ފަސް މަސް ދުވަހަށް ފަހު ޝަމީމްގެ ސަސްޕެންޝަން އުވާލައިފި

ކުރީގެ ޑެޕިއުޓީ ޕީޖީ ޝަމީމް: ފަސް މަސް ދުވަހަށް ފަހު އޭނާގެ ސަސްޕެންޝަން އުވާލައި ވަކާލާތު ކުރުމުގެ ހުއްދަ އަލުން ވަނީ ދީފައި ----

ފަސް މަސް ދުވަހަށް ފަހު ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ ސަސްޕެންޝަން އުވާލައި ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފި އެވެ.

ޝަމީމް އެންމެ ފަހުން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ޝަމީމް އޭރު ސަސްޕެންޑްކުރީ ފުލުހުން ބަލަމުންދާ މައްސަލައެއް ބަލައި ނިންމައި ވަކިގޮތެއް އަންގަން ދެނެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުލުހުން ތަހްގީގް ކުރަމުން ދިޔަ ޝަމީމްގެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް އަންގާފައި ވާތީ އޭނާގެ ސަސްޕެންޝަން އުވާލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ތަހްގީގްކުރަމުން ދިޔަ ކުރީގެ ރައީސް މައުމޫންގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދާފައި ހުރި ހެކިތަކަކާ ބެހޭ ގޮތުން ޝަމީމް ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

ޝަމީމް ވަނީ މީގެ ކުރިން ވެސް ކޯޓުތަކުގައި ވަކާލާތުކުރުން މަނާކޮށް ދެ އަހަރެއްހާ ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

comment ކޮމެންޓް