ރޮނާލްޑޯ ޔުވެންޓަސްއާ ގުޅެން އެއްބަސްވެފައިވާކަން ރެއާލުން ކަށަވަރުކޮށްދީފި

ރެއާލްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވާން ނިންމާފައިވާ ކަން ރެއާލުން ކަށަވަރުކޮށްދީފިއެވެ.

ހަބަރުތައް ބުނާގޮތުގައި ރެއާލްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ، ޔުވެންޓަސްއާ ގުޅުމަށް އެއްބަސްވެފައިވަނީ 105 މިލިއަން ޕައުންޑަށެވެ.

ޔުވެންޓަސްއާ ގުޅުމަށް ރޮނާލްޑޯ އެއްބަސްވެފައިވާކަން ރެއާލުން ކަށަވަރުކޮށްދީފައިވަނީ އެ ކްލަބުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާން މެދުވެރިކޮށް، ރެއާލުން ވަނީ އޭނާއަށް ކުރިމަގުގައި ވެސް ކާމިޔާބީއަށް އެދޭކަމަށް ހާމަކޮށްފައެވެ.

"ރެއާލް މެޑްރިޑަށް ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ކުރިއަށްއޮތް ޖެނެރޭޝަންތަކަށް ރަނގަޅު ނިޝާނެއް. ރެއާލް މެޑްރިޑް އަބަދުވެސް ރޮނާލްޑޯގެ އަމިއްލަ ގެއަށް ވާނެ،" ރެއާލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ގްރީސްގައި އޭނާ ދިރިއުޅޭ ހޮޓެލްގައި ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނެއްލީ ބައްދަލުކުރި ކަމަށް ހަބަރުތައް ބުނެއެވެ. ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމުމަށް ރޮނާލްޑޯގެ އެޖެންޓް، ރެއާލްއާ މަޝްވަރާކުރި ކަމަށް ވެސް އެ ހަބަރުތައް ބުނެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޕައުންޑުގެ އަގަކަށް ރެއާލްއާ ގުޅުމަށްފަހު އޭނާ ވަނީ އެ ކްލަބުގައި ނުވަ ސީޒަން ހޭދަކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދެ ސްޕެނިޝް ލަލީގާއާއި، ދެ ކޮޕާ ޑެލްރޭ އަދި ހަތަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދި ރޮނާލްޑޯ ވެގެންގޮސްފައިވަނީ ރެއާލްގެ ދިގު ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ އެ ކްލަބަށް 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް