ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ރައްޓެހިންނަށް ވާނީ އިންޑިޔާއާ އެމެރިކާ: ޔާމީން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް( ސަރުކާރާ ހަވާލުވާ ދުވަހަކު ރާއްޖޭގެ އެންމެ ގާތް "ރައްޓެހިންނަށް" ވާނީ އިންޑިއާ އާއި އެމެރިކާ ކަމަށް އަމިއްލަފުޅަށް އުފެއްދި ޕީއޭއިން ވަކިވެވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މައުމޫން ޕާޓީއަށް މީހުން ވެއްދުމަށް މިރޭ "އަހަރެންވެސް ޕީޕީއެމް" ގެ ނަމުގައި ފެށި ކެމްޕޭން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް ވެރިކަމަށް އަންނަ ދުވަހަކު ހާރިޖީ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކުވެރިންނަށް ވާނީ އިންޑިޔާއާ އެމެރިކާ ކަމަށެވެ. އަދި ވިދާޅުވީ ހުނޅަގުގެ ގައުމުތަކާ އެކު ގުޅުން ބާއްވާއިރު، އިސްލާމީ ދައުލަތްތަކުގެ ހާރިޖީ ސިޔާސަތުތަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ފާޑު ނުކިޔާނެ ކަމަށެވެ.

މައުމޫންގެ ކޮއްކޯފުޅު ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ޕީޕީއެމްއަކީ ޒުވާނުންނަށް ފުރުސަތު ދޭނެ ޕާޓީއެއް ކަމަށެވެ. އެޕާޓީ ސަރުކާރާ ހަވާލުވާ ދުވަހަކުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށް، ވަޒީފާ ދިނުމުގައި ވަކި ޕާޓީއެއްގެ ކުލައަށް ނުބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމްއަށް އަތޮޅުތަކުން ގުޅޭ ގުޅެން ބޭނުންވާ މީހުންނަށް އެމަގު ފަހި ކުރުމަށް ހުޅުވި ޖަގަހައިގައި ރޭ އުމަރު ނަސީރު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާގެ ވާހަކަފުޅުގައި ޑީއާރްޕީ "ވަރިކުރަން" ޖެހުނީ ސަރުކާރާ "ނަހަމަ ގުޅުން" ބާއްވާތީ ކަމަށެވެ.

ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށް މިރޭ ވަނީ ހުޅުވި ޖަގަހައެއްވެސް ހުޅުވާފަ އެވެ. ޖަގަހަ ހުޅުވީ ޒެޑްފެކްޝަނުން އާޓިފިޝަލް ބީޗުގައި ކުރިން "ޑީއާރްޕީގެ މައި ޖަހަގަ" އިގެ ނަމުގައި ހެދި ހަރުގޭގަ އެވެ.
އެތަން ހުޅުވުމުގެ ގޮތުން ކުރިން އެތަނުގައި ނަގާފައިވާ ޑީއާރްޕީގެ ދިދަ ތިރިކޮށްދެވީ އެ ޕާޓީންގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރެވެ. އަދި "އަރެންވެސް ޕީޕީއެމް"ގެ ބެނާ ޖަގަހައިގައި ކަހާލަދެއްވީ ކުރީގެ މިނިސްޓަރު އުމަރު ޒާހިރެވެ. (ނޢޢވ) އެވެ.

ރަސްމިއްޔާތުގައި މަޖިލީގުގެ މެންބަރުންނާއި ކުރީގެ ސަރުކާރުގައި ވާޒީރުކަންކޮށްފައިވާ ބޭފުޅުންގެ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖަހަގަ ހުޅުވި ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ޖަމާވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު