ގާނޫނު ތަން ނުދޭ ދޮޅު އަހަރުގެ "ސަރުކާރު"!

3 ޖުލައި 2017: މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އިދިކޮޅު ކޯލިޝަނުން އެކަމުގެ އުފަލުގައި މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޯމަތިވަމުން އަންނަނީ ރިޔާސީ އިންތިޚާބެވެ. އިންތިޚާބުގައި ގޮތެއް ރައްޔިތުންނެވެ. ފިކުރުތަކުން، އެ ޕާޓީއެއްގެ ފިކުރުގެ ކެންޑިޑޭޓް ޕްރޮމޯޓް ކުރުމުގައި ހޭބޯނާރާ މަސައްކަތްކުރަނީ އެވެ. ތަފާތު މެނިފެސްޓޯތަކާ އެކު ރައްޔިތުންގެ ވޯޓް ހޯދަން މަސައްކަތް ކުރާއިރު ހުށަހަޅާ މެނިފެސްޓޯއަކީ ރައްޔިތުންނަށް މުހިންމު އަދި އެއީ ހަމަބުއްދިއަށް ވިސްނޭ މެނިފެސްޓޯއަކަށް ވާން ޖެހެ އެވެ. ތިމަން މަނިކުފާނު މިވެނި ކަމެއް ކުރައްވާ ނަމޭ އެވެނި ކަމެއް ކުރައްވާނަމޭ ވިދާޅުވުމަކުން ނުފުދެ އެވެ. ރައްޔިތުން އެއަށް ވުރެ މިހާރު ހޭލުންތެރި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރިޔާސީ އިންތިހާބަށް "ނަމުން އެކުވެރި ކޯލިޝަނަކާ އެކު" ތައްޔާރު ވަމުން އަންނަ އިރު، މެނިފެސްޓޯގައި ބުނެފައި ވަނީ ގާއިމު ކުރައްވާނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ކަމަށެވެ. އެއާ އެކު ޖަޒީރާ ރާއްޖެ، ނޫ އިގްތިސޯދު، ފަހުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފު ކިޔާ ބާބުތައް ވެސް ވަނީ އެ މެނިފެސްޓީގައި ހިމަނައިފަ އެވެ.

އެމްޑީޕީން އއ. އުކުޅަހުގައި ކުރިއަށް ގެންދާ އެ ޕާޓީގެ ތިން ވަނަ ކޮންގްރެސް --- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ކޯލިޝަންގެ ލީޑަރުން ހިތް ހަމަޖެއްސުމަށް ޓަކައި ދޮޅު އަހަރަށް އިންތިގާލީ ސަރުކާރެއް ގާއިމު ކުރަން ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަމުންދާ އިރު ސުވާލަކީ ރާއްޖޭގެ ގާނޫނު އަސާސީގައި އެކަމަށް އޮތީ ކިހާވަރެއްގެ ފުރުޞަތެއްތޯ އެވެ. އެއީ ގާނޫނީ ނަޒަރަކުން ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ. އަބަދު ވެސް ގާނޫނުގެ ތެރެއިން އަމަލުކުރުމަށް ފޫގަޅައިގެން ތިބޭ ކަމަށް ބުނާ ބަޔަކު ގާނޫނާ ސީދާ ހިލާފަށް މިފަދަ ކަމެއް މެނިފެސްޓޯގައި ހިމެނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު އުފައްދަން ޖެހެ އެވެ.

ދޮޅު އަހަރަކަށް އިންތިގާލީ ވެރިކަމެއް ގާއިމުކުރަން ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކުން ތަނެއް ނުދެ އެވެ. ފެހި ގާނޫނު އަސާސީގައި ރިޔާސީ ދައުރާ ގުޅޭ ގޮތުން 107 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ، ރައިސުލްޖުމްހުރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރުގެ ދައުރެއް ކަމަށެވެ. ފަސް އަހަރުގެ ދައުރު ދޮޅު އަހަރުގެ ދައުރަކަށް ބަދަލުކުރާނެ ގޮތެއް ގާނޫނު އަސާސީގައި ބުނެފައެއް ނުވެ އެވެ. ކަން މިހެން އޮތް އިރު ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް ދޮޅު އަހަރަކަށް ދައުރު ބަދަލުކުރުންވާނީ އެނގިހުރެ ގާނޫނު މުގުރާލުން ކަމަށެވެ.

"ދޮޅު އަހަރުގެ ސަރުކާރެއް ގާއިމް ކުރުމުގެ އިހްތިޔާރެއް ގާނޫނު އަސާސީ އިން އެއް އެއްވެސް ބަޔަކަށެެއް ދީފައެއް ނުވޭ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރުގެ ދައުރެއް، މި ގޮތަށް ދޮޅު އަހަރުން އިންތިހާބެއް ބާއްވަން ވެއްޖެ ނަމަ ސިޔާސީ ގޮތުން ރާއްޖެ ވަރަށް ބޮޑަށް ހަލަބޮލިވެގެން ދާނެ،" ނަން ހާމަކުރަން ބޭނުން ނުވާ، ގާނޫނީ ވަކީލެއް "ސަން" އަށް ވިދާޅުވި އެވެ.

އިދިކޮޅުގެ ރިޔާސީ ކެމްޕެއިނަށް އިބޫގެ ރަނިން މޭޓް ފައިސަލް ނަސީމް މިއަދު ގުޅިވަޑައިގަތް މީޑިއާ މައުލޫމާތު ދެނީ --- ފޮޓޯ: އެމްޑީޕީ

ދޮޅު އަހަރަށް ފަހު އަލުން އިތުރު އިންތިހާބެއް ބޭއްވުމަށް އޮތް ގޮތަކީ މިހާރުގެ ގާނޫނު އަސާސީގައި ރިޔާސީ ދައުރުކަމަށް ބުނެފައިވާ މާއްދާ އުނިކުރުމެވެ. ނުވަތަ އެއަށް ބަދަލު ގެނައުމެވެ. ނަމަވެސް އެކަން ކުރެވޭނީ މަޖިލީހުގެ ސާފު މެޖޯރިޓީއެއް ލިބިގެންނެވެ. މަޖިލީހުގެ މި ދައުރުގައި އެކަން ވުމަކީ ނާދިރު ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވާއިރު ކުރިއަށް އޮތް 2019 ވަނަ އަހަރުގައި މަޖިލީހުގެ ގޮނޑިތައް ތަރުތީބުވެގެންދާނެ ގޮތް އަދި އޮތީ ޣައިބުގަ އެވެ.

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ދޮޅު އަހަރުގެ ސަރުކާރު ގާއިމް ކުރަން ފުރުސަތު ދީފި ނަމަ ރާއްޖެ ގާނޫނީ ގޮތުން ހުސްކަމެއްގެ ތެެރެއަށް ގޮސް، ސިޔާސީ ގޮތުން ހަލަބޮލިވެ މިގައުމު ފުނޑު ފުނޑުވެގެން ހިނގައިދާނެ އެވެ. އަދި ވޯޓުލާ ރައްޔިތު މީހާގެ ހައްގުތައް ގެއްލި މި ގައުމު ފަސާދައަށް ހުޅުވިގެންދާނެ ކަަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ފައިސަލް ނަސީމް މިއަދު އައްޑޫއަށް ވަޑައިގަތް ކެމްޕެން ކުރިއަށް ގެންދަނީ: ޝައިނީ ވަނީ ފައިސަލްއަށް މަރުހަބާ ދަންނަވާފައި --- ފޮޓޯ: އެމްޑީޕީ

"ދޮޅު އަހަރުގެ ސަރުކާރު ގާއިމް ކުރަން ފުރުސަތު ދީފި ނަމަ ރާއްޖެ ގާނޫނީ ގޮތުން ހުސްކަމެއްގެ ތެެރެއަށް ދާނެ. ސިޔާސީ ގޮތުން ހަލަބޮލިވެ މިގައުމު ފުނޑު ފުނޑުވެގެން ހިގައިދާނެ،" ޕީޕީއެމްގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި އެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް 85 މިލިއަން ރުފިޔާ ހަރަދުވާއިރު ދޮޅު އަހަރަށް ފަހު އަނެއްކާ ވެސް އިންތިހާބެއް ބާއްވަން ވެއްޖެ ނަމަ ހަރަދުގެ ގޮތުން މިކަން ވެގެންދާނީ ދައުލަތުގެ ބަޖެޓަށް ކެތްނުވާވަރުގެ ކަމަކަށް ކަން ޔަގީނެވެ. ރައްޔިތުންގެ ފައިސާއިން މިވަރުގެ އަދަދެއް ކޮންމެ ދޮޅު އަހަރަކުން ހަރަދު ކުރަން ވެއްޖެ ނަމަ އެކަން ވެގެންދާނީ ބޮޑު އިސްރާފަކަށް ކަމަށް ރައްޔިތުން ގަބޫލުކުރެ އެވެ. އެހެން ކަމަށްވާއިރު އެވަރުގެ އިސްރާފެއް ކުރަން ވެސް ހަމަ ހެޔޮވެރިކަމެއް ކުރަން ބުނާ ބަޔަކަށް މައްސަލައަކަށް ނުވަނީތޯ އެއީ އުފެދޭ ސުވާލެކެވެ.

މެނިފެސްޓޯގައި ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވާލާނެ ކަމަށް ބުނުމުން އެ ބުނާ އޯގާތެރި ސަރުކާރުގެ އޯގާތެރިކަމާއި ގާނުނަށް ބޯލަބާނެވަރާ މެދު ރައްޔިތުން ސުވާލު އުފައްދަ އެވެ. އަހަރުގެ ދެކޮޅު އިންތިހާބެއް ބާއްވަން ވެއްޖެ ނަމަ އިގްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ އެވެ. އޭރުން އެ ބުނާ ނޫ އިގްތިސާދުން ރައްޔިތުންނަށް ކުރާނެ މަންފާއެއް އެބައޮތްތޯ އެވެ. ފައިސާގެ ގޮތުން އިސްރާފެއް ކުރަން ޖެހުނަސް ނުވަތަ ގާނޫނަށް ހުސްކަމެއް އަޔަސް އިދިކޮޅު ލީޑަރުން ހިތްހަމަޖައްސައިދޭން ހަމަ އެކަން ކުރަންވީތޯ އެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައި، ވޯޓު ފޮށިތައް ގެންދަން ފުލުހުން ފެށުން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އުއްމީދުތަކެއް އޮވެގެން ވޯޓްލާ ރައްޔިތުންގެ ހައްގު ސިޔާސީ ލީޑަރުންނަށް ވުރެ ކުޑައީތޯ އެވެ. ސިޔާސީ ގޮތުން ހަލަބޮލި ޖަޒީރާ ރާއްޖެއެއް ގެންނަން ހަމަ ފުރުޞަތު ދޭންވީތޯ އެވެ. އެބޭފުން އެ ވިދާޅުވާ ގޮތަށް، ބޮޑު ހަރަދުކޮށްގެން އިންތިހާބެއް ބާއްވާ ނަމަ އެ ވިދާޅުވާ ނޫ އިގްތިސާދުގެ ފަލްސަފާއާ މެދު ސުވާލު އުފެދޭ ނޫންތޯ އެވެ. ގާނޫނަށް ބޮޑު ހުސްކަމެއް ގެނެސް ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިކޮށްގެން އެ ވިދާޅުވާ ރައްޔިތުން އެދޭ ފަހުރުވެރި އާއިލާއެއް ބިނާކުރެވިދާނެތޯ މިއީ ގިނަ ރައްޔިތުން އުފައްދާ ސުވާލެކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ ދޮޅު އަހަރުން ވޯޓުލާން ވެއްޖެ ނަމަ އެ ގެއްލިގެންދަނީ އަޅުގަނޑުމެން ރައްޔިތުންގެ ހައްގުތަކެއް. އަޅުގަނޑުމެން ބޭނުމެއް ނުވޭ ސިޔާސީ ގޮތުން ހަލަބޮލި ތަނަކަށް މިތަން ހަދާކަށް،" މެދުއުމުރުގެ ރައްޔިތެއް ކަމަށްވާ ހުސައިން ޒަރީރު ބުންޏެވެ.

ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން މިދަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ބޭފުޅަކު ވެރިކަމަށް ގެނައުމަށް ކަމަކަށް ނޫންތޯ އެވެ. ދޮޅު އަހަރަށް ފަހު ބާއްވާ އިންތިޚާބަކީ ރައްޔިތުންގެ ހައްގުތައް މުގުރާލުމަށް ފަހު ވަކި ބަޔަކަށް ހިތްހަމަޖެހުން ހޯދައިދޭން ކުރާ ކަމެއްކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ރައްޔިތުން ބޭނުން ވަނީ ގާނޫނުގައި އޮތް ގޮތަށް ފަސް އަހަރުވަންދެން ވެރިކަން ކުރާނެ ރައީސެކެވެ. ހަރުދަނާ ސިޔާސަތުތަކަކާ އެކު ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކުރެވޭނޭ ފަދަ، ގާބިލު ވެރިއެކެވެ. ގާނޫނު ތަން ނުދޭ ދޮޅު އަހަރުގެ "ކުޅޭކުޅޭ ސަރުކާރެއް" ރައްޔިތުން ބޭނުމެއް ނުވެ އެވެ.

comment ކޮމެންޓް