ރާއްޖެއަށް ހަމަޖެހުން ގެނެސްގެން ނޫނީ ތަރައްގީއެއް ނުކުރެވޭނެ: ރައީސް

މ. ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ހަމަޖެހުން ގެނެސްގެން ނޫނީ ތަރައްގީއެއް ނުގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މުލަކު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއްގެ މީހަކު ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހަމަޖެހުން ނެތި ތަރައްގީ ނުކުރެވެނެ ކަން ކަމެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ފަލްސަފާއަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަރައްގީއާ ހަމައަށް ދާނީ މުޅި ރަށަށް މުޅި ރާއްޖެއަށް ހަމަޖެހުން ގެނެސްގެން. އެނޫން ގޮތަކަށް އަޅުގަނޑުމެންނަށް ތަރައްގީއެއް ނުކުރެވޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގައި ސިޔާސީ ފިކުރު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ފިކުރު ތަފާތުވިޔަސް ރަށްރަށުގެ ތައްރައްގީއަށް ކުރާ މަސައްކަތުގައި ހުރިހާ އެންމެން ވެސް އެއް ވަލެއްގައި ހިފަން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ވާދަކުރައްވާ ފިކުރުތަކުގައި ތިބި ރައްޔިތުންގެ އަރިހުން ރައީސް ޔާމީން އެދިވަޑައިގަތީ "ރަށްރަށުގެ ތަރައްގީއަށް ކަންކަން ކޮށްދޭ މީހަކީ ރައީސް ޔާމީން ކަމަށް ވާތީ" އެއްބާރުލުން ދެއްވުމަށެވެ. އޭގެ އިތުރުން މުޅި ރާއްޖޭގެ ސިނާއަތް ފަތުރުވެރިކަމާ ގުޅިފައިވާތީ މުޅި ގައުމުގެ ހަމަ ޖެހުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

"މުޅި ރާއްޖޭގެ އެކި ހިސާބުގައި އެއާޕޯޓު އެޅެމުން އެދަނީ ހަގީގަތުގައި އަޅުގަނޑުމެން ޓުއަރިޒަމްގެ ސިނާއަތް ބޭނުންވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާ ކުރަމުން ގެންދިއުން. މީގެ މަންފާ ލިބޭ ލިބެ ބަޔަކީ ކޮންމެ ދާއިރާއެއްގައި ތިބި އެންމެ ފުރަތަމަ މަންފާ ލިބެ ބަޔަކީ ޒުވާނުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރަށްރަށުގައި ހަމަ ނުޖެހުން ހިނގާ ނަމަ ޒިޔާރަތްކުރާ ފަތުރުވެރިންނަށް މައްސަލަތަކަކަށް ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމަކީ ފަތުރުވެރިން ސިއްސުވާލާ މައްސަލައަކަށް ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކީ ރާއްޖޭގެ ރަށެއްގައި ހަމަ ނުޖެހުން ހިނގާ އެކަހަލަ އެއްވެސް ކަމެއް ރާއްޖޭން ބޭރަށް ފެނުނު ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންނަމަވެސް އެހާ ބޮޑުކަމެއް ނިމިގެން ދިޔައިމާ އެޑްވާންސް ބުކިންގްއަށް އަސަރުތަކެއް ކޮށްފި. އެހެން ނަމަވެސް އެކަން އެކަން ފޫބެއްދޭތޯ މަސައްކަތްތަކެއް ކުރަމުން އެދަނީ." ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަމަކީ އެއްވެސް ކަހަލަ ބޮޑު ހަމަ ނުޖެހުމެއް ނުހިނގާ ކަމަކަށް ވީއުރު ވެސް ޓުއަރިޒަމްއަށް އަސަރުތަކެއް ކުރި އިރު ރަށްރަށުގައި ބޮޑެތި ހަމަ ނުޖެހުން ހިނގާ ނަމަ ފަތުރުވެރިން ޒިޔާރަތް ކުރަން ޖެހިލުން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސެޕްޓެމްބަރު 23ގައި ލާ ވޯޓުން އެމަނިކުފާނު ހޮއްވައިފި ނަމަ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އިތުރު ކުރެވި އެކި ދާއިރާތަކުން ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް