އެއާ ޗައިނާގެ ފްލައިޓެއްގައި ކުއްލިއަކަށް ކެބިން ޕްރެޝަރު ދަށްވި މައްސަލަ ބަލަނީ

ކެބިން ޕްރެޝާ ދަށްވުމުގެ ސަބަބުން އޮކްސިޖެން މާސްކުތައް ތިރިވެފައިވާ މަންޒަރު ފެންނަ ފޯޓޯތައް ފަސިންޖަރުން ވަނީ ހިއްސާކޮށްފައި -- ފޮޓޯ: ވީބޯ

ބެއިޖިން (ޖުލައި 12): އެއާ ޗައިނާގެ ފްލައިޓެއްގައި ކުއްލި ގޮތަކަށް ކެބިން ޕްރެޝާ ދަށްވުމުގެ ސަބަބުން ފްލައިޓު 6،500 މީޓަރު ތިރިއަށް ވެއްޓެން މެދުވެރިވި ސަބަބު ޗައިނާއިން ތަހުގީގު ކުރަން ފަށައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު، ފްލައިޓް ސީއޭ106 ދަތުރުކުރަމުންދިޔަ އަލްޓިޓިއުޑުން 6،500 މީޓަރު ތިރިއަށް އެންމެ 10 މިނިޓު ތެރޭ ވެއްޓުނީ ހޮންކޮންގުން ދާލިއަންއަށް ނައްޓާލިތާ ބައިގަޑި އިރު ފަހުންނެވެ. އޭގެ ސަބަބުން ކެބިން ތެރެއަށް އޮކްސިޖެން މާސްކުތައް ތިރިވެފައިވާ މަންޒަރު ފެންނަ ފޯޓޯތަކެއް ބޯޓުގެ ފަސިންޖަރުން ވަނީ ހިއްސާކޮށްފައެވެ.

އޭގެ ފަހުން އެބޯޓު ވަނީ ސަލާމަތްކަމާ އެކު ދާލިއަންގައި ޖައްސައިފައެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާ ހިނގީ ކުރޫއިން ކޮކްޕިޓުގައި ސިނގިރެޓު ބުއިމަށް ފަހު ވެންޓިލޭޝަން ސިސްޓަމަށް ހެދި ގޮތަކުންނެވެ.

އެބޯޓުގައި ތިބި ފަސިންޖަރުންނާ ހަވާލާދީ ޗައިނާގެ މީޑިއާތަކުގައިވާ ގޮތުން، ބޯޓު ތިރިކުރި ވަގުތު ޕައިލެޓުން ވަނީ އެންމެން ސީޓް ބެލްޓު އެޅުމަށާއި ބޯޓު ތިރި ކުރަން އުޅޭ ކަމަށް ބުނެފައެވެ.

ކެބިންގެ ޕްރެޝަރު ދަށްވެއްޖެ ނަމަ ފްލައިޓު ދަތުރުކުރާ އަލްޓިޓިއުޑް ދަށް ކުރަން ޖެހޭނެއެވެ. އެހެން ނޫން ނަމަ އޮކްސިޖެން ނުލިބުމުގެ ސަބަބުން ކްރޫ އާއި ފަސިންޖަރުންގެ ސިއްހަތަށް ނުރައްކާވާނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް