ކޯޗާ މެދު ތިދެކުނީ ރަނގަޅަކަށް ނޫން، ގަސްދުގައި ކުދިން ނުރައްކަލަށް ހުށަހެޅީކީ ނޫން!

ތައިލެންޑްގެ ހޮހޮޅަައިގައި ތާށިވީކުދިންނާއި އެކުދިންގެ ކޯޗު، 18 ދުވަސް ފަހުން ވަނީ ސަލާމަތްކޮށްފައި---

ތައިލެންޑްގެ ތަމް ލުއޭންގް ކޭވްގައި 12 ކުޑަކުދިން 18 ދުވަސް ވަންދެން ތާށިވިި ހާދިސާ މުޅި ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. ވައިލްޑް ބޯސް ސޮކާ ޓީމްގެ 12 ކުޅުންތެރިންނާއި އެ ކުދިންގެ ކޯޗު އެ ހޮހޮޅައަށް ވަދެފައި ވަނީ ވެސް އެ ހޮހޮޅައަށް ނުވަނުމަށް އިލްތިމާސްކޮށް އިންޒާރުގެ ނިޝާންތައް ހަރުކޮށްފައި ވަނިކޮށެވެ.

އެ ހާދިސާގައި އެ ކުޑަކުދިންތައް ގޮވައިގެން ހޮހޮޅައަށް ގެންދިޔަ ކޯޗަށް ގިނަބައެއްގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އާމާޒުވި އެވެ. މި ދުވަސްވަރަކީ ވިއްސާރައިގެ މޫސުންކަމަށް ވެފައި އެ ހޮހޮޅައަށް ވަދެގެން ނުރައްކަލާ ކުރިމަތިލާން ޖެހޭނެކަން އެނގޭއިރު ވެސް އެ ކުދިން ގޮވައިގެން ހޮހޮޅައަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ކޯޗަށް ހަވާލުކުރެވިފައިވާ ޒިންމާއަށް އެއްވެސް ބެލުމެއް ނެތި ނުރައްކަލުގެ ތެރެއަށް ކުދިންތައް ހުށަހެޅީ ކީއްވެގެން ހެއްޔެވެ؟

ތައިލޭންޑުގެ ހޮހޮޅައިގައި ތާށިވި އެގައުމުގެ ޒުވާން ފުޓްބޯޅަ ޓީމާއި އެކުދިންގެ ކޯޗު ހޮހޮޅައިން ނެރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އޭޕީ

ނަމަވެސް އެ ކޯޗާމެދު ބައެއް މީހުންގެ ހިޔާލު ތަފާތެވެ. އެ މީހުންގެ ނަޒަރުގައި ކޯޗާމެދު ގިނަ މީހުން ދެކެފައި ވަނީ މުޅިން ނުބައި ނަޒަރަކުންނެވެ.

ކޯޗަކީ ވަރަށް ބޮޑު އެކަނިވެރިއެކެވެ. އޭނާއަކީ ޔަތީމެކެވެ. އޭނާގެ ދުރު ތިމާގެ މީހަކަށް ވެސް މިހާރު ދުނިޔޭގައި ތިބީ ހަމައެކަނި އޭނާގެ ދެބެންގެ ދެދަރި އަންހެނަކާއި އަދި އޭނާގެ މާމަ އެކަންޏެވެ.

"ކޯޗުގެ މަންމަ އޭނާ ވަރަށް ކުޑައިރު ނިޔާވެއްޖެ. ބައްޕަ ނިޔާވީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައި. ހަމައެކަނި ހުރި ބޭބެ ވެސް ވަރަށް ކުޑައިރު މަރުވެއްޖެ." ކޯޗުގެ ކުޑައިރުގެ ވާހަކަތައް އޭނާގެ ދެބެންގެ ދެދަރި ތަންމާ ކަންޓަވޮންގް ކިޔައިދިނެވެ.

ހޮހޮޅައިގައި ތާށިވި ކުދިންގެ ކޯޗު އޭނާގެ ކުޑަ ކޮއްކޮއާއި މައިންބަފައިންނާ އެކު

މައިންބަފައިން މަރުވެ އަޅާލާނޭ މީހަކު ނެތުމުން އެ ހިސާބުގެ ގިނަ ކުޑަކުދިންނެކޭ އެއްފަދައިން ކޯޗު ވެސް ފޮނުވާލީ ބުދުދީނުގެ ފާދިރީން އުޅޭ ތަނަކަށެވެ. އެތަނުގައި އޭނާ އުޅެ އޭނާވީ ވެސް ފާދިރީއަކަށެވެ. ކޯޗު އެތަނުގައި 10 އަހަރު ހޭދަކުރި އެވެ.

ނަމަވެސް ފަހުން ކޯޗު ވަނީ ފާދިރީކަން ދޫކޮށްލައި އޭނާގެ އަމިއްލަ ސަހަރު މައެ ސައީއަށް އެނބުރި އައިސްފަ އެވެ. ސަހަރަށް އެނބުރި އައުމަށް ފަހު ކޯޗުގެ މުޅިންހެން ވެސް އުޅެފައި ވަނީ މީހުންނަށް އެހީވުމުގަ އެވެ.

ހޮހޮޅައިގެ ހާދިސާގައި ވެސް ކޯޗު މަސައްކަތްކޮށްފައި ވަނީ އޭނާގެ އަމިއްލަ ސަލާމަތަށްވުރެ ވެސް ހޮހޮޅައިގައި ތާށިވިކުދިންގެ ސަލާމަތަށެވެ. ހޮހޮޅާގައި ތާށިވި ފުރަތަމަ ދުވަސްކޮޅު އޭނާ ނުވެސްކަަ އެވެ. އަދި އަތުގައި ހުރި މަދު ކާއެތިކޮޅު ވެސް ވަނީ ކުދިންނަށް ދީފަ އެވެ.

ކޯޗަކީ ފުޓްބޯޅައަށް މަރުދޭ މީހެކެވެ. ވައިލްޑް ބޯސް ޓީމަށް ކޯޗު ކޮށްދެމުން ދިޔަ ނަމަވެސް އޭނާ އެކަން ކޮށްފައި ވަނީ ވަރަށް ކުޑަކުޑަ ފީއަކެެވެ.

ހޮހޮޅައިގައި ތާށިވި ކުދިންގެ ކޯޗްގެ ދެބެންގެ ދެދަރި ތަންމާ

ފުޓްބޯޅައިގެ އިތުރުން ކުޑަކުދިން ދެކެ ވެސް ކޯޗު އިންތިހާއަށް ލޯބިވެ އެވެ.

"އޭނާ ދާ ކޮންމެ ތަނަކަށް ވެސް ކުޑަކުދިން ގެންދާނެ. އެ ކުދިންގެ މައިންބަފައިން ވެސް އޭނާއަށް ފުރިހަމައަށް އިތުބާރުކުރޭ." ކޯޗުގެ ދެބެންގެ ދެދަރި ތަންމާ ކިޔައި ދިނެވެ.

ތަންމާ ބުނީ ހޮހޮޅައިގައި ތާށިވި ހާދިސާގައި ގަސްތުގައި އެކުދިން ނުރައްކަލަށް ހުށަހެޅި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އޭނާއައީ ވަރަށް ރަނގަޅު މީހެއް. އޭނަ ކުޑަކުދިން ދެކެ ވަރަށް ލޯބިވާނެ. އަބަދުވެސް މަސައްކަތް ކުރާނެ ކުޑަކުދިންނަށް އެހީވުމަށް. ވަރަށް ރީތިކޮށް އޭނާ ކުޑަކުދިންނާ ވާހަކަ ދައްކާނީ ވެސް. އޭނާ ދެކެ އެންމެން ވެސް ވަރަށް ލޯބިވާނެ. " ތަންމާ ބުންޏެވެ.

ތަންމާ ބުނީ ކޯޗް އެކުދިން ގޮވައިގެން ހޮހޮޅައިގެ ތެރެއަށް ވަން ސަބަބެއް އޭނާއަށް ވެސް ބުނަން ދަތި ކަމަށެވެ.

"ފަހަރެއްގެ ވެދާނެ. ކުދިން ގޮވައިގެން ބައިސްކަލް ދުއްވަން އުޅެފަ ވަރުބަލިވެ، ހިޔާވެލާ ހަދަންވެގެން ހޮހޮޅައިގެ ތެރެއަށް ވަނީ ކަމަށް ވެސް." ތަންމާ ބުންޏެވެ.

ކުޑަކުދިން ހިމެނޭ ފުޓްބޯޅަ ޓީމް ތާށިވި ތައިލެންޑްގެ ތަމް ލުއޭންގް ކޭވް--

ތަންމާގެ އިތުރުން ވައިލްޑް ބޯސް ކްލަބްގެ އެހެން މީހުން ވެސް ކޯޗާމެދު ހިތް ވަރަށް ސާފެވެެ.

"ކޯޗު ހުރިހާ ކުޑަކުދިން ދެކެ ވެސް ވަރަށް ލޯބިވާނެ. ޕްރެކްޓިސް ކޮށް ނިމުމުން ހުރިހާ ކުޑަކުދިން ގެއަށްވެސް ގެންގޮސްދޭނެ. ކުދިންނަށް ވަރަށް އަޅާލާނެ." ވައިލްޑް ބޯސް ކްލަބަށް ނިސްބަތްވާ މީހަކު ކިޔައިދިނެވެ.

ހޮހޮޅައިގައި ތާށިވި ހުރިހާ ކުދިންނާއި އެކުދިންގެ ކޯޗު ހޮހޮޅައިން ނެރުނީ އިއްޔެ ނޫން އޭގެ ކުރީ ދުވަހު އެވެ. ތައިލެންޑް ސަރުކާރުން ބުނީ އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި އެހެންނަމަވެސް ސިއްހީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު އެ އެންމެން ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށެވެ.

އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، އެމެރިކާ، ޗައިނާ އަދި ޖަޕާންގެ މާހިރުން ބައިވެރިވެފައިވެ އެވެ.

ކޯޗު ސަލާމަތްވެ އެނބުރި ކޯޗުކަމަށް ނިކުތުމުން ވެސް އޭނާއާ ދޭތެެރޭ ހިތްބަރުކަމެއް ނުބާއްވާނެ ކަމަށް ވައިލްޑް ބޯސް ކްލަބުގެ ސީނިއާ ޓީމުގެ ކޯޗެއް ކަމަށްވާ ޕަނަވިތް ޖޮންގްކާމް ބުންޏެވެ.

"އޭނާއާ ދޭތެރޭ ދެކޭގޮތް ވަކި ބަދަލެއް ނުވާނެ. އޭނާއަށް ފުރިހަމައަށް ސަޕޯޓް ދީ ހަދާނަން." ޕަނަވިތް ބުންޏެވެ.

comment ކޮމެންޓް