ސަން ސިޔާމް އިރުފުށީގެ ޓޫރިޒަމް ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު ހައެއްގައި

ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓުއަރިޒަމް ފިލްމު ފެސްޓިވަލް ގެ ފަހުރުވެރި އެއްވަނަ އަށް ހޮވުނު ތުރުކީގެ ޑައިރެކްޓަރަށް، ސަން ސިޔާމް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ރަމްޒީކޮށް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ނާއިލް

ސަން ސިޔާމް އިރުފުށި ރިސޯޓުން ބާއްވާ ދެވަނަ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ހަޔަކުން އަށަކަށް ބާއްވަން ނިންމައިފި އެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓުން ޓޫރިޒަމް ފިލްމް ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު އެވެ. އަދި ދެވަނަ ފިލްމް ފެސްޓިވަލް މިދިޔަ އަހަރު ބާއްވަން ނިންމި ނަމަވެސް މިއަހަރު ބާއްވާ ގޮތަށް ފަސްކުރީ ފެސްޓިވަލުގައި ބައިވެރިވި ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ސަން ސިޔާމް ރިސޯޓުން ބުންޏެވެ.

މިފަހަރު ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ ފިލްމު ފެސްޓިވަލުގައި މުނިފޫހިފުލުވުމާއި މައުލޫމާތުގެ ގިނަ ބައިތަކެއް ހިމެނިގެންދާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ. ސަން ސިޔާމް އިރުފުށި ރިސޯޓުގައި ބާއްވާ އެ ފިލްމު ފެސްޓިވަލުގައި މިފަހަރު ވެސް މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ޓޫރިޒަމް ފިލްމް ފެސްޓިވަލަށް ފިލްމު ވީޑިއޯ ހުށަހެޅޭނެ ކެޓަގަރީތައް:

  • ޓޫރިޒަމް ޑެސްޓިނޭޝަން
  • ކަލްޗަރަލް ޓޫރިޒަމް
  • އެންވަޔަރަމަންޓް އެންޑް އިކޯ ޓޫރިޒަމް
  • އެޑްވެންޗާ ޓޫރިޒަމް
  • އެތްނޮގުރަފީ އެންޑް ސޮސައިޓީ
  • ވޯޓާ
  • ކަލްޗަރަލް ކަނެކްޝަންސް
  • ހޮޓެލްސް އެންޑް ރިސޯޓްސް
  • ޓޫރިޒަމް ސާވިސަސް
  • ނޭޝަނަލް ޕްރޮޑަކްޝަން (ހަމައެކަނި ދިވެހިންނަށް)
  • އެމަޗުއާސް އެންޑް ސްޓޫޑަންޓް (ތިން މިނެޓަށްވުރެ ދިގު ނޫން)

ޜޯންރާ:

  • ޑޮކިއުމަންޓަރީ (60 މިނެޓަށްވުރެ ދިގު ނޫން)
  • ޕްރޮމޯޝަނަލް (15 މިނެޓަށްވުރެ ދިގު ނޫން)
  • ކޮމާޝަލްސް (60 ސިކުންތައްވުރެ ދިގު ނޫން)

ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އިފްތިތާހް ކޮށްދެއްވި ފުރަތަމަ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލަށް ރާއްޖެއާ އެކު ދުނިޔޭގެ 20 ގައުމަކުން 200 އަށް ވުރެ ގިނަ ފިލްމު ވީޑިއޯ ހުށަހަޅާފައިވެ އެވެ.

ދުނިޔޭގެ މަޝްހޫރު ޖަމިއްޔާތަކުންނާއި ފާހަގަކޮށްލެވޭ މަގްބޫލް ތަރިން ބައިވެރިވި މިދިޔަ އަހަރުގެ ފެސްޓިވަލުގެ ގްރޭންޑް ޕްރައިޒް ނުވަތަ ފެސްޓިވަލްގެ އެއް ވަނަ ގެންދިޔައީ ތުރުކީގެ ޑައިރެކްޓަރެކެވެ. އަދި ފެސްޓިވަލްގައި ދިން 10 އެވޯޑްގެ ތެރެއިން އެންމެ ގިނަ އެވޯޑް ގެންދިޔައީ ރަޝިއާއިންނެވެ.

comment ކޮމެންޓް