މަހަރޭޒް ސިޓީއަށް، އަގަކީ 60 މިލިއަން ޕައުންޑް

މަހަރޭޒް ސިޓީއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ އޭޕީ

ލެސްޓާ ސިޓީގެ ތަރި، އަލްޖީރިއާގެ ރިޔާދު މަހަރޭޒް މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.

މަހަރޭޒް ސިޓީއަށް ބަދަލުވެފައި ވަނީ ކްލަބު ރެކޯޑު 60 މިލިއަން ޕައުންޑުގެ އަގަކަށެވެ. މީގެ ކުރިން ސިޓީއަށް އެންމެ އަގުބޮޑުކޮށް ގެންގޮސްފައި ވަނީ ޑިފެންޑަރު އަމެރިކް ލަޕޯޓޭއެވެ. އެތުލެޓިކޯ މެޑްރިޑުން އޭނާ ސިޓީއަށް ބަދަލުވީ 57 މިލިއަން ޕައުންޑުގެ އަގެއްގައެވެ.

މަހަރޭޒް ގެންދަން މިދިޔަ ޖެނުއަރީ މަހު ޓްރާންސްފާ ސީޒަންގައިވެސް ސިޓީން މަސައްކަތް ކޮށްފައިވާ އިރު، އެފަހަރު ލެސްޓާއިން ވަނީ މަހަރޭޒްއަށް ސިޓީން ހުށަހެޅި އަގަށް ނުވިއްކާނެ ކަމަށް ބުނެފައެވެ.

ލެސްޓާއިން 2015-16 ވަނަ އަހަރުގެ ޕްރިމިއާ ލީގު އުފުލާލި އިރު، މަހަރޭޒް އަކީ އެ ޓީމުގެ މައި ތަނބެވެ. އޭނާ ވަނީ އެ ސީޒަންގެ ޕީއެފްއޭ ޕްރިމިއާލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ލެސްޓާއަށް މަހަރޭޒް ކުޅުނު 179 މެޗުން އޭނާ ވަނީ 48 ގޯލް ޖަހައިފައެވެ.

ސިޓީއަށް ސޮއިކުރުމަށްފަހު އުމުރުން 27 އަހަރުގެ މަހަރޭޒް ބުނީ ސިޓީގެ ކުޅުމުގެ ސްޓައިލަކީ އޭނާގެ ކުޅުމާ އެންމެ ގުޅޭ ސްޓައިލް ކަމަށާއި ޕެޕް ގާޑިއޯލާ އެޓޭކިން ފުޓުބޯޅައަށް އޭނާ އަބަދުވެސް ޝައުގުވެރިވާ ކަމަށެވެ.

މަހަރޭޒް ބުނީ ސިޓީއާއެކު ކާމިޔާބީތަކެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އޭނާގެ އަމިއްލަ ހުނަރުވެސް ގާޑިއޯލާއާއެކު ކުރިއެރުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މަހަރޭޒް ލެސްޓާ ސިޓީއާ ގުޅިފައި ވަނީ 2014 ވަނަ އަހަރުގައެވެ. ލެސްޓާއިން މަހަރޭޒްގެ ސޮއި ހޯދީ އޭނާ ފްރާންސްގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ލޭ ހާވްރޭއަށް ކުޅެމުން ދަނިކޮށެވެ. އޭރު މަހަރޭޒްގެ އަގަކީ ހަތަރު ލައްކަ ޕައުންޑެވެ.

comment ކޮމެންޓް