ޝަހީމްގެ ޝަޚްޞު ކަތިލަނީ ސީޔާސީ ބޭނުމަކަށް: ރައީސް ޔާމީން

މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ އެކަމަށް ގާބިލް ބޭފުޅެއް ކަމަށާއި އޭނާގެ ޝަޚްޞު ކަތިލަނީ ސިޔާސީ ބޭނުމަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑރ. ޝަހީމް އެމަނިކުފާނުގެ ރަނިންމޭޓަކަށް އައްޔަން ކުރުމުގެ ކުރިން އެމަނިކުފާނު ލޭބަލް ކުރެވެނީ ރާއްޖޭގައި ތިބި އެންމެ މަޝްހޫރު ދީނީ އިލްމްވެރިންގެ ގިންތީގައި ކަމަށާއި އެމަނިކުފާނަކީ ގިނަ ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ. ނަމަވެސް ރަނިން މޭޓަކަށް އައްޔަން ކުރި ހިސާބުން އެމަނިކުފާނުގެ ޝަޚްޞު ކަތިލަނީ ސިޔާސީ ބޭނުމަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިއޮއް ހުރިހާ ދުވަހު ޑރ. ޝަހީމަކީ ދީނީ އިލްމްވެރިންގެ ތެރެއިން ފުންނާބު އުސް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. އެބޭފުޅަކާއި ދޭތެރޭ އަޅުގަނޑުމެން އެންމެ ކަމޭހިތާ އިހުތިރާމް ކުރާ ބޭފުޅެއް. އެކަމަކު ސިޔާސީ ބޭނުމަކަށްޓަކައި އެކަނި އެބޭފުޅާގެ ޝަޚްޞު ކަތިލުމުގެ ކޮން ހައްގެއްތޯ އަޅުގަނޑުމެންނަށް އޮތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޝަހީމާ އެކު ދީނީ އިލްމްވެރިންތަކެއް ތިއްބެވީމާ އެބޭފުޅުންގެ ޝަޚްޞު ކަތިލުމުގެ މަސައްކަތް ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް އެ އިލްމްވެރިންގެ އަބުރު ކަތިލަމުންދާ މީހުންގެ ރަށްރަށުގައި ރަމަޟާން މަހު ނުވަތަ އެނޫންވެސް މަސްމަހު ވާއިޛުންގެ ގޮތުގައި އެ ބެފުޅުން ގެންދިޔުން ހަމަ އެންމެ ރަނގަޅު ކަަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޑރ. ޝަހީމަށް ސިޔާސީ މަސައްކަތް ކުރައްވަން ދައުވަތު އެރުވީ މި ގައުމުގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށް އޮތް ޝައުގުވެރިކަމާއި ދީނީ ވަހުދަތަށް ދެވިފައި އޮތް އިހުތިރާމުން ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް ކޮށްދެވޭނެ ބޭފުޅަކީ ނައިބު ރައީސެއްގެ ގޮތުން ޑރ ޝަހީމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމަ އެކަމަށް އެމަނިކުފާނު އަޅުގަނޑު އިހުތިޔާރު ކުރީމަ އެމަނިކުފަނުގެ ޝަޚްޞު ކަތިލަން ދިމާކުރަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހާލަތު އޮތީ މިހެން ކަމަށާއި އެއީ ޑިމޮކްރަސީގެ ކޮން މިސާލެއްތޯ ސުވާލު އުފެދޭ ކަަމަށެވެ. އަދި ވިދާޅުވީ އެއީ ޑިމޮކްރަސީގެ މިސާލެއް ނޫން ކަމަށާއި އެއީ އެންމެ ވިޔާނުދާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

comment ކޮމެންޓް