ޗައިލްޑް ކެއާ ހޮސްޕިޓަލެއް ގާއިމުކޮށް، އިސް ރަށްވެހިންގެ އިނާޔަތް ބޮޑުކުރާނަން: ރައީސް ޔާމީން

ރައީސް ޔާމީން މުލަކުގައި ވާހަކަފުޅު ދައްކަވަނީ --

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅައި އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތް ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިއަދު މ. މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭގައި އިމާރާތް ކުރަމުންދާ ދަރުމަވަންތަ ހޮސްޕިޓަލް ކަހަލަ ބޮޑު ހޮސްޕިޓަލެއް އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ކޮށްގެން އަޅުއްވާނެ ކަމަށެވެ.

"މި ސަރުކާރަކީ އަންހެނުންނާއި ކުޑަކުދިންނަށް ވަރަށް ބޮޑަށް އިސްކަމެއްދޭ ސަރުކާރެއް. ކުރިއަށް އޮތް ތަނުގައި ދަރުމަވަންތަ ހޮސްޕިޓަލް ކަހަލަ ބޮޑު ހޮސްޕިޓަލެއް އަންހެނުންނާއި ކުޑިކުދިންނަށް ހާއްސަ ކޮށްގެން އެޅިގެންދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ދުވަސްވީ މީހުންނަށް މިހާރުދޭ 5000 ރުފިޔާގެ އިނާޔަތް ކުރިއަށް އޮތްތަނުގައި ބޮޑު ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރާއްޖޭގެ އާއްމުދަނީ އިތުރުވަމުންދާ އިރު ދުވަސްވީ ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑު ނުކުރެވެންވީ ސަބަބެއް ނެތް. ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރު ކުރެވިގެންދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް ބޮޑު ކުރައްވާނެ އަދަދެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް