Sun Online
ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި އިންގްލެންޑާއި ޕެނަމާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ
ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި އިންގްލެންޑާއި ޕެނަމާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ

އައިސްލޭންޑް އަތުން ކެޓުން: އިންގްލެންޑުގެ ހިތްވަރަކަށް!

މުޙައްމަދު ޝަމްޢޫން
ލިޔުނީމުޙައްމަދު ޝަމްޢޫން

ޔޫރޯ 2016ގައި އިންގްލެންޑަށް ކުރިމަތިވީ ބޮޑު ލަދެކެވެ. ޔޫރޯގައި އަލަށް ވާދަކުރި އައިސްލޭންޑް އަތްދަށުވެ ކެޓީ ގަދަ 16އިންނެވެ. އިންގްލެންޑަށް އިތުބާރު ގެއްލެން ފެށީ މުބާރާތްތަކުން ހިތި ގޮތްގޮތަށް ކަޓަން ފެށުމުންނެވެ. ބޮޑެތި މުބާރާތްތަކުން ނާކާމިޔާބުވާން ފެށުމުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތް އިރުވެސް އިންގްލެންޑުގެ ޓީމަށް މާ ބޮޑު އުންމީދެއް ނެތެވެ. ކުއާޓާ ފައިނަލަށްވުރެ ދުރަށް އިންގްލެންޑް ދާނެ ކަމަށް އުންމީދު ކުރީ މަދު ބައެކެވެ. ޒުވާން ޓީމަކަށް އިންގްލެންޑްގެ ލެގަސީ ހިފެހެއްޓުމުގެ ޒިންމާ އަދާކުރެވޭނެތޯ ކުރެވުނީ ބޮޑު ސުވާލެކެވެ.

އިންގްލެންޑުން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް މިރޭ ނުކުންނާނީ 28 އަހަރަށްފަހުގައެވެ. ސާ އެލްފް ރެމްސޭގެ ކޯޗުކަމުގައި 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލް ކުޅުނު ޓީމަކީ މިހާތަނަށް ވޯލްޑް ކަޕެއްގެ ފައިނަލް ކުޅުނު ހަމައެކަނި އިންގްލެންޑް ޓީމެވެ. އިންގްލެންޑުގެ ޓީމަށް މިރޭ ލިބިފައިވާ ފުރުސަތަކީ އެ ތާރީހު އިޔާދަކުރުމަށް ލިބިފައިވާ ފުރުސަތެވެ.

1990 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ތެރެއިން --- ފޮޓޯ// އޭޕީ

އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ގޮސްފައިވާ އިރު، ޕެނެލްޓީގައި ބަލިވީ ވެސްޓް ޖަރުމަނު އަތުންނެވެ. މިރޭގެ ސެމީ ފައިނަލަށް އިންގްލެންޑުން ނުކުންނާނީ އެ ހަނދާންތަކާ އެކުގައެވެ.

"އައިސްލޭންޑް އަތުން ކެޓުމަކީ އިންގްލެންޑްގެ އެއްވެސް ކުޅުންތެރިއަކު ބޭނުންވި ގޮތެއް ނޫން. އެ މެޗަށްފަހު ވިސްނުނު ބަދަލުތަކެއް ގެންނަން ޖެހިއްޖެކަން. އޭގެ ފަހުން ބަދަލުތަކެއްވެސް އައިސްފި ޓީމަށް،" ޓޮޓެންހަމްއަށް ކުޅެމުން އަންނަ ޑިފެންޑަރު އެރިކް ޑަޔާ ބުންޏެވެ.

ޑަޔާ ބުނީ ޔޫރޯގެ ހިތި ހަނދާން ނައްތާލުމަށް އޮތް ހަމައެކަނި ގޮތަކީ ވޯލްޑް ކަޕުން އެކަން ދެއްކުންކަން ހުރިހާ ކުޅުންތެރިންނަށްވެސް އެނގޭ ކަމަށާއި، މިފަހަރު ވޯލްޑް ކަޕަށް ލިބުނު ހިތްވަރަކަށް އެ ބަލިވެފައިވާ ކަމަށެވެ.

"އަހަރެމެންގެ މުޅި ގައުމު އޮތީ ޓީމުގެ ފަހަތުގައި. މުޅި ގައުމަށް ގެނެސްދެވޭ އުފާވެރިކަމެއް މިއީ. އަހަރެމެންގެ ވިސްނުންވެސް ހުރީ ގައުމީ ކަމެއް ގޮތުގައި. ޓްރޮފީ އިންގްލެންޑަށް ގެންދިއުމުން ނޫނީ ކާމިޔާބެއް ނުވާނެ. ކާމިޔާބުވާނި އެހިސާބުން. މުޅި ޓީމުންވެސް ބޭނުން ވަނީ ފާޑުކިޔުންތަކަށް ރައްދު ދޭން،" ޑަޔާ ބުންޏެވެ.

ކުއާޓާއަށް ދިއުމުން އިންގްލެންޑުން އުފާފާޅުކުރަނީ --- ފޮޓޯ / އޭޕީ

ތާރީހު އަލުން ލިޔެލުމަށް އިންގްލެންޑަށް އޮތް ހަމައެކަނި ހުރަހަކީ ކްރޮއޭޝިއާއެވެ. މިރޭ ކްރޮއޭޝިއާ ބަލިކޮށް، އިންގްލެންޑަށް ފައިނަލަށް ދެވޭނެ ކަމަށް ޓީމުގެ ކުޅުންތެރިންނާއި ކޯޗު ގެރެތު ސައުތުގޭޓްވެސް ގަބޫލުކުރާ އިރު، އިންގްލެންޑްގައި މިހާރު އޮތް ޓީމަކީ، 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ފައިނަލް ކުޅޭނެ ޓީމަށް ވެދާނެއެވެ.

infinity loading...
×
DB released 01.