އިނގިރޭސީން ކަޓުވާލައި، ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ފައިނަލަށް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސީންނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

އިނގިރޭސީން ކަޓުވާލައި، ކްރޮއޭޝިއާއިން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަޝިއާގެ ސްޓޭޑިއޯން ލުޒްނިކީގައި މިރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި އިނގިރޭސީންގެ މައްޗަށް ކްރޮއޭޝިއާއިން ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސީންނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

އިނގިރޭސީން ވަނީ އެ މެޗު ފެށިތާ ފަސް މިނެޓުގެ ތެރޭގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އިނގިރޭސީންނަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިއެރެން ޓްރިޕިއާއެވެ.

އެ ލަނޑަށްފަހު ރަނގަޅަށް ކުޅެމުންދިޔައީ ކްރޮއޭޝިއާއިންނެވެ. ފުރަތަމަ ހާފުގައި ކްރޮއޭޝިއާއިން ތަނަވަސްކުރި ފުރުސަތުތަކުގެ ތެރެއިން އިވާން ޕެރިސިޗް ފޮނުވާލި ދެ ހަމަލާއެއް ގޯލާ އަމާޒުވެފައިނުވާ އިރު، އަންޓޭ ރެބިޗް ފޮނުވާލި ހަމަލާއެއް އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިނގިރޭސީން ކުރީގައި އޮވެގެންނެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސީންނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގައި ވެސް ކްރޮއޭޝިއާއިން ކުރިއަށް ޖެހި އިނގިރޭސީންގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ނަގައިދިން ހުރަހަކުން ޕެރިސިޗް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާ ވަނީ ދިފާއުކޮށްފައެވެ.

ކްރޮއޭޝިއާއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ 68 ވަނަ މިނެޓުގައެވެ. ސިމޭ ވާސަލްކޯ ނަގައިދިން ހުރަހަކުން ކްރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެރިސިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އިނގިރޭސި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސީންނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

މެޗުގެ 82 ވަނަ މިނެޓުގައި ވެސް ކްރޮއޭޝިއާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާސެލޯ ބްރޮޒޮވިޗް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މާރިއޯ މަންޒޫކިޗް ފޮނުވާލި ހަމަލާ، އިނގިރޭސި ކީޕަރު ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. ކްރޮއޭޝިއާއިން ގަދަ 16 އާއި ކުއާޓާ ފައިނަލުން ވެސް މޮޅުވެފައިވަނީ އިތުރު ވަގުތު ކުޅެ، ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޓްރިޕިއާ ނަގައިދިން ހުރަހަކުން އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް ފޮނުވާލި ހަމަލާ ގޯލު ލައިން މަތިން ކްރޮއޭޝިއާގެ ޑިފެންޑަރު ވާސަލްކޯ ދިފާއުކުރި އިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެނިކޮށް ކްރޮއޭޝިއާގެ މަންޒޫކިޗް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އިނގިރޭސި ކީޕަރު ޕިކްފޯޑެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސީންނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

މެޗުގައި ކްރޮއޭޝިއާއިން ފުރަތަމަ ފަހަރަށް ލީޑު ހޯދީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ތެރޭގައެވެ. ޕެރިސިޗް ދިން ބޯޅައަކުން ކްރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މަންޒޫކިޗްއެވެ. އޭނާ އެ ލަނޑު ޖެހިއިރު އިނގިރޭސި ޑިފެންޑަރުންގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔައެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ 8:00ގައި ކުޅޭ ވޯލްޑް ކަޕް 2018ގެ ފައިނަލުގައި ކްރޮއޭޝިއާ ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ. އަދި ތިންވަނަ ހޮވުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ 7:00ގައި ކުޅޭ މެޗުގައި އިނގިރޭސީން ނުކުންނަން ޖެހޭނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

comment ކޮމެންޓް