ޔުވެންޓަސްއަށް ބަދަލުވާން ފުރަތަމަ އިސްނެގީ ރޮނާލްޑޯ!

ޔުވެންޓަސްއާ ގުޅުނު އުމުރުން 33 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ/ އޭޕީ

ޔުވެސްޓަސްއާ ގުޅުމަށްޓަކައި މަޝްވަރާތައް ފެށުމަށް ފުރަތަމަ އިސްނެގީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ޔުވެންޓަސްގެ ޗީފް އެގްޒެކެޓިވް ޖިއުސެއްޕޭ މަރޯޓާ ވިދާޅުވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ޕޯޗުގަލް ތަރި ރޮނާލްޑޯ، ރެއާލް ދޫކޮށް ޔުވެންޓަސްއާ ގުޅުނީ 100 މިލިއަން ޔޫރޯގެ އަގަކަށެވެ. އިތުރު ފީތަކުގެ ގޮތުގައި ޔުވެންޓަސްއިން 12 މިލިއަން ޔޫރޯ ހަރަދުކުރިއެވެ. ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ރޮނާލްޑޯއަށް ކޮންމެ ސީޒަނެއްގައި 30 މިލިއަން ޔޫރޯ ލިބޭނެއެވެ.

ޔުވެންޓަސްއިން ވަނީ ރޮނާލްޑޯގެ އުމުރުން 18 އަހަރުގައި އޭނާ ހޯދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އޭރު ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑާ ގުޅި، އެއަށްފަހު ރެއާލް މެޑްރިޑާ ގުޅިފައެވެ. އޭރު ޔުވެންޓަސްއިން ރޮނާލްޑޯ ހޯދުމަށް މަސައްކަތްކުރި ނަމަވެސް، މިފަހަރު އިސްނެގީ ރޮނާލްޑޯއެވެ.

"އަހަރެން ވަރަށް އުފާކުރަން. މިކަން ނިންމަން ފުރަތަމަ ބޭނުންވީ ރޮނާލްޑޯ. ޔުވެންޓަސް ހިޔާރުކުރަން ރޮނާލްޑޯ ބޭނުންވުމުން ކްލަބުގެ ހިއްސާދާރުން ބޭނުންވީ އޭގެ ފައިދާ ނަގައި ކްލަބަށް އޭނާ ގެނައުމަށް،" ޔުވެންޓަސްގެ ޗީފް އެގްޒެކެޓިވް މަރޯޓާ ވިދާޅުވިއެވެ.

މަރޯޓާ ވިދާޅުވި ގޮތުގައި ރޮނާލްޑޯގެ ޝައުގުވެރިކަން ފުރަތަމަ އެނގުނީ ޖޮއާއޯ ކެންސެލޯ ހޯދުމަށް އުޅުމުގެ ތެރޭގައި އޭނާގެ އެޖެންޓް ޖޯޖް މެންޑޭޒް ފާހަގަކުރުމުންނެވެ. މެންޑޭޒަކީ ރޮނާލްޑޯގެ ވެސް އެޖެންޓެވެ.

ދެ ފަހަރަކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމާ ގާތަށް ޔުވެންޓަސް ޖެހިލި ނަމަވެސް، އެ ދެ ފަހަރު ވެސް އެކަމަށް ހުރަސްއެޅުމުގައި ރޮނާލްޑޯގެ ދައުރު ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯއާއެކު ޔުވެންޓަސްއިން މިހާރު ބޮޑު އިސްކަމެއް ދެނީ ކުރިއަށްއޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށެވެ.

comment ކޮމެންޓް