑް، ސްޕެއިންގެ އިތުރުން ފްރާންސް ވެސް ވޯލްޑް ކަޕް ކާމިޔާބުކުރީ އެއް ފަހަރެވެ.

ވޯލްޑް ކަޕްގެ ފައިނަލާ ހަމައަށް ގޮސް، ފައިނަލެއް ކުޅެލުމަކީ ވެސް ގައުމެއްގެ ފުޓުބޯޅަ ތާރީހުގައި ރަން ދުވަހެކެވެ. މުޅި ދުނިޔެ އެ މެޗަކަށް އިންތިޒާރުކުރާ ވޯލްޑް ކަޕްގެ ފައިނަލަށް އަނެއްކާވެސް ވަގުތު ކުޑަތަން ވެފައިވާ އިރު، މުޅިން އާ ދުނިޔޭގެ ޗެމްޕިއަނެއް ފެނިގެން ދިއުންވެސް އެކަށީގެން ވެއެވެ. ކްރޮއޭޝިއާއާއި ފްރާންސް މިރޭގެ ފައިނަލްގައި ވާދަކުރާ އިރު، މިއީ ކްރޮއޭޝިއާ ފައިނަލެއްގައި ނުކުންނަ ފުރަތަމަ ފަހަރެވެ. ފްރާންސުން ފައިނަލަކަށް ނުކުންނަ ތިންވަނަ ފަހަރެވެ. 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް އުފުލާލި އިރު، 2006 ވަނަ އަހަރު އެޓީމު ފައިނަލްގައި ބަލިވީ އިޓަލީ އަތުންނެވެ.

ވޯލްޑް ކަޕްގެ ފައިނަލަކީ އެތަކެއް ހަނދާންތަކެއް ގެނުވާ މުބާރާތެކެވެ. ކަރުނައާއި އުފާވެރިކަމެވެ. "ފުޓުބޯޅައިގެ ޑްރާމާ" އެންމެ ވަރުގަދައަށް ފެނިގެންދާނެ މެޗަކީވެސް ހަމަ ވޯލްޑް ކަޕްގެ ފައިނަލެވެ. ހަނދާނުން ފޮހެލަން ދަތި އެތައް ފައިނަލެއް ކުޅެފައިވާ އިރު، ގަދަ ފަހެއް ލިސްޓް ކޮށްލަންވެސް އުނދަގޫވާނެއެވެ. ހާއްސަކޮށް އެކި މީހުންގެ ގަދަ ފަހެއް ތަފާތު ވެދާނެއެވެ.

5- 1978: އާޖެންޓީނާ 3-1 ނެދަލޭންޑްސް

1978 ވަނަ އަހަރު އާޖެންޓީނާއިން ކާމިޔާބުކުރި ވޯލްޑް ކަޕްގެ ތެރެއިން --- ފޮޓޯ/ ފީފާ

މިއީ އާޖެންޓީނާއިން ކާމިޔާބުކުރި ފުރަތަމަ ވޯލްޑް ކަޕެވެ. 1978 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުނީ އެސްޓޭޑިއޯ މޮނުމެންޓަލްގައެވެ. 71،483 މީހުން މެޗު ބަލަން ވަން އިރު، މުޅި ދަނޑުގައި އާޖެންޓީނާގެ އަޑު ނޫން އަޑެއް ނެތެވެ.

އާޖެންޓީނާ މެޗުން މޮޅުވީ އިތުރު ވަގުތުގައެވެ. 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗުގެ ފަހު މިނެޓުގައި ނެދަލޭންޑްސްގެ ޑިކް ނަނިންގާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އާޖެންޓީނާ ސަލާމަތްވީ ކިރިޔާއެވެ.

އެހެން ނަމަވެސް މެޗުގެ އިތުރު ވަގުތުގައި އަނެއްކާވެސް އާޖެންޓީނާއިން ލީޑު ނަގައި، އެގައުމުގެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބު ކުރިއެވެ. ޑިއޭގޯ މަރަޑޯނާގެ ހުނަރާއެކު 1986 ވަނަ އަހަރު އާޖެންޓީނާއިން އެ ގައުމުގެ ދެވަނަ ވޯލްޑް ކަޕްވެސް ކާމިޔާބުކުރިއެވެ.

4- 2006: ފްރާންސް 1-1 އިޓަލީ، އިޓަލީ މޮޅުވީ ޕެނެލްޓީ ޖަހައިގެން

2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ޒިދާންގެ ބޮލުން މަޓެރާޒީ މޭމަތީގައި ޖަހަނީ --- ފޮޓޯ/ އޭއެފްޕީ

ފްރާންސުން 2006ގެ ވޯލްޑް ކަޕަށް ނުކުތީ 1998 ވަނަ އަހަރުގެ ތާރީހު އިޔާދަކުރާށެވެ. ހާއްސަކޮށް ޓީމުގެ ތަރި ޒައިނުއްދީން ޒިދާންގެ ފަހު ވޯލްޑް ކަޕްގައި ކޮންމެހެންވެސް ތަށި މުހިއްމުވިއެވެ. ޖަރުމަނުގެ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި 69،000 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ޒިދާންގެ ޕެނެލްޓީއަކުން ފްރާންސް ލީޑު ނެގި ނަމަވެސް މާކޯ މަޓެރާޒީގެ ގޯލުން އިޓަލީ ނަތީޖާ ހަމަހަމަ ކުރިއެވެ.

އެ އަހަރުގެ ފައިނަލް ހާއްސަވީވެސް މެޗުގައި ގޯލް ޖެހި ދެ ކުޅުންތެރިންނަށެވެ. މެޗުގެ އިތުރު ވަގުތުގައި ފެނިގެންދިޔައީ މިހާތަނަށް ވޯލްޑް ކަޕެއްގައި ފެނުނު އެންމެ ހައިރާން ކުރުވަނިވި މަންޒަރެވެ. ޒިދާންގެ ބޮލުން މަޓެރާޒީގެ މޭ މަތީގައި ޖެހުމުން ބަލަން ތިބި އެންމެންނަށްވެސް ސިހުން ގެނުވިއެވެ. ވީ ނުވީއެއް ނޭނގުނެވެ. ރެފްރީގެ ރަތް ކާޑާއެކު ޒިދާން ދަނޑުން ފައިބައިގެން ދިޔަ އިރު، އެ ވަގުތު ކޮޅަކީ ފްރާންސް ޖާޒީގައި ޒިދާންގެ އެންމެ ފަހު ވަގުތުކޮޅެވެ.

އެ އަހަރުގެ ފައިނަލް އިޓަލީން ކާމިޔާބުކުރި ނަމަވެސް ހުރިހާ ނޫސްތަކެއްގެ ފަލަ ސުރުހީއަށް އެރީ ޒިދާނެވެ. އޭނާގެ ރަތް ކާޑެވެ. އެ ފައިނަލް ހަނދާނުގައި ހުރީވެސް ޒިދާންއާއި އޭނާ ރަތް ކާޑުގެ ގޮތުގައެވެ.

3- 1974: ވެސްޓް ޖަރުމަން 2-1 ނެދަލޭންޑްސް

1974 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގެ ތެރެއިން --- ފޮޓޯ/ ފީފާ

މިއުނިކްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ބެލުމަށް 75،200 މީހުން ވަދެފައިވާ އިރު، ނެދަލޭންޑްސްއިން 1974 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ތަރިންގެ ޓީމުގެ ގޮތުގައެވެ. ޖަރުމަނުން ވޯލްޑް ކަޕްގައި ކުޅުނީ ޑިފެންސިވް ވިސްނުމެއްގައެވެ.

ފައިނަލް ފެށީވެސް ފޯރިއާއެކުއެވެ. މެޗުގެ ކުރީކޮޅުގައި ނެދަލޭންޑްސްއަށް ޕެނެލްޓީއެއް ލިބުނެވެ. ޖަރުމަނުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ޖެކް ޓެއިލާ ދިން ޕެނެލްޓީއަކީ ވޯލްޑް ކަޕެއްގެ ފައިނަލެއްގައި މެޗުގެ ތެރެއިން ފެނުނު ފުރަތަމަ ޕެނެލްޓީއެވެ. ޕެނެލްޓީއާއެކު ނެދަލޭންޑްސްއިން ލީޑު ނެގި ނަމަވެސް، ޖަރުމަނުން ފަހަތުން އަރާ އެޓީމު ބަލިކުރިއެވެ.

އުންމީދުވެސް ނުކުރާ ފަދަ ގޮތަކަށް ޖަރުމަނުން ނެދަލޭންޑްސް ބަލިކުރި އިރު، ޖަރުމަނު މޮޅުކޮށްދިން ގޯލް ޖަހައިދިނީ ގާޑް މުލާއެވެ.

2- 1998: ފްރާންސް 3-0 ބްރެޒިލް

ވޯލްޑް ކަޕް 1998 ކާމިޔާބުކުރުމަށްފަހު ފްރާންސް ލެޖެންޑް ޒައިނުއްދީން ޒިދާން، ފީފާ ވޯލްޑް ކަޕް ޓްރޮފީ އުފުލާލަނީ ---

ފްރާންސުން ފައިނަލް މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކުގައެވެ. އަމިއްލަ ގައުމުގެ ސެއިންޓް ޑެނިސް ސްޓޭޑިއަމްގައި 80،000 މީހުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގެ ކުރިން ފެވަރިޓަކީ ބްރެޒިލެވެ. އެހެން ނަމަވެސް މެޗުގެ މައުލޫއަކަށްވީ ރޮނާލްޑޯއެވެ. ވިދާލީ ފްރާންސެވެ. ހާއްސަކޮށް ޓީމުގެ ތަރި ޒިދާނެވެ. މެޗުގައި ޒިދާން ދެ ގޯލް ޖަހާފައިވާ އިރު، ފްރާންސްގެ ތިންވަނަ ގޯލް ޖެހީ ޑިސެއިލީއެވެ.

ގިނަ ބަޔަކު 1998 ވަނަ އަހަރުގެ ފައިނަލް ހަނދާން ހުންނާނީވެސް ރޮނާލްޑޯގެ ސަބަބަކަށް ޓަކައެވެ. އުމުރުން 21 އަހަރުގެ ރޮނާލްޑޯ އެ ފަހަރުގެ ވޯލްޑް ކަޕަށް ދިޔައީ އޭނާގެ ހަޔާތުގައިވެސް އެންމެ ވަރުގަދަ ފޯމުގައި ހުރެގެންނެވެ. އެހެން ނަމަވެސް ފައިނަލްގެ އެއް ދުވަސް ކުރިން ރޮނާލްޑޯއަށް ކުއްލި ހާދިސާއެއް ދިމާވިއެވެ.

ރޮނާލްޑޯއަށް ވީނުވީއެއް މީޑިއަށްވެސް އޭރު ނޭނގުނު ނަމަވެސް، އެނގޭހާވެސް އެއްޗަކީ ރޮނާލްޑޯއަށް މައްސަލައެއް ދިމާވި ކަމެވެ. ބްރެޒިލްއިން މެޗަށް ނެރުނު ފުރަތަމަ 11ގައި ފުރަތަމަ އޭނާ ހިމެނުމަށްފަހުވެސް ބޭރުކޮށް، އަނެއްކާވެސް ފަހުން ހިމެނީއެވެ.

ރޮނާލްޑޯއަށް ދިމާވި ހާދިސާއަކީ ވޯލްޑް ކަޕް ފައިނަލްގެ އެއް ދުވަސް ކުރިން ފިޓް ޖެހުމެވެ. އޭނާއަށް ވީ ނުވީއެއް ނޭނގި ފައިނަލް މެޗަށް ނުކުތީވެސް ކޯޗާއި ޓީމުގެ މެޑިކަލް ޑޮކްޓަރާ އެތައް ޒުވާބެއް ކުރުމަށްފަހުގައެވެ. ރޮނާލްޑޯއަށް ފިޓް ޖެހުނު ނަމަވެސް އޭނާގެ ރިޕޯޓުތައް ރަނގަޅުވުމުން ފަހު ވަގުތު އޭނާއާއެކު ބްރެޒިލުން ފެށި ނަމަވެސް، ރޮނާލްޑޯއަށް މެޗުގައި އެންމެ އެދެވޭ ކުޅުމެއްވެސް ނުދެއްކުނެވެ.

އޭގެ ފަހުން 2002 ވަނަ އަހަރު ބްރެޒިލްގެ ރަން ޓީމާއެކު ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްވެސް އުފުލާލައިފައެވެ.

1- 1966 އިންގްލެންޑް 4-2 ވެސްޓް ޖަރުމަން

އިންގްލެންޑުން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލަނީ ---

އިނގިރޭސީންގެ އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުނީ 90،000 މީހުންނާއެކު ވެމްބްލީގައެވެ.

ފައިނަލް މެޗު ވެގެންދިޔައީ ފުޓުބޯޅައިގެ ހުރިހާ ކަމެއް ފެނިގެންދިޔަ މެޗަކަށެވެ. އެތައް ގޯލެކެވެ. ޝައްކުތަކާއި ރެފްރީގެ ބޮޑެތި ނިންމުންތަކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތް އިރު، ޖަރުމަނުން ދެވަނަ ގޯލް ޖެހީ މެޗުގެ ފަހު ސިކުންތުގައެވެ. މެޗުގެ އިތުރު ވަގުތާ ހަމައަށް ދިޔަ އިރު، މެޗު އިންތިހާއަށް ހޫނެވެ. ހާއްސަކޮށް ރެފްރީ ގޮޓްފްރައިޑް ޑެއިންސްޓަށް ޕްރެޝަރު ބޮޑުވިއެވެ.

މެޗުގެ އިިތުރު ވަގުތުގައި އިންގްލެންޑުން ގޯލެއް ޖެހި އިރު، މުޅި 1966 ވަނަ އަހަރު ފައިނަލަކީވެސް އެ ގޯލްއާ ގުޅުން ހުރި ފައިނަލެކެވެ. މިއަދާ ހަމައަށްވެސް އެ ގޯލާ މެދު ބަހުސް ކުރެވެމުން ދެއެވެ.

އިންގްލެންޑް ޖިއޮފް ހާސްޓް ޖެހި އެ ގޯލް، ގޯލްގެ މަތީ ދަނޑީގައި ޖެހިފައި ގޯލްގެ ރޮނގުމަތީގައި ޖެހުނު ކަމަށް އެއް ބަޔަކު ބުނާ އިރު، އަނެއް ބަޔަކު ބުނަނީ އެ ބޯޅަ ގޯލް ރޮނގު އެތެރެއަށް ހުރަސް ކުރި ކަމަށެވެ. ރެފްރީއަށްވެސް ފެނުނީ އެ ބޯޅަ ގޯލްގެ ރޮނގު ހުރަސްކުރި ތަނެވެ.

ކޮންމެއަކަސް ވިސުއަލް އިންފޮމޭޝަން ދިރާސާ ކުރާ ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އޭރުގެ ފުޓޭޖު ދިރާސާކޮށްފައިވާ އިރު، އެ ކޮލެޖުގެ ދަރިވަރުން ނިންމީ ބޯޅަ ގޯލް ހުރަސް ނުކުރާ ކަމަށެވެ. ވޯލްޑް ކަޕް 1966 ވަނަ އަހަރުގެ ފައިނަލްގެ އެންމެ ވަރުގަދަ ހަނދާނަކީ ހާސްޓްގެ ވެމްބްލީ ގޯލެވެ.

comment ކޮމެންޓް