ވޯލްޑް ކަޕް ފައިނަލަށް ނުދެވޭނެ، އޯލްޑް ޓްރެފޯޑަށް ވެސް ދައުވަތު ދީފި!

ތައިލޭންޑުގެ ހޮހޮޅައިގައި ތާށިވި އެގައުމުގެ ޒުވާން ފުޓްބޯޅަ ޓީމާއި އެކުދިންގެ ކޯޗު ހޮހޮޅައިގެ ތެރޭގައި --- ފޮޓޯ/ އޭޕީ

ތައިލޭންޑުގެ ތަމް ލުއަންގް ހޮހޮޅައިގައި މިދިޔަ މަހު ތާށިވި ވައިލްޑް ބޯސް ޓީމުގެ 12 ކުދިންނާއި އެކުދިންގެ ކޯޗު ހޮހޮޅައިން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލީ މިއަދުއެވެ.

އުމުރުން 11 އަހަރާއި 16 އަހަރުގެ ކުދިން ހިމެނޭ ޓީމު އަދި ކޯޗު އެ ހޮހޮޅައިގެ ތެރޭގައި ތާށިވީ ވިއްސާރަވުމުގެ ސަބަބުން ކިސަޑުވެ ހޮހޮޅަ ބަންދުވުމުގެ ސަބަބުންނެވެ. އެކުދިން ހޮހޮޅަ ތެރޭގައި ތާށިވެ، ދިރިތިބިކަން މިދިޔަ ހަފްތާ ތެރޭގައި އެނގުމާއެކު ތައިލެންޑުގެ އިދާރާތަކުން ވަނީ އެކުދިން ސަލާމާތް ކުރުމުގެ މަސައްކަތް ފަށައިފައެވެ.

ތިން ދުވަހުގެ އޮޕަރޭޝަނަކަށްފަހު ހުރިހާ ކުދިންނާއި ކޯޗުވެސް ސަލާމަތް ކޮށްފައިވާ އިރު، މިވަގުތު ކޯޗާއި ކުދިންނަށްވެސް ދަނީ ފަރުވާދެމުންނެވެ. އެ ކުދިންނަށް އެއްވެސް އިންފެކްޝަނެއްގެ އަސަރެއް ކޮށްފައިވޭތޯ ބެލުމުގެ އިތުރުން ހަށިގަނޑުގެ އެހެނިހެންވެސް ޓެސްޓްތައް ހަދަމުންދާ އިރު، އެކުދިންގެ އާއިލާތަކާވެސް ބައްދަލުކުރުމުގެ ފުރުސަތު އަދި ދީފައެއް ނުވެއެވެ.

ހޮހޮޅައިގައި ތާށިވެފައި ތިބި އެ ގައުމުގެ ފުޓުބޯޅަ ޓީމަށް ވޯލްޑް ކަޕްގެ ފައިނަލް ބެލުމަށް ފީފާގެ ރައީސް ޖިއާނޯ އިންފެންޓީނޯ ހާއްސަ ދައުވަތެއް ދީފައިވާ އިރު، އެ ކުދިން ސަލާމަތްވުމާއެކު ގިނަ ބައެއްގެ ލޯތައް އަމާޒުވީ އެކުދިން ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ބައިވެރިވާނެތޯ ކުރެވުނު ސުވާލަށެވެ.

https://sun.mv/107645

ތައިލޭންޑްގެ ޗިއާންގް ރާއީ ހޮސްޕިޓަލުގައި ކުދިންގެ ޓެސްޓްތައް ފުރިހަމަ ކުރަމުންދާ އިރު، އެ ހޮސްޕިޓަލާ ހަވާލާދީ އޭއެފްޕީއިން ބުނެފައިވަނީ ޓެސްޓަކުގެ ނަތީޖާ ނުލިބެނީސް އެއްވެސް މީހަކަށް އަދި އާއްމުންނާ ބައްދަލުނުވާނެއެވެ.

މިހާތަނަށް ލިބުނު މައުލޫމާތުތައް ބުނާ ގޮތުގައި ޗިއާންގް ރާއީގެ މެޑިކަލް ޓީމުން ބުނެފައިވަނީ ފީފާގެ ދައުވަތަށް ނޫނެކޭ ބުނުމަށެވެ. ކުދިންގެ ސިއްހަތު ފިޒިކަލީ ރަނގަޅު ނަމަވެސް އެކުދިންގެ މެންޓަލް ސިއްހަތަށްވެސް ވިސްނުމަށްފަހު ޑޮކްޓަރުން ލަފާ ދެނީ އެހާ ދުރު ދަތުރު ނުކޮށް ހޮސްޕިޓަލުގައި މެޗު ބެލުމަށް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެކުދިންނަށް މޮސްކޯއަށް ދަތުރުނުކުރެވޭނެ ކަމަށް ބުނުމުން ފީފާއިން ބުނެފައިވަނީ ކުދިންނަށް ވޯލްޑް ކަޕްގެ ފައިނަލްގައި ބައިވެރިވެވޭނެ އިތުރު ގޮތެއް ހޯދަދޭނެ ކަމަށެވެ. ކުދިންނާއި ކޯޗު ސަލާމަތް ކުރެވުނީތީ އިންތިހާއަށް އުފާކުރާ ކަމަށް ފީފާއިން ބުނެފައިވާ އިރު، ފީފާއިން ބުނެފައިވަނީ އެންމެ އިސްކަމެއް ދޭނީ ކުދިންގެ ސިއްހަތަށް ކަމަށެވެ.

މުޅި ފުޓުބޯޅަ ދުނިޔޭގެ ލޯތައް ތައިލެންޑްގެ ވައިލްޑް ބޯސް ޓީމަށް އަމާޒުވެފައިވާ އިރު، ވޯލްޑް ކަޕްގެ ޓީމުތަކުންވެސް ވަނީ އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ މެސެޖުތައް މީސްމީޑިއާ މެދުވެރިކޮށް ރައްދުކޮށްފައެވެ. ހާއްސަކޮށް އެކުދިން ސަލާމަތްވުމުގެ ހަބަރާއެކު ދުނިޔޭގެ ބޮޑެތި ކްލަބުތަކުންވެސް ވަނީ އެކުދިން ސަލާމަތްވުމުގެ އުފަލުގައި ބައިވެރިވެފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ސަގާފީ އެއް ކްލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ފޭސްބުކް ޕޯސްޓްގައި ކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ ކުދިންނާއި ކޯޗު ސަލާމަތްވުމަކީ ކްލަބަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި އެ ކުދިންގެ ހިތްވަރަށް ސާބަސް ދޭ ކަމަށާއި، މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހީ ސްޓޭޑިއަމް، އޯލްޑް ޓްރެފޯޑަށް ދިއުމަށް އެ ކުދިންނާއި ކޯޗަށް ދައުވަތު ދޭ ކަމަށްވެސް ޔުނައިޓެޑްގެ ޕޭޗުގައި ވެއެވެ.

ކުރިއަށް އޮތް ސީޒަންގައި ވައިލްޑް ބޯސް އަދި އެ ޓީމު ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ޓީމަށްވެސް މެންޗެސްޓާ ޔުނައިޓެޑްގެ ސްޓޭޑިއަމްއަށް ޒިޔާރަތް ކުރުމަށް އެ ކްލަބުން ދައުވަތުދީފައިވާ އިރު، ދުނިޔޭގެ ބޮޑެތި އެހެން ކްލަބުތަކުން ވެސް ތައިލެންޑްގެ ޓީމު ހޮހޮޅައިން ސަލާމަތްވުމުގެ އުފުލުގައި އެކި ގޮތްގޮތުން ދަނީ ބައިވެރިވަމުންނެވެ.

comment ކޮމެންޓް