މުސީބާތްތައް ގިރާކުރުމުގެ ގާބިލުކަން އިސްލާމީ އުންމަތުގައި އެބަހުރި: ހުކުރު ހުތުބާ

ހުކުރު ހުތުބާ:މިއަދުގެ ހުކުރު ހުުތުބާ ބަނާކޮށްފައިވަނީ އިސްލާމީ ވަޙްދަތާއި އެއްބައިވަންތަ ކަމުގެ މުހިންމުކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ކުރިއަށް ދެވޭވަރުގެ ގާބިލުކަން އިސްލާމީ އުންމަތުގެ ވަހުދަތާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުންތަކުގައި އެބަހުރިކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ މުސްލިމުންގެ އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް މުސްލިމުންގެ ހިތްތަށް އެކަތިގަނޑަކަށް ހަދައި ހިތްތަކުގައި އޯގާތެރިކަން އަށަގެންނެވުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"މުސީބާތްތައް ގިރާކޮށްފައި ކުރިއަށް ދެވޭވަރުގެ ގާބިލުކަން އިސްލާމީ އުންމަތުގެ ވަހުދަތާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުންތަކުގައި އެބަހުރި. މިކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަކުރުން. އެކަމަށް ބޭނުންވާ އީމާންކަމުގެ އިހުސާސްތަކާއި އަސާސުގެ ޝުއޫރުތައް ފާޅުކުރުން،" ހުކުރު ހުތުބާޣައި ބުނެފައިވެއެވެ.

އިސްލާމްދީނުގެ އަހުލުވެރިންނަށް މި ދީނުގެ އަގީދާގެ މަތީގައި ފައިތިލަތައް ސާބިތުކޮށްގެން އިސްތިއުމާރާއި މުސްތައުމިރުންނާއި އަޢުވާނުންގެ ކުރިމަތީގައި ގުޑާނުލައި ތިބެވޭނީ އިސްލާމީ ވަހުދަތުގައި ހިފަހައްޓައިގެން ތިބުމުން ކަމަށްވެސް ހުކުރު ހުތާބާގައި ވަނީ ބުނެފައެވެ.

މުޖްތަމައުގައި އޮތް ޒަމާންވީ ރީތި އަހުލާގުގައި ހިފަހައްޓައި، ތެދު ބުނެ، ދޮގު ނުހެދުމަށާއި މުޖުތަމައު ބައިބައިވެ ނިކަމެތިވެދާނެ އެއްވެސް ކަމެއް ނުކުރުމަށްވެސް ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

އަދި ކޮންމެ މީހަކުވެސް ހެޔޮކަމަށް މަގުފަހިކޮށްދޭ ތަޅުދަނޑިއަކަށް ވެ، ނުބައިކަންތައް މަނާކުރާ ތަޅަކަށް ވުމަށްވެސް ހުކުރު ހުތުބާގައި ވަނީ ގޮވާލައިފައެވެ. އަދި އެކަކު އަނެކަކު ދެކެ ރުޅިއައިސް ވާހަކަ ނުދައްކާ ނުތިބުމަށް ވެސް ހުކުރު ހުތުބާގައި ވަނީ ނަސޭހަތް ތެރިވެފައެވެ.

comment ކޮމެންޓް