މުފްތީ މެންކް ޑރ. ޝަހީމަށް މަރުހަބާ ވިދާޅުވެއްޖެ

ޑރ.ޝަހީމް މުފްތީ މެންކްއާއި އެކު--ފޮޓޯ/ މީސް މީޑިއާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމް ފުރުއްވަމުން ގެންދަވާ ޑރ. ޝަހީމް، ރަނިންމޭޓަކަށް އައްޔަންކުރުމަށް ރައީސް ޔާމީން ނިންމަވައި، އެކަން ޕީޕީއެމްގެ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން އެ ކައުންސިލްގެ އިއްތިފާގުން ވަނީ އެކަމުގައި މައްސަލައެއް ނެތް ކަމަށް ފާސްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.

މުފްތީ މެންކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަހީމް ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކާއި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާމެދު ފަޚްރުވެރިވާ ކަމަށާއި އަދި ޝަހީމަށާއި ރާއްޖެއަށް އުފާވެރި މުސްތަގުބަލަކަށް އެދޭ ކަމަށެވެ.

މުފްތީ މެންކްގެ އިތުރުން ދުނިޔޭގެ އެކިއެކި އިލްމްވެރިންނާއި އަދި ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންވެސް ދަނީ ޝަހީމަށް މަރުހަބާ ވިދާޅުވަމުންނެވެ. އެގޮތުން ރާއްޖޭގައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރުވެސް ވަނީ ޝަހީމަށް މަރުހަބާ ވިދާޅުވެ ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

comment ކޮމެންޓް