އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގައި ހަ ޕްރައިވެޓް ރޫމް އަޅަނީ

އެއްބަސްވުމުގައި ސޮއިކުރައްވަނީ---

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ހަ ޕްރައިވެޓް ރޫމް ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ކުޑަ ހަފްލާ އެއްގައި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިީމެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުރުޝިދާ އަލި މަނިކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ މި ޕްރޮޖެކްޓަކީ އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުން ފަރުވާ ހޯދާމީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް މިހާރަށްވުރެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.

ރައީސް ޔާމީންގެ ވޭތުވެދިޔަ ހަތަރު އަހަރާ ބައިގެ ސަރުކާރުގައި އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ފުޅާ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިތަނުގެ އެންމެ ބޮޑު ޝަކުވާ އަކީ މިތާ ޕްރައިވެޓް ރޫމެއް ނުހުރުން. މިކަން ހައްލުކުރުމަށް މި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި،" ނާޒިމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ އެ އަތޮޅަކީ 15 ވަރަކަށް ރިސޯޓް އޮންނަ އަތޮޅަކަށްވުނުން ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ކަމަށެވެ. އެެންކަމުން ޕްރައިވެޓް ރޫމްގެ ޚިދުމަތަކީ އެ ހޮސްޕިޓަލަށް ކޮންމެހެން މުހިންމު ޚިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރަށަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އެ އަތޮޅު މީހުންވެސް ފަރުވާ ހޯދުމަށް އަންނަ ހޮސްޕިޓަލެއް. އެހެންވެ ޕްރައިވެޓް ރޫމްގެ ޚިދުމަތް ބޭނުންވޭ. ޕްރައިވެޓް ރޫމް އެޅުމަކީ ވޭތުވެދިޔަ އަހަރުވެސް ނިންމާފައި އޮތް ކަމެއް،" އޭނާ ވިދާޅުވިއެވެ.

ހަ ޕްރައިވެޓް ރޫމަށް ޚިދުމަތް ދިނުމަށް ނާސް ސްޓޭޝަން، ކްލީން ޔުޓިލިޓީ، ޑާޓީ ޔުޓިލިޓީ މެޑިކަލް ސްޓޯ، ޖެނެރަލް ސްޓޯ އަދި ޓްރީޓްމަންޓް ރޫމެއް ގާއިމް ކުރަން ވަނީ ނިންމާފައެވެ.

އެ މަސައްކަތް ނިންމުމަށް 180 ދުވަހުގެ މުހުލަތެއް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވެއެވެ. އެ ޕްރޮޖެކްޓްގެ އަގަކީ ހަތަރު މިލިއަން ނުވަސަތޭކަ ދެހާސް ހަތްސަތޭކަ އަށްޑިހަ ހަ ރުފިޔާ އެވެ.

comment ކޮމެންޓް