ހޮހޮޅައިގައި ތާށިވި ކުދިން ސަލާމަތް ކުރި ބަތަލުންނަށް ދުނިޔޭގެ ތައުރީފު!

ތައިލޭންޑުގެ ހޮހޮޅައިގައި އެންމެ ފަހުން ތިބި ނޭވީ ސިފައިންވެސް މިހާރު ވަނީ ހޮހޮޅައިން ނުކުމެފައި -- ފޮޓޯ: ތައި ނޭވީ ސީލްސް

ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި ތާށިވި ކުދިންނާއި އެކުދިން ނިސްބަތްވާ ފުޓުބޯޅަ ޓީމުގެ ކޯޗު ސަލާމަތް ކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔައެވެ. ހަމައެހެންމެ އެއޮޕަރޭޝަނަށް އަމަލީ ގޮތުން ތަފާތު ގައުމުތަކުގެ ޑައިވަރުންގެ އެހީވެސް ލިބިގެން ދިޔައެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެ 12 ކުދިން ހޮހޮޅައިން ފުރަތަމަ ހޯދީ އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ. އަދި އެކުދިންނަށް ހޮހޮޅައިން ނެރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ތައިލޭންޑުގެ އިތުރުން މަދުވެގެން ފަސް ގައުމެއްގެ ޑައިވަރުން ބައިވެރިވި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ނަމަވެސް އެ ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވި ފަރާތްތަކާ ބެހޭ ގޮތުން ތައިލޭންޑުން މާގިނަ މައުލޫމާތެއް ހިއްސާ ނުކުރެއެވެ. އަދި އެފަރާތްތަކުންވެސް މީޑިއާއާ މާބޮޑަށް ވާހަކަ ދައްކާފައެއްވެސް ނުވެއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ އަދަދެއްގެ މީހުން ވަނީ އެ ޑައިވަރުންނަށް ބަތަލުންގެ ލަގަބު ދީފައެވެ. އަދި އެ ޑައިވަރުންނަށް ދަނީ ސޯޝަލް މީޑިއާގައި ހުއްޓުމެއްނެތި ތައުރީފު އޮހެމުންނެވެ.

ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވިކަން މިހާތަނަށް ޔަގީންވެފައިވާ ޑައިވަރުންގެ ތެރޭގައި:

ޖޯން ވޮލަންތެން އާއި ރިޗާޑް ސްޓޭންޓަން

ޖޯން ވޮލަންތެން އާއި ރިޗާޑް ސްޓޭންޓަން އަކީ ހޮހޮޅައިން އެ12 ކުދިން ފުރަތަމަ ހޯދި އިނގިރޭސި ދެ ޑައިވަރުންނެވެ. ތައިލޭންޑުގެ އެދުމުގެމަތިން އެ ދެޑައިވަރުން އެގައުމަށް ދިޔައީ އެކުދިން ގެއްލުނުތާ ތިން ދުވަސް ފަހުންނެވެ.

އައިޓީ ކޮންސަލްޓެންޓެއް ކަމަށްވާ ވޮލަންތެން އާއި ކުރީގެ ފަޔާފައިޓަރެއް ކަމަށްވާ ސްޓޭންޓަން ވަނީ މީގެ ކުރިންވެސް ކޭވް ރެސްކިއު އޮޕަރޭޝަންތަކުގައި ބައިވެރިވެފައެވެ.

ރިޗާޑް ހެރިސް

އޮސްޓްރޭލިއާގެ ޑޮކްޓަރެއް ކަމަށްވާ ރިޗާޑް ހެރިސްއަކީ ތަޖުރިބާކާރު ޑައިވަރެކެވެ. އޭނާ ވަނީ ހޮހޮޅަ ތެރެއަށް ވަދެ، އެކުދިންގެ ހާލު ބަލާފައެވެ. އަދި އެކުދިން ހޮހޮޅައިން ނެރުމަށް 'ގްރީން ލައިޓް' ދިނީ ޑރ. ހެރިސް އެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ޑރ. ހެރިސް ވަނީ މީގެ ކުރިން އޮސްޓްރޭލިއާ، ޗައިނާ، ކްރިސްމަސް އައިލެންޑްސް އަދި ނިއު ޒީލޭންޑުގެ ކޭވް ޑައިވިން އެކްސްޕްލޮރޭޝަންތަކުގައި ބައިވެރިވެފައެވެ. އަދި މީގެ ކުރިން ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި ތަމްރީނުވި ޑރ. ހެރިސް ދަނީ 'އެކްސްޕެޑިޝަން މެޑިސިން' އާއި ރިޓްރީވަލް އޮޕަރޭޝަންތަކުގައި ސްޕެޝަލައިޒް ވަމުންނެވެ.

ސަމަން ގުނާން

އުމުރުން 38 އަހަރުގެ ސަމަން ގުނަން އަކީ ހޮހޮޅައިގައި ތިބި ކުދިން ސަލާމަތް ކުރުމަށް އަމިއްލައަށް އިސްނަގައިގެން ބައިވެރިވި، ރިޓަޔާޑް ތައި ނޭވީ ޑައިވަރެކެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު ހޮހޮޅައިގައި ހަރަކާތްތެރިވި ޑައިވަރުންނަށް އެއާ ޓޭންކުތައް ފޯރުކޮށްދެނިކޮށް އޭނާ ހޭނެތުނެވެ. އަދި އޭނާ ހޭއަރުވަން އެހެން ޑައިވަރަކު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ތައިލޭންޑުގެ ހޮހޮޅައިން ކުދިން ސަލާމަތް ކުރުމަށް އެހީތެރިވުމުގެ ތެރޭގައި މަރުވި ރިޓަޔާޑް ނޭވީ ޑައިވަރު ސަމަން ގުނާން -- ފޮޓޯ: ފޭސްބުކް

ގުނާންގެ މަރާއެކު އެ12 ކުދިންގެ އާއިލާތަކުގެ އިތުރުން ދުނިޔޭގެ ގިނަ އަދަދެއްގެ މީހުން ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި އެކުދިންނާއި ކޯޗު ހޮހޮޅައިން ސަލާމަތް ކުރުމުން އުފާ ފާޅު ކުރި ނަމަވެސް، އެންމެންވެސް ދަނީ ގުނާންގެ ހަނދާން ކުރަމުންނެވެ.

"އޭނާއަށް ބަތަލެއްގެ ގޮތުގައި ތައުރީފު ކުރަމުން ދަނީ އޭނާގެ މިޒާޖުގެ ސަބަބުން. އޭނާ އެހެން މީހުންނަށް އެހީވުމަށާއި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމާއި މަސައްކަތްތައް ކުރުމަށް ލޯބި ކުރި،" ގުނާންގެ އަންހެނުން، ވަލީޕޯން ގުނާން ބުންޏެވެ.

ބެން ރެމެނެންޓްސް

ބެލްޖިއަމްގެ ރައްޔިތެއް ކަމަށްވާ ބެން ރެމެނެންޓްސް އަކީ ޕުކެޓްގައި ބްލޫ ލޭބަލް ޑައިވިން ކިޔާ ކުންފުންޏެއް ހިންގާ ފަރާތެކެވެ. އަދި ހޮހޮޅައިގައި ތިބި ކުދިން ފުރަތަމަ ހޯދި ގުރޫޕުގައި އޭނާ ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ހޮހޮޅައިން ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި ބެން ރެމެނެންޓްސް (ވ) ރެސްކިއި އޮޕަރޭޝަނުގައި އިސްކޮށް ހުންނެވި އޮފިސަރާއި (މ) އެހެން ޑައިވަރަކާ އެކު -- ފޮޓޯ: ފޭސްބުކް

ކްލޯސް ރަސްމޫސެން

ކްލޯސް ރަސްމޫސެން އަކީ ބެން ރެމެނެންޓްސްގެ ކުންފުނީގައި ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޑެންމާކުގެ ރައްޔިތެކެވެ. ތައިލޭންޑުގައި ދިރިއުޅޭތާ ގިނަ އަހަރުތަކެއްވެފައިވާ ރަސްމޫސެން ވަނީ އޭޝިއާގެ ގިނަ އަދަދެއްގެ ގައުމުތަކުގައި ޑައިވްކޮށްފައެވެ.

މައިކޯ ޕާސީ

ފިންލޭންޑުގެ ރައްޔިތެއް ކަމަށްވާ މައިކޯ ޕާސީއަކީ ތައިލޭންޑުގެ ރަށެއްގައި ޑައިވިން ސެންޓަރެއް ހިންގާ ފަރާތެކެވެ. އޭނާއަކީވެސް ކޭވް ޑައިވިންގެ ތަޖުރިބާކާރެކެވެ.

މައިކޯގެ އަންހެނުން ބުނި ގޮތުގައި، ތަމް ލުއަންގް ހޮހޮޅައިގައި ތިބި ކުދިން ސަލާމަތް ކުރުމަށްޓަކައި މައިކޯ ޗިއަންގް ރައިއަށް ގޮސްފައި ވަނީ އެމީހުން ކައިވެނި ކުރިތާ އަށް އަހަރު ފުރުނު ދުވަހެވެ. އަދި މައިކޯ އަކީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެހެން ބައްރަކަށް ދަތުރު ކުރަންވެސް ތައްޔާރަށް ހުންނަ މީހެއް ކަމަށް ކްރިސްޓާ ޕާސީގެ ފޭސްބުކް ޕޯސްޓުގައިވެ އެވެ.

ހޮހޮޅައިން ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި މައިކޯ ޕާސީ -- ފޮޓޯ: ފޭސްބުކް

އިވަން ކަރަޑްޒިކް

އިވަން ކަރަޑްޒިކް އަކީ މައިކޯ ޕާސީއާ އެކު ޑައިވިން ސެންޓަރު ހިންގާ ޑެންމާކުގެ ރައްޔިތެކެވެ.

ކަރަޑްޒިކް ބުނި ގޮތުގައި ހޮހޮޅައިގައި ތިބި ކުދިންނަށް މަޖުބޫރުވެފައި ވަނީ މީގެ ކުރިން އެއުމުރުގެ އެއްވެސް ކުއްޖަކު ނުކުރާ ކަމެއް ކުރުމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައިވެސް އެކުދިންގެ ހިތްވަރަށް ބަދަލުނާންނާތީ އެއީ ގަބޫލު ކުރަންވެސް ދަތި ކަމެއް ކަމަށް އޭނާ ބުންޏެވެ.

ތައި ނޭވީ ސީލްސް

ތަމް ލުއަންގް ހޮހޮޅައިން އިއްޔެ 12 ކުދިންނާއި އެކުދިންގެ ކޯޗު ނެރުނު ފަހުން، އެހޮހޮޅައިން އެންމެ ފަހުން ނުކުތީ ތައިލޭންޑުގެ ނޭވީއަށް ނިސްބަތްވާ ހަތަރު ސިފައިންނެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި ތިން ޑައިވަރުން ހިމެނުނެވެ.

މީގެ އިތުރުންވެސް އެގައުމުގެ ގިނަ އަދަދެއްގެ ޑައިވަރުން އެކުދިން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް