ސައުދީގެ 2030 ތަސައްވަރަށް އެއްބާރުލުން ދެއްވާނެކަމަށް އަލްވަލީދު ވިދާޅުވެއްޖެ

ޕްރިންސް އަލްވަލީދު ބިން ތަލާލް އާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން -- ފޮޓޯ: އަމީރު އަލް ވަލީދު/ޓުވިޓާ

ރިޔާޒު (ޖުލައި 13): ސައުދީ އަރަބިއާގެ ސަރުކާރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަސައްވަރަށް އެންމެ ބޮޑަށް އެއްބާރުލުންދޭ އެއް ފަރާތަކަށް ޕްރިންސް އަލްވަލީދް ބިން ތަލާލް ވެވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަލްވަލީދުގެ ޓުވީޓެއްގައިވާ ގޮތުން އޭނާ ވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެބޭފުޅުން ވަނީ އިގުތިސާދާ ބެހޭ ގޮތުންނާއި 2030ގެ ތަސައްވަރުގެ ކާމިޔާބީގައި ޕްރައިވެޓް ސެކްޓާއިން އަދާކުރާނެ ދައުރާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

"އަޅުގަނޑުގެ އަޚު، ވަލީއަހުދާ ބައްދަލުކޮށް އިގުތިސާދާއި ޕްރައިވެޓް ސެކްޓާގެ މުސްތަގުބަލާއި ވިޝަން 2030ގައި (ޕްރައިވެޓް ސެކްޓާއިން) އަދާ ކުރާނެ ދައުރާ ބެހޭ ގޮތުން މަޝްވަރާކުރެވުމަކީ އަޅުގަނޑަށް ލިބުނު ޝަރަފެއް. ކިންގްޑަމް ހޯލްޑިން ކޮމްޕެނީއާއި އެއާ ގުޅުންހުރި ފަރާތްތައް މެދުވެރިކޮށް، އަޅުގަނޑު ވާނަން އެ ތަސައްވަރަށް އެންމެ ބޮޑަށް އެއްބާރުލުންދޭ އެއް ފަރާތައް،" އަލް ވަލީދުގެ ޓުވީޓުގައި ވެއެވެ.

ކިންގްޑަމް ހޯލްޑިން ކޮމްޕެނީއަކީ އަލްވަލީދުގެ އިންވެސްޓްމެންޓު ކުންފުންޏެވެ.

އެއީ މިދިޔަ އަހަރު މުހައްމަދު ބިން ސަލްމާން ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތުގެ ތެރެއިން ޕްރިންސް އަލްވަލީދު ހައްޔަރު ކުރެއްވި ފަހުން، ދެ ބޭފުޅުން ބައްދަލުކުރެއްވިކަން ހާމަ ކުރި ފަހަރެވެ.

މިދިޔަ ނޮވެމްބަރު މަހު 200އަށް ވުރެ ގިނަ އަމީރުންނާއި ވިޔަފާރިވެރިންނާއެކު ރިޓްޒް ކާލްޓަން ހޮޓެލުގައި އަލްވަލީދު ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ މިދިޔަ ޖެނުއަރީ މަހުގައިއެވެ.

އަދި އަލްވަލީދު ދޫކޮށްލުމުގެ ކުރިން އޭނާ ދެއްވި އިންޓަވިއުއެއްގައި ވަނީ އޭނާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ކޮށްފައިނުވާ ކަމަށާއި، އޭނާއާ ސަރުކާރާ ދެމެދު މަޝްވަރާތަކެއް ބޭއްވި ކަމަށް ވިދާޅުވެފައެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ސައުދީ ސަރުކާރުން އަލްވަލީދު ދޫކޮށްލީ އޭނާގެ 17 ބިލިއަން ޑޮލަރުގެ މިލްކިއްޔާތުން ބޮޑުބައެއް ސަރުކާރަށް ދޭން އެއްބަސްވުމުންނެވެ.

comment ކޮމެންޓް