ޗައިނާގެ އިތުރު އުފެއްދުންތަކަކުން ޓެކްސް ނަގަން ޓްރަމްޕް ނިންމަވައިފި

އެމެރިކާގެ ރައީސް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިން ޕިން އާ އެކު --- ގެޓީ އިމޭޖަސް

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ އިތުރު އުފެއްދުންތަކަކުން ޓެކްސް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވައިފިއެވެ.

މިއާއެކުއިތުރު 200 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ނެގޭނެއެވެ. އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ރޮބާޓް ލައިތީޒާ އާންމުކުރެއްވި ޓެރިފް ނެގޭ އާ އުފެއްދުންތަކުގެ ލިސްޓުގައި ހިމެނެނީ ވާރޭ ކޯޓު، މޭވާ އާއި ތަރުކާރީ، ރެފްރިޖަރޭޓަރު، ހޭންޑްބޭގް އަދި ބޭސްބޯލް ގްލަވްސް ފަދަ އުފެއްދުންތަކެވެ. މި ބާވަތްތަކުން 10 ޕަސެންޓުގެ ޓެރިފެއް ނަގާނެއެވެ.

މިދިޔަ ހަފްތާ ބަންދާ ދިމާކޮށް އެމެރިކާ އިން ވަނީ ޗައިނާއިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ އަގުހުރި މުދަލުން 25 ޕަސެންޓުގެ ޓެކުސް ނަގަން ނިންމައިފައެވެ. ޖަވާބުގައި ޗައިނާ އިންވެސް ވަނީ މި ވިޔަފާރީގެ ހަނގުރާމައަށް އިޖާބަދީ އެމެރިކާއިން އެގައުމަށް އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ނަގަން ނިންމައިފައެވެ.

ޗައިނާއިން ވިޔަފާރީގައި "އަން އެތިކަލް" ކަންކަން ގެންގުޅޭ ކަމަށް ބުނެ ޓްރަމްޕް ވަނީ ވިޔަފާރީގެ ގޮތުން ޗައިނާއަށް ދަތިކޮށް ފިޔަވަޅު އަޅަން ނިންމައިފައެވެ. ޓްރަމްޕް މިކަން ސިފަކުރައްވަނީ "ވިޔަފާރީގެ ހަނގުރާމަ" އެއްގެ ގޮތުގައެވެ.

ޗައިނާއިން ޓެރިފް ނަގަން ނިންމި އެމެރިކާގެ އުފެއްދުންތަކުގެ ތެރޭގައި އެއްގަމު މަހާއި، ސޯޔާ ބީީންސް، ކާރު އަދި ދަނޑުވެރިކަމުން ހައްދާ ތަކެތި ހިމެނެއެވެ.

comment ކޮމެންޓް