މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޕީޕީއެމް އިން ދޮރުން ދޮރަށް ކެމްޕޭން ކުރިއަށް ގެންގޮސްފި

ޕީޕީއެމް އިން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ކެމްޕޭނުގައި މިނިސްޓަރު މުއިއްޒު ރައްޔިތަކާ ބައްދަލު ކުރައްވަނީ --- ސަން ފޮޓޯ

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ހޯދުމުގެ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ސަރުކާރު ހިންގާ ޕީޕީއެމް އިން ދޮރުން ދޮރަށް ކެމްޕޭން ކުރިއަށްގެންގޮސްފިއެވެ.

ދޮރުން ދޮރަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދު ހިންގަނީ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ހިންގާ ވަރަށް ވަރުގަދަ ހަރަކާތެއް ކަމަށެވެ.

"ވަޒީރުން އިސްނަންގަވައިގެން ޕާލަމެންޓް މެންބަރުންނާ ގުޅިގެން މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދޮރުން ދޮރަށް ހަރަކާތަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު އިތުރު ކުރުމަށް ހިންގާ ވަރަށް ވަރުގަދަ ހަރަކާތެއް،" ޝަހީމް ވިދާޅުވިއެވެ.

މިއަދުގެ ދޮރުން ދޮރަށް ހަރަކާތް ފެށީ ހަވީރު 4:00 ގައެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްވަގުތެއްގައި ފެށި އެ ކެމްޕޭންގައި ގިނަ އަދަދެއްގެ ގެތަކަށް ވަޑައިގެން މިނިސްޓަރުން ވަނީ ރައްޔިތުނާ ބައްދަލުކުރައްވައި ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާފައެވެ.

މާފަންނު ދެކުނު ދާއިރާއަށް ދޮރުން ދޮރަށް ވަޑައިގަތުމަށްފަހު ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި ބޯހިޔާ ވަހި ކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައިވާނެ ކަމަށެވެ.

ޕީޕީއެމް އިން މިއަދު ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ރިފާޒް އަހުމަދު ރިޔާޒް

ދޮރުން ދޮރަށް ވަޑައިގަތުމުން ރައީސް ޔާމީނަށް އޮތް ތާއީދު އެނގިގެން ދިޔަ ކަމަށާއި އެކަމަށްޓަކައި އަޒްލީން ވަނީ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

"ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރައީސް ޔާމީނަށް އެ ރައްޔިތުން ތާއީދު ކުރައްވާތީ،" އަޒްލީން ވިދާޅުވިއެވެ.

ވިލިމާލެގައި ދޮރުން ދޮރަށް ވަޑައިގަތުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

މާފަންނު މެދު ދާއިރާގެ ކެމްޕޭން ކަންތައްތަކުގައި މިއަދު އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރެވެ.

މާފަންނު އުތުރު ދާއިރާއަށް ދޮރުން ދޮރަށް ވަޑައިގަތުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

މާފަންނު ހުޅަނގު ދާއިރާގެ ގެތަކަށް ދޮރުން ދޮރަށް ވަޑައިގަތުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

މައްޗަންގޮޅީގެ ގެތަކަށް ކެމްޕޭން ޓީމް ވަޑައިގެންނެވިއިރު އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ގަލޮޅު ދެކުނު ދާއިރާގެ ގެތަކަށް ވަޑައިގަތުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިސްކޮށް ހަރާކްތެރިވެވަޑައިގަތްއިރު، ގަލޮޅު އުތުރު ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ހެންވޭރު އުތުރުގައި ކެމްޕޭން ކަންތައްތަކުގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއިރު، ހެންވޭރު ދެކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މެދު ހެންވޭރު ދާއިރާގައި ކެމްޕޭންގެ ކަންތައްތަކުގައި އިސްކޮށް ހަރާކްތެރިވެވަޑައިގަތީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ހުޅުމާލޭގައި ދޮރުން ދޮރަށް ވަޑައިގަތުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

comment ކޮމެންޓް