ދިއްލީ (ޖުލައި 11): އިންޑިއާގެ ސްކޫލެއްގެ ބިންގަރާހުގައި 16 ކުއްޖަކު ފަސް ގަޑިއިރު ވަންދެން ހިފެހެއްޓި މައްސަލައެއް ނިއު ދިއްލީގެ ފުލުހުން ބަލަން ފަށައިފިއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެކުދިން ހިފެހެއްޓީ، އެކުދިންގެ ބެލެނިވެރިން ސްކޫލު ފީ ނުދެއްކުމުގެ ސަބަބުންނެވެ. އަދި އެ ހުރިހާ ކުދިންނަކީވެސް ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނެވެ.
އަންހެން ކުދިންނަށް ހާއްސަކޮށްފައިވާ އެ ސްކޫލުގެ އޮފިޝަލުން ބުނީ އެ ކުދިން ތިބީ "އެކްޓިވިޓީ ސެންޓަރެއް"ގައި ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ ގޮތުން ސްކޫލުން އިތުރު އެއްޗެއް ނުބުނެއެވެ.
އެ ދަރިވަރުންގެ ބެލެނިވެރިން ބުނި ގޮތުގައި އެ ކުދިން ހިފެހެއްޓިކަން އެނގުނީ ސްކޫލަށް ދިޔުމުން، އެ ކުދިން ކުލާހުގައި ނެތުމުންނެވެ.
އެ ހާދިސާއާ ގުޅިގެން ދިއްލީގެ ފުލުހުން ރެޖިސްޓާ ކުރި މައްސަލައިގައިވާ ގޮތުން އެކުދިން ބިންގަރާހުގައި ބައިތިއްބާފައި ވަނީ ހެނދުނު 7.30 އާއި މެންދުރު 12:30އާ ދޭތެރޭގައެވެ. އަދި އެއީ ވަރަށް ހޫނު ތަނެއް ކަމަށާއި އެކުދިން ތިބީ "ބަނޑުހައިވެ، ކަރުހިއްކައިގެންފައި" ކަމަށް ބެލެނިވެރިން ބުންޏެވެ.
ދިއްލީގެ ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެ ހާދިސާގައި ޒިންމާވާ ބަޔަކު ހާމަކުރާނެ ކަމަށް ބުނެފައެވެ.
ބައެއް ބެލެނިވެރިން ވަނީ އެ މީހުން ސްކޫލް ފީ ދެއްކި ކަމަށްވެސް ބުނެފައެވެ. އަދި އެކަމުގެ ހެކި ދެއްކި ނަމަވެސް ސްކޫލުގެ ޕްރިންސިޕަލް މާފަށް އެދިފައި ނުވާ ކަމަށް ބުނެފައެވެ.
ދިއްލީގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަނުންވެސް ވަނީ އެމައްސަލަ ބަލަން ފަށާފައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.
(ބީބީސީ)