ސަލާހް ރާއްޖޭގައި، ރޮނާލްޑޯ ގްރީސްގައި، ވޯލްޑް ކަޕަށްފަހު ތަރިން ކޮބާ؟

އިވޯބީ އޭނާގެ އިންސްޓާގްރާމްގައި ކޮށްފައިވާ ޕޯސްޓެއް ---

ވޯލްޑް ކަޕާ ހަމައަށް ގައުމީ ޓީމު ގޮވައިގެން ދަނީ ސީޒަންގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައެވެ. ސީޒަން ތެރޭގައި ކްލަބާއެކު އެތައް މެޗުތަކެއް ކުޅުމަށްފަހު ވޯލްޑް ކަޕަށް އެތައް ތައްޔާރީތަކެއްވެ، އެތަކެއް ފަރިތަކުރުމަކަށްފަހު، ގައުމީ ޓީމު ރަމްޒުކޮށްލުމަށް ގޮސް އެކިއެކި ކުޅުންތެރިންނަށް ކުރެވެނީ އެކި ތަޖުރިބާއެވެ.

ކާމިޔާބު ސީޒަނަކަށްފަހު ނާކާމިޔާބު ވޯލްޑް ކަޕެއް އައުންވެސް އެކަށީގެންވެއެވެ. ސީޒަންގައި "ފްލޮޕް" ވި ނަމަވެސް ވޯލްޑް ކަޕްގައި ވިދާލުންވެސް އެކަށީގެންވެއެވެ. ކޮންމެއަކަސް ބުރަ ބޮޑު ސީޒަނަކަށްފަހު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ކޮންމެ ކުޅުންތެރިއަކުވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ޗުއްޓީއެވެ.

އެކިއެކި ކުޅުންތެރިން ޗުއްޓީ ހޭދަކުރާ ގޮތްވެސް ތަފާތެވެ. ބައެއް ކުޅުންތެރިން އާއިލާއާއެކުގައެވެ. އަނެއް ކުޅުންތެރިން ލޯބިވެރިންނާއެކު "ރޮމޭންޓިކް" ޗުއްޓީއެއްގައެވެ. ބޯ ހަމަޖައްސާލުމަށް އެކަނި ޗުއްޓީއަށް ދާ ކުޅުންތެރިންވެސް ފެނެއެވެ.

ވޯލްޑް ކަޕަށްފަހު ފުޓުބޯޅައިގެ އެތައް ތަރިންނެއް މިސްރާބު ޖެހީ ޗުއްޓީއަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ ހިތްގައިމު މަންޒިލުތަކަކީ ހުރިހާ ތަރިންގެވެސް ޗުއްޓީ މަންޒިލްތަކުގެ ލިސްޓުގެ ވަރަށް ކުރިން ޖާގަ ހޯދާ ތަންތަނެވެ.

އެލްނެނޭ ހުރަވަޅި ރެސޯޓުގެ "5.8 އަންޑަސީ"ގައި --- ފޮޓޯ/ އެލްނެނީ އިންސްޓާގްރާމް

ވޯލްޑް ކަޕުން މިސްރު ކެޓިތާ މާ ގިނަ ދުވަހެއް ނުވެ، އެގައުމުގެ ގައުމީ ޓީމު އަދި އާސެނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީވެސް ރާއްޖެ އައިސްފައިވާ އިރު، އޭނާ މަޑުކުރި ހުރަވަޅި އައިލެންޑް ރެސޯޓުގެ "5.8 އަންޑަސީ" ވެގެންދިޔައީ ތަފާތު ތަޖުރިބާއަކަށް ކަމަށް އިސްޓަގްރާމްގައި އެލްނެނީ ބުނެފައިވެއެވެ.

މިސްރުން 28 އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު، އެގައުމަށް ވޯލްޑް ކަޕް ނިންމާލަން ޖެހުނީ މޮޅެއް ނުލިބިއެވެ. ހިތްދަތިކޮށް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިއުމުން އެ ޓީމުގެ ތަރިން އެކި ދިމަދިމާލަށް ޗުއްޓީއަށް ދަތުރު ފެށި އިރު، ޓީމުގެ ތަރި މުހައްމަދު ސަލާހުވެސް އައީ ރާއްޖެއެވެ. މިއަދުގެ ވަގުތެއްގައި ސަލާހް ރާއްޖެއައީ އޭނާގެ އާއިލާއާވެސް އެކުގައެވެ. އޭނާ ރާއްޖެ އައިސްފައިވާ ފްލައިޓުން ދިމާވި ދިވެއްސަކަށް ބޯޑިން ފާހުގައި ސޮއިކޮށް އޮޓޯގްރާފް ދީފައިވާ އިރު، އޭނާ ރާއްޖޭގައި ހޭދަކުރާނެ މުއްދަތު އަދި ނޭނގެއެވެ.

ވޯލްޑް ކަޕަގް ކުރިންވެސް އަދި ވޯލްޑް ކަޕްގެ ފަހުންވެސް އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ކުޅުންތެރިއަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރެއާލް މެޑްރިޑް ދޫކޮށް، އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެފައިވާ ރޮނާލްޑޯގެ ޓްރާންސްފާ ހުރިހާ ކަމެއްގެ ވާހަކަ މީޑިއާގައި ދެކެވެމުންދިޔަ އިރު، އޭނާ ހުރީ ޗުއްޓީގައެވެ. ގްރީސްގެ ހިތްގައިމުކަމުގައި ލޯބިވެރިޔާ ޖޯޖީނިއޯ ރޮޑްރިގޭޒްއާއި ދޮށީ ދަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާއާއެކު އޭނާ އިންޓަގްރާމްވެސް ކޮށްފައިވެއެވެ.

އަދި އިއްޔެ ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓްގައި އޭނާގެ މުޅި އާއިލާ އެއްކޮށް ފެންނަކަން ފާހަގަކޮށްލެވުނެވެ.

Lovely moments!????????

A post shared by Cristiano Ronaldo (@cristiano) on

އައިސްލޭންޑަށް މިފަހަރުގެ ވޯލްޑް ކަޕަކީ ކާމިޔާބު މުބާރާތެކެވެ. އެޓީމުން އަލަށް ވޯލްޑް ކަޕް ކުޅެ، އާޖެންޓީނާއާ އެއްވަރުކުރިއެވެ. ގްރޫޕް ސްޓޭޖު ފަހަނައަޅާ ނުދިޔައީ ހަނި ތަފާތަކުންނެވެ. ޓީމުގެ އެންމެ މުހިއްމު ރޯލެއް އަދާކުރީ ޓީމުގެ މިޑްފީލްޑަރު ގިލްފީ ސިގަޑްސަންއެވެ.

ސިގަޑްސަން އޭނާގެ ވޯލްޑް ކަޕްގެ ކާމިޔާބަށްފަހު ވަގުތު ދިނީ ލޯބިވެރިޔާއަށެވެ. ބަހާމާސްގައި އޭނާގެ ލޯބިވެރިޔާ އެލެގްޒެންޑަރާ ހެލްގާއަށް "ޕްރޮޕޯސް"ކޮށްފައިވާ އިރު، އިންސްޓާގްރާމްގައި ސިގަޑްސަން ބުނެފައި ވަނީ ލޯބިވެރިޔާ "އާއެކޭ" ބުނި ކަމަށެވެ.

Swimming with the sharks at Compass Cay????

A post shared by Gylfi Sigurdsson (@gylfisig23) on

ގެބްރިއަލް ޖެސޫސްގެ ކޮންމެ ގޯލަކަށްފަހު އޭނާ އުފާފާޅުކުރަނީ ރަމްޒުކޮށްދޭ ހަރަކާތަކާ އެކުގައެވެ. ފޯނެއްގެ ގޮތުގައި އަތުގެ ނިޝާނެއް ދައްކާ އިރު، ޖެސޫސް ބުނެފައި ވަނީ އޭނާގެ އުފާފާޅުކުރުން ރަމްޒުކޮށްދެނީ މަންމަ އޭނާއަށް ގުޅާ ގުޅުން ކަމަށެވެ. ކޮންމެ ދުވަހަކުވެސް މަންމަ ގުޅާ ކަމަށް ޖެސޫސް ބުނެފައިވާ އިރު، ވޯލްޑް ކަޕްގެ ނާކާމިޔާބީއަށްފަހު އޭނާ ދިޔައީވެސް މަންމަ ކައިރިއަށެވެ.

ވޯލްޑް ކަޕްގައި ގޯލެއް ނުޖެހި ނިންމާލަން ޖެހުނު އިރު، ޖެސޫސްގެ ނާކާމިޔާބީ ހަނދާން ނައްތާލަން އޭނާ ބޭނުންވީ މަންމަ ވެރޫ ލޫސިއާ ޑިނީޒް ޑި ޖެސޫސްއެވެ.

ގެބްރިއަލް ޖެސޫސްގެ އިތުރުން ދެން ވޯލްޑް ކަޕްގައި އެންމެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އެއް ފޯވަޑަކީ ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޯސްކީއެވެ. އޭނާ ބެލީ ޗުއްޓީއަށްވުރެ ބޮޑަށް އަނބުރާ ފޯމަށް އައުމަށެވެ. އާއިލާއާއެކު ކުރު ޗުއްޓީއަކަށްފަހު ލަވަންޑޯސްކީ އެންމެފަހުން ކުރި އިންސްޓާގްރާމް ޕޯސްޓްގައި ފެންނަނީ ޖިމް ޖައްސާ މަންޒަރެވެ. "އަނބުރާ މަސައްކަތަަށް" ޖެހުމަށްފަހު އެ ޕޯސްޓާއެކު އޭނާ ސީޒަނަށް ނުކުތީ ކަމަށް ބެލެވިދާނެއެވެ.

Time to get back to hard work!

A post shared by Robert Lewandowski (@_rl9) on

ނައިޖީރިއާއާއެކު ވޯލްޑް ކަޕް ހިތްދަތިކޮށް ނިންމާލި އެލެކްސް އިވޯބީ ވިސްނީ މޫދާއި ރީތި ގޮނޑުދައްތަކުގެ ބަދަލުގައި ތަންކޮޅެއް "އެޑްވެންޗަރަސް" ޗުއްޓީއަކަށް ދިއުމަށެވެ. އޭނާގެ އިންސްޓާގްރާމްއިން އެކަން ފެނިގެންދެއެވެ.

????????

A post shared by Alexander Iwobi (@alexanderiwobi) on

ކުރިއަށް ސީޒަނަށް އެކިއެކި ކުޅުންތެރިން އެކި ގޮތްގޮތަށް ތައްޔާރުވަމުންދާ އިރު، އެކިއެކި ކުޅުންތެރިންގެ ވިސްނުމުގައި "ޗުއްޓީ"ގެ ލަފުޒު ތަފާތެވެ. އާއްމުކޮށް ދުނިޔޭގެ އެތަކެއް މަންޒިލުތަކަކަށް ދަތުރުކުރާ އިރު، އޮސްޓްރޭލިއާއެކު ހަތަރު ވޯލްޑް ކަޕް ކުޅެފައިވާ ޓިމް ކޭހިލްވެސް މިއަދު ވަނީ އާއިލާއާއެކު ރާއްޖެ އައިސްފައެވެ. އޭނާގެ ފޭސްބުކް ޕޭޖުގައި އެއާ ޓެކްސީއެއްގައި ރާއްޖޭގެ ޕައިލެޓަކާ ނަގައިފައިވާ ފޮޓޯއެއްވެސް ވަނީ އާއްމުކޮށްފައެވެ.

comment ކޮމެންޓް