އިންގްލެންޑަށް ފައިނަލަށް ދިއުމަށް ކުރިމަތިވި ހުރަހަކީ މީޑިއާ؟!

އިންގްލެންޑްގެ ސަޕޯޓަރަކު ވޯލްޑް ކަޕް ތަށީގެ ނަކަލަކާއެކު --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ފެށުނު ހިސާބުން އިނގިރޭސި މީޑިއާގައި އެންމެ ވަރުގަދަ ޖުމްލައަކީ "އިޓްސް ކަމިން ހޯމް" އެވެ. ހާއްސަކޮށް އިންގްލެންޑުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ތޫނިސްއާއި ޕެނަމާ ބަލިކުރި ހިސާބުންވެސް، މީޑިއާގެ އުންމީދުތައް ތަށްޓަށް ހިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމް އަތުން ބަލިވުންވެސް އިނގިރޭސި މީޑިއާއިން ސިފަކުރީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. މުބާރާތުގެ ފައިނަލަށް ފަސޭހައިން ދިއުމަށް އޮތް ފަޅިއަކީ އެއީ ކަމަށް ފަލަ ސުރުހީތަކަށް އަރުވާލިއެވެ.

ވޯލްޑް ކަޕަށް އިންގްލެންޑުން ޒުވާން ސްކޮޑެއް ނެރެފައިވާ އިރު، އެ ސްކޮޑުގައި ތިބި ގިނަ ކުޅުންތެރިންނަކީ ތަޖުރިބާ މަދު، ހުނަރުގެ ގޮތުންވެސް އެންމެ މަތީ ފަންތީގެ ކުޅުންތެރިންނެއް ނޫނެވެ. އެހެން ނަމަވެސް އިނގިރޭސި މީޑިއާއިން އެވާހަކަ ބާއްވާލިއެވެ. ޒުވާން ޓީމުގެ ހަލުވިކަމާ، ޒުވާން ޓީމުގެ އެކުވެރިކަމުގެ ވާހަކަ ދައްކާ، މައުލޫ ބަދަލުކޮށްލިއެވެ.

އިންގްލެންޑުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ޕެނެލްޓީ ޝޫޓްއައުޓެއް ކާމިޔާބުކުރީ މިފަހަރުގެ ވޯލްޑް ކަޕްގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު ގަދަ 16ގެ މެޗުގައެވެ. އެހިސާބުންވެސް މިހާރު އޮތް އިންގްލެންޑް ޓީމު ތާރީހީ ޓީމަކަށް ވެއްޖެއެވެ. ހާއްސަކޮށް އިނގިރޭސި ފުޓުބޯޅައަށް ފަހުރަކަށް ވެެއްޖެއެވެ.

އިންގްލެންޑް ކްރޮއޭޝިއާ އަތުން ބަލިވި މެޗު ބަލަން އެގައުމުގައި ތިބި ބައެއް ސަޕޯޓަރުން ރޮވިފައި --- ފޮޓޯ/ އޭޕީ

ކްރޮއޭޝިއާއިން ގަދަ 16އާއި ކުއާޓާ ފައިނަލް މެޗުންވެސް މޮޅުވީ ޕެނެލްޓީ ޖަހައިގެންނެވެ. ރޭގެ ސެމީ ފައިނަލް ކުރިން ނޮކްއައުޓްގައި ކުޅުނު ކޮންމެ މެޗެއްގެ 120 މިނެޓް ކްރޮއޭޝިއާއަށް ކުޅެން ޖެހުމުން، އިނގިރޭސި މީޑިއާއިން ކްރޮއޭޝިއާ ސިފަކުރީ ވަރުބަލިވެފައި އޮންނާނެ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް އިއްޔެގެ ސެމީ ފައިނަލަކީ އިންގްލެންޑަށް ފަސޭހަ ކަމާއެކު ކާމިޔާބުކުރެވޭނެ ސެމީ ފައިނަލެއް ގޮތުގައި މީޑިއާތަކުން ސިފަކުރިއެވެ.

އިންގްލެންޑުން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ރޭ ކުޅުނީ 28 އަހަރަށްފަހުގައެވެ. ސާ އެލްފް ރެމްސޭގެ ކޯޗުކަމުގައި 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލް ކުޅުނު ޓީމަކީ މިހާތަނަށް ވޯލްޑް ކަޕެއްގެ ފައިނަލް ކުޅުނު ހަމައެކަނި އިންގްލެންޑް ޓީމެވެ. ރޭގެ މެޗަކީ އެ ތާރީހު އަލުން އިޔާދަކުރާނެ މެޗު ކަމަށް އެތައް ބަޔަކު ސިފަކުރިއެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އިންގްލެންޑް ނަމަވެސް ކްރޮއޭޝިއާއިން ފަހަތުންއަރައި ދެ ގޯލް ޖެހިއެވެ. މެޗު އިތުރު ވަގުތަށް ދިޔަ އިރު، ވަރުބަލިވުމެއް ނެތި ފެނުނީ ކްރޮއޭޝިއާއެވެ.

"އިނގިރޭސި މީޑިއާ، އެނަލިސްޓުންނާއި ޖާނަލިސްޓުންވެސް ބުނަމުންދިޔައީ ކްރޮއޭޝިއާގެ ބަލިކަމުގެ ވާހަކަ. އެއީ ހެދި ގޯހެއް. އަހަރެމެން ޓީމުގެ ހުރިހާ ކުޅުންތެރިންނަކަށްވެސް އެނގޭ އިނގިރޭސި މީޑިއާއިން ދެއްކި ވާހަކަ. މިއަދު އެނގިއްޖެ ވަރުބަލިވަނީ ކޮންބައެއް ކަން. އެހެންވީމަ އިދިކޮޅަށް ނުކުންނަ ޓީމަށް ކޮންމެވެސް ވަރަކަށް ގަދަރު ކުރަން ޖެހޭ، ހިތްތިރި ކުރަން ޖެހޭ،" ރޭގެ މެޗަށްފަހު ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުންޏެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ކުޅުނު ހުރިހާ މެޗެއްގައިވެސް އެންމެ ވިދުން ގަދަ ކުޅުންތެރިޔާ މޮޑްރިޗް ބުނީ ރޭގެ މެޗުގައި ފިޒިކަލީ އަދި މެންޓަލީވެސް ވަރުގަދައީ ކްރޮއޭޝިއާ ކަމަށާއި، ވަރުބަލިނުވާނެކަން ދައްކާފައިވާނެ ކަމަށެވެ.

ރޭގެ މެޗަށްފަހު މޮޑްރިޗް އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މީޑިއާގައި އެންމެ ނުފޫޒު ގަދަ ޓީމެއްގެ ގޮތުގައި އިންގްލެންޑް ފެނިގެންދާ އިރު، ސްޓޫޑިއޯ ތަކުގައި ތިބޭ އެނަލިސްޓުންނަކީވެސް އާއްމުކޮށް އެގައުމުގެ ކުރީގެ ކުޅުންތެރިންނެވެ. ރޭގެ މެޗަށް އައިޓީވީގެ އެނަލިސްޓުންގެ ޓީމުގައި އަޔަލޭންޑްގެ މެންޗެސްޓާ ޔުނައިޓެޑް ލެޖެންޑް ރޮއި ކީންއާއެކު މާޓިން އޯނިލް ހިމެނުނު އިރު، ދެން ތިބީ ކުރީގެ އިނގިރޭސި ކުޅުންތެރިންނެވެ. ގެރީ ނެވިލްގެ އިތުރުން އިއޭން ރައިޓެވެ.

"އިންގްލެންޑް ޓީމު ހަލާކުކޮށްލީ އެނަލިސްޓުން. ސެމީއަށް ދިޔަ ހިސާބުން ދެން ކިޔަން ފެށީ ފައިނަލްގެ ވާހަކަ. ތަށި ލިބޭނެ ކަމުގެ ވާހަކަ. ސެމީ ފައިނަލަށް ދިއުމަކީ ފައިނަލަށް ދިއުމެއް ނޫން. ބޮޑެތި މުބާރާތްތަކުގެ ސެމީ ފައިނަލަށް ގޮސް، ފައިނަލަށް ދާން އުނދަގޫވާނެ. މި ދައްކަނީ ވޯލްޑް ކަޕްގެ ވާހަކަ،" މެޗަށްފަހު އައިޓީވީ ސްޓޫޑިއޯގައި އިނދެ ރޮއި ކީން ބުންޏެވެ.

ރޮއި ކީން އެހެން ބުނި ހިސާބުން ރައިޓް، އޭނާއާ ޒުވާބުކުރަން ފެށިއެވެ. ރައިޓް ބުނީ އިނގިރޭސި އެނަލިސްޓުން އެހެން ކިޔާފައި ވަނީ ޓީމު ސެމީ ފައިނަލަށް ދިއުމުން އެކަމުން ލިބުނު ހިތްހަމަ ޖެހުމުން ކަމަށެވެ. ސެމީ ފައިނަލަކީވެސް ކާމިޔާބެއް ކަމަށް ރައިޓް ބުންޏެވެ.

ޕެނަމާއާއި އިންގްލެންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިންގްލެންޑަށް މީޑިއާގެ އުންމީދުތަކާ ހުރެ އަބަދުވެސް ޕްރެޝަރު ކުރިމަތިވެއެވެ. ހާއްސަކޮށް އިންގްލެންޑުގެ ރަން ޖީލަށް ވޯލްޑް ކަޕެއް، އަދި ޔޫރޯއެއްވެސް ނުނެގި އޮތުމަކީ އެ ޕްރެޝަރުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ދިޔަ އިންގްލެންޑުގެ ޓީމަށް މީޑިއާއިން ފުރަތަމަ ދިން އުންމީދުތައް ކުޑަ ނަމަވެސް، މުބާރާތުގައި ކުރިއަށްދާން ފެށި ހިސާބުން ރާގު ބަދަލުވެ، ޓީމުގެ އުންމީދުތައް ތަށްޓަށް ގެންދިޔައީ ހަމަ މީޑިއާއެވެ.

comment ކޮމެންޓް