ހޮހޮޅައިގައި ތިބި ކުދިން ހޯދި އިނގިރޭސި ޑައިވަރު ބުނަނީ އޭނާއަކީ ބަތަލެއް ނޫންކަމަށް

ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި ކުދިން ސަލާމަތް ކުރުމަށްޓަކައި އެގައުމަށް ދިޔަ އިނގިރޭސި ހަތް ޑައިވަރުން ވަނީ މިއަދު އެނބުރި ގައުމަށް ގޮސްފައި -- ފޮޓޯ: ރޮއިޓާސް

ލަންޑަން (ޖުލައި 13): ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވި ކުދިން ސަލާމަތް ކުރުމުގައި އެހީތެރިވި އެންމެންނަކީ ބަތަލުންގެ ގޮތުގައި ސިފަ ކުރަމުން ދަނީއެވެ. ތައުރީފު އެންމެ ބޮޑަށް ލިބެމުން ދަނީ އެކުދިން ހޯދި ޑައިވަރުންނަށެވެ.

އެހެން ނަމަވެސް ދެ ޑައިވަރުންގެ ތެރެއިން ރިކް ސްޓޭންޓަން ގަބޫލުކުރާ ގޮތުގައި އޭނާއަކީ ބަތަލެއް ނޫނެވެ.

މިދިޔަ މަހުގެ 23ގައި ހޮހޮޅައިގައި ތާށިވި ކުދިން ފުރަތަމަ ހޯދި ދެ ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓޭންޓަން އެފަދަައިން ބުނީ، އޭނާއާއި އެ އޮޕަރޭޝަނުގައި ބައިވެރިވި އިނގިރޭސި ހުރިހާ ޑައިވަރުން އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

ސްޓޭންޓަން ބުނި ގޮތުގައި އޭނާ މަސައްކަތް ކުރީ ބަތަލަކަށްވުމުގެ ބަދަލުގައި އޭނާއަށް ލިބިފައިވާ ހުނަރުތައް ބޭނުންކޮށްގެން، "މުޖުތަމައަށް ޚިދުމަތެއް" ކޮށްދިނުމަށެވެ.

ތަމް ލުއަންގް ހޮހޮޅައިގައި ތިބި ކުދިން ފުރަތަމަ ހޯދީ ސްޓޭންޓަންއާއި އިނގިރޭސި އެހެން ޑައިވަރެއް ކަމަށްވާ ޖޯން ވޮލަންތެންއެވެ. އެ ދެ މީހުންނަކީ "ސައުތް އެންޑް މިޑް ވޭލްސް ކޭވް ރެސްކިއު ޓީމަށް" ނިސްބަތްވާ ދެ ޑައިވަރުންނެވެ.

ހޮހޮޅައިގައި ތިބި ކުދިން ފުރަތަމަ ހޯދި އިނގިރޭސި ޑައިވަރުން ކަމަށްވާ ރިކް ސްޓޭންޓަން (ކ) އާއި ޖޯން ވޮލަންތެން -- ފޮޓޯ: އެސްޑަބްލިއުއެންއެސް

ސްޓޭންޓަން ބުނި ގޮތުގައި އެ އޮޕަރޭޝަނަކީ މީގެ ކުރިން އެއްވެސް އިރެއްގައި ކުރިއަށް ގެންގޮސްފައި ނުވާ ފަދަ އޮޕަރޭޝަނެކެވެ. އަދި އެ އޮޕަރޭޝަނާ ބެހޭ ގޮތުން ޝައްކުތަކެއް އުފެދުނު ނަމަވެސް، އެމަސައްކަތް އެންމެ ރަނގަޅަށް ކުރެވޭ ފަދަ ޓީމެއް އޮތް ކަމަށާއި ތައިލޭންޑުގެ ކަމާ ބެހޭ ފަރާތްތަކާއި ކޭވިން ކޮމިއުނިޓީއާއި ރެސްކިއު ޖަމާއަތްތަކުގެ އެއްބާރުލުން ލިބުނު ކަމަށް އޭނާ ބުންޏެވެ.

ސްޓޭންޓަން ވަނީ އެ ކުދިން ދިރިތިބިކަން ފުރަތަމަ އެނގުމުން ވަރަށް އުފާވެ، ހިތަށް ލުއިކަމެއް ލިބުނު ކަމަށް ބުނެފައިއެވެ. އަދި އެ ކުދިން ފެނުނުކަން ހޮހޮޅައިން ބޭރުގައި ތިބި މީހުންނަށް އެންގުމަށްޓަކައި، އެކުދިން އެތަނުގައި ބައިތިއްބާފައި ދިޔަ ވަގުތު ވިސްނަމުން ދިޔައީ އެކުދިން ސަލާމަތް ކުރާނެ ގޮތަކާ ބެހޭ ގޮތުން އެކަނި ކަމަށް ސްޓޭންޓަން ބުންޏެވެ.

މީގެ އިތުރުން ސްޓޭންޓަން ވަނީ އެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ހޮހޮޅައިން ނެރުމުގައި އެންމެ މުހިންމުވީ އެ ކުދިންނަށް ފަސޭހަ ކަމާއެކު ނޭވާލުމަށާއި ހާސްވުން ކުޑަކޮށްދޭ ފަދަ ފުލް ފޭސް މާސްކު ހޯދުން ކަމަށް ބުންޏެވެ.

ތައިލޭންޑުގެ ހޮހޮޅައިން ސަލާމަތް ކުރި ކުދިންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން -- ފޮޓޯ: ރޮއިޓާސް

"ވަރަށް އުނދަގޫ ކަންތައްތައް ހުރި، ނަމަވެސް އަޅުގަނޑުމެންގެ އޮޕަރޭޝަން ކާމިޔާބު ވަންދެން، އަޅުގަނޑުމެން މަސައްކަތްކުރީ އެ ކަންތައްތަކަށް އިސްކަން ދިނުމުގެ ބަދަލުގައި (ކުދިން ސަލާމަތް ކުރުމުގެ) މަސައްކަތަށް ބޮޑަށް އިސްކަން ދިނުމަށް،" ސްޓޭންޓަން ބުންޏެވެ.

ނަމަވެސް ސްޓޭންޓަން ވަނީ އެ އޮޕަރޭޝަނާ ބެހޭ ގޮތުންނާއި އެ ކުދިންގެ ހާލާ ބެހޭގޮތުން މިވަގުތު އިތުރަށް މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފައެވެ.

ތިން ދުވަހުގެ މަސައްކަތަށް ފަހު މިދިޔަ އަންގާރަ ދުވަހު ސަލާމަތް ކުރި "ވައިލްޑް ބޯސް" ޓީމުގެ 12 ކުދިންނާއި އެ ކުދިންގެ ކޯޗަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ބުނާ ގޮތުގައި އެ ކުދިން ދޫކޮށްލާނީ އެއްވެސް އިންފެކްޝަނެއް ޖެހިފައި ނުވާކަން ޔަގީންވުމުން، ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

(ބީބީސީ)

comment ކޮމެންޓް