ރިލްވާންގެ މަންމަގެ ޑީއެންއޭ ފެނުނު ކާރަށް އޭނަގެ ބޭބެ ވެސް އަރާފައެއް ނުވޭ: ހެކި

އަހުމަދު ރިލްވާންގެ ބޭބެ މޫސާ ރިލްވާން: މެލޭޝިއާގައި ހުރެ ސްކައިޕް މެދުވެރިކޮށް ވަނީ ހެކިބަސް ދީފައި ---- ސަން ފައިލް ފޮޓޯ

ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމަ ޑީއެންއޭ ހިމެނޭ އިސްތަށި ފެނުނު ކާރަށް އޭނާގެ އެއް ބަޑު އެއް ބަފާ ބޭބެ މޫސާ ރިލްވާން ދުވަހަކު ވެސް އަރާފައި ނުވާނެ ކަމަށް ބުނެ ހެކިބަސް ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނަގާފައި ވަނީ އޭނާ މެލޭޝިއާގައި ހުރުމުން ސްކައިޕް މެދުވެރިކޮށެވެ. އަދި މިއީ ރާއްޖެއިން ބޭރުން ސްކައިޕް މެދުވެރިކޮށް ހެކިބަސް ނެގި ފަރުތަމަ ފަހަރެވެ.

މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގައި ހުރެ ހެކިބަސް ދެމުން މޫސާ ރިލްވާން ބުނީ 2016 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން ދަނީ މެލޭޝިއާގައި ކަމަށާއި ރާއްޖޭގައި އުޅުނު އިރު ވެސް އޭނާ އެއްގޮތަކަށް ވެސް ދަތުރުކުރުމަށް ކާރަށް ނާރާ ކަމަށެވެ. އަދި މުޅިން ވެސް ދަތުރުކޮށް ހަދަނީ ސައިކަލުގައި ކަމަށް މޫސާ ރިލްވާން ބުންޏެވެ.

ރިލްވާންގެ މަންމަގެ ޑީއެންއޭ ހިމެނޭ އިސްތަށި ފެނުނު ކާރުގެ ފޮޓޯއެއް ދައުލަތުގެ ވަކީލުން ދައްކައި އެ ކާރު މީގެ ކުރިން ފެނުނުތޯ ސުވާލުކުރުމުން މޫސާ ރިލްވާން ބުނީ މީގެ ކުރިން ދުވަހަކު ވެސް ކާރު ފެނިފައި ނުވާ ކަމަށެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ހިލްޓަން އަހުމަދު އާލިފް ރައުފް އާއި ގދ. ވާދޫ ކަރަންކާގެ މުހައްމަދު ނޫރައްދީން މިއަދުގެ އަޑުއެހުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަކީލަކާ ނުލަ އެވެ. އަދި އެ ދެ މީހުންގެ ފަރާތުން މޫސާ ރިލްވާންއާ ކުރާނެ އެއްވެސް ސުވާލެއް ނެތް ކަމަށް ބުންޏެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވި އެވެ. އަދި ދިފާއުގައި ހެކި ހުށަަހަޅަން ބޭނުންތޯ ގާޒީ އެއްސެވުމުން އާލިފް ރައޫފް ބުނީ އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހެޅުމަށް ބޭނުން ނުވާ ކަމަށެވެ. ނޫރުއްދީން ބުނީ އޭނާ ހުށަހެޅި ތިން ހެކިންގެ ތެރެއިން ދެ ހެކިންގެ ހެކިބަސް ނަގާފައިވާ ކަމަށާއި އަނެއް މީހާގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ.

އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނީ ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށެހެޅުން ކަމަށް ގާޒީ ވިދާޅުވި އެވެ. ހުލާސާ ބަޔާން ހުށަހެޅުމަށް ދެ ފަރާތުން ވެސް އެދިފައި ވަނީ ހަފްތާއެއް ދިނުމަށެވެ. ދެ ފަރާތުން އެދުނު ގޮތަށް ގާޒީ ވަނީ ހުލާސާ ބަޔާން ހުށަހެޅުމަށް ހަފްތާއެއް ދީފަ އެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

comment ކޮމެންޓް